ސައޫދީ އަރަބިއްޔާއިން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ އެހީ ދެނީ

ބޮޑުވަޒީރު އިމްރާންޚާނާއި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ބައްދަލުކުރައްވަނީ

ޕާކިސްތާނުގެ ބެލެންސް އޮފް ޕޭމަންޓް ރަނގަޅުކުރުމަށް ދޭ އެހީއެއް ގޮތުގައި އެއް އަހަރުދުވަހުގެ ތެރޭގައި ޕާކިސްތަނަށް ތިން ބިލިއަން ޑޮލަރު ދިނުމަށް ސައޫދީ އަރަބިއްޔާއިން ނިންމައިފިއެވެ. މީގެ އިތުރުށް އެގައުމުން ވަނީ ފައިސާ ދައްކާގޮތަށް އެއް އަހަރުދުވަހުގެ  ތެރޭގައި ތިން ބިލިއަން ޑޮލަރުގެ ތެޔޮ ޕާކިސްތާނަށް ދިނުމަށްވެސް ނިންމާފައެވެ.

މި ނިންމުތަކުގެ ސަބަބުން ޝަރުޠައް ބޮޑު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ލޯނު ނުނަގައި ޕާކިސްތާނަށް ފަރުޖެއްސޭނެއެވެ.

 ސައޫދީ މި އެހީ ޕާކިސްތާނަށް ދޭން ނިންމީ ފިއުޗާ އިންވެސްޓްމަންޓްމަންޓް އިނިޝިއޭޓިވް (އެފްއައިއައި) ގެ ނަމުގައި ސައޫދީ ވެރިރަށް ރިޔާޒުގައި މިހާރު ކުރިއަށްދާ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި، ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ފަހުގައެވެ.

"ސައޫދީ އަރަބިއްޔާއިން ބެލެންސް އޮފް ޕޭމަންޓަށް ދޭ އެހީއެއްގެ ގޮތުގައި އެއް އަހަރުދުވަހުގެ ތެރޭގައި ތިން ބިލިއަން ޑޮލަރު ޑިޕޮސިޓްކުރާނެއެވެ. އަދި ފަހުން ފައިސާ ދައްކާ ގޮތަށް ތިން ބިލިއަން ޑޮލަރުގެ ތެޔޮ އެތެރެކުވޭ އަހަރަކު އެތެރެކުރެވޭ ގޮތްވެސް އެގައުމުން ވަނީ ހަމަޖައްސައިދީފައެވެ. މިކަން ހަމަޖައްސާދީފައި ވަނީ ތިން އަހަރެށެވެ. ފަހުން މުރާޖައާ ކުރެވޭ ގޮތަށެވެ." ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވާގޮތުން މިކަމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) ގައި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު އަސަދު އުމަރެވެ. އަދި ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މާލީ ވަޒީރު މުޙައްމަދު ޢަބްދުﷲ އަލްޖަދްއާނެވެ.

ޕާކިސްތާނުން ބޭރުގެ އެހީއަށް އެދެން ޖެހިފައިވަނީ، ބަޖެޓުގެ ދަރަނި ބޮޑުވެ އެކަމުން ސަލާމަތްވާނެ ގޮތެއް ނެތިގެންނެވެ. ބޮޑުވަޒީރު އިމްރާނާ ޚާން ވިދާޅުވާ ގޮތުގައި މި ހާލަތަށް އަންނަން ޖެހުނީ ކުރީގެ ސަރުކާރުތަކުގެ އިހުމާލުގެ ސަބަބުންނެވެ. ފަހުން ސިޔާސީ ލީޑަރަކަށް ބަދަލުވެވަޑައިގެންފައިވާ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، އިމްރާން ޚާން ވަނީ އެއް މިލިޔަން ވަޒީފާ އުފައްދަވާނެކަމަށާ، "އިސްލާމިކް ވެލްފެއަރ ސްޓޭޓް" އެއް ބިނާކުރައްވާނެކަމަށް އޭނާގެ ކެމްޕޭންގެ ދުވަސްވަރު ވައުދުވެވަޑައިގެންފައެވެ.

ޕާކިސްތާނުގެ ބަޖެޓް ޑެފިސިޓް ބޮޑުވެގެން ގޮސްފައިވާއިރު، އެގައުމުގެ މަރުކަޒީ ބޭންކުގެ ބޭރު ފައިސާގެ ރިޒާވްވެސް ވަނީ 8.1 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ޕާކިސްތާނާއި ސައޫދީ އަރަބިއްޔާގެ އިސް މަސްއޫލުވެރިން ވަނީ އީރާނާ އެއް އިންވެގެން އޮންނަ ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ބަލޯޗިންތާނުގައި މައުދަން ނެގުމުގެ ދާއިރާގައި ސައޫދީން އިންވެސްޓްކުރުމާބެހޭ މަޝްވަރާތަކެއްވެސް ކޮށްފައެވެ.

ސައޫދީ އަރަބިއްޔާއަށް ފަހު، ބޮޑުވަޒީރު އިމްރާން ޚާން މެލޭޝިޔާއާއި، ޗައިނާއަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.