އިމްރާން ޚާނާ ދެކޮޅަށް ކުރާ ދައުވާގައި ހިމެނޭ ޓެރަރިޒްމްގެ ބައި އުނިކުރުމަށް ކޯޓުން އަމުރުކޮށްފި

ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާނާ ދެކޮޅަށް ޕާކިސްތާނު ސަރުކާރުން ކުރާ ދައުވާގައި ހިމެނޭ ޓެރަރިޒަމްގެ ބައި އުނިކުރުމަށް އިސްލާމްއާބާދު ހައިކޯޓުން އަމުރުކޮށްފިއެވެ.

ސަރުކާރުން ކުރާ ދައުވާގައި ބުނެފައި ވަނީ ފާއިތުވި މަހު އިސްލާމްއާބާދުގައި ބޭއްވި ބޮޑު އެއްވުމުގައި ޢިމްރާން ޚާން ދެއްކެވި ވާހަކަފުޅުގައި އިސްލާމްއާބާދުގެ ޑިސްޓްރިކް ކޯޓް އީސްޓްގެ އެޑިޝަނަލް ސެޝަންސް ޖަޖް ޒޭބާ ޗައުދަރީއާއި، އިސްލާމްއާބާދުގެ ފުލުހުންގެ ބައެއް އޮފިސަރުންނަށް އިންޒާރުދެއްވި ބިރުދައްކަވާފައިވާތީ، އެކަން ބެލެވޭނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމުގައެވެ.

ޢިމްރާން ޚާން އެ ޖަލްސާގައި ދެެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ، އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކެ އިންސާފް (ޕީޓީއައި) ގެ އިސްބޭފުޅެއް ކަމުގައިވާ ޝެހްބާޒް ގިލް ހައްޔަރުކުރުގައި ފަނޑިޔާރު ޒޭބާ ޗައުދަރީއާއި، އިސްލާމްއާބާދު ފުލުހުން އިސް ބައެއް އޮފިސަރުން އަމަލުކުރައްވާފައިވާ ގޮތުން އެބޭފުޅުންނާ ދެކޮޅަށް "ފިޔަވަޅުއަޅާނެ" ކަމުގައެވެ. ސަރުކާރުން މިވާހަކަ މާނަކޮށްފައިވަނީ ޓެރަރިޒަމް ކަމުގައެވެ.

އިސްލާމްއާބާދު ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޖަސްޓިސް އަޠުހަރް މިނަﷲ އާއި ޖަސްޓިސް ސަމަން ރަފާތު އިމްތިޔާޒު ހިމެނިވަަޑައިގަންނަވާ ބެންޗުން މި އަމުރެ ނެރެފައި ވަނީ ޢިމްރާން ޚާންއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިން ޓެރަރިޒަމްގެ ބައި އުނިކުރުމަށް އެދި ޕީޓީއައިއިިން ހުށަހެޅި މައްސަލަ ބެލުމަށް ފަހުގައެވެ. މައްސަލައިގައި ހިމެނޭ އެހެން ބައިތަކުގު ޝަރީއަތް ފަހުން ކުރިއަށް ގެންދަންވެސް ކޯޓުން ވަނީ ނިންމާފައެވެ. \

މި އަމުރަށް ފަހު ނޫސްވެރިންނާ ވާހަަކަފުޅުދައްކަވަމުން ޢިމްރާން ޚާންގެ ގާނޫނީ ވަކީލު ސަލްމާން ޞަފްދަރް ވިދާޅުވީ، މިއަދު ކޯޓުން ކުރި އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ބާޠިލުވެފައިވާ ކަމަށާއި، މާދަމާ (އަންގާރަ ދުވަހު) ޢިމްރާން ޚާން އެންޓި ޓެރަރިޒަމްގެ ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

ޢިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައި ވަނީ ފާއިތުވި އެޕްރީލް މަހު އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި އިތުބާރުނެތްކަމުގެ ވޯޓަކުންނެވެ. މަގާމުން ދުރުކުރުމަށް ފަހު އިމްރާން ޚާން ގެންދަވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައި، ޕާކިސްތާނުގެ ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވަވަމުންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އާއްމު އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.