އިތުބާރުނެތްކަމުގެ ވޯޓުނަގައި ޢިމްރާން ޚާން މަގާމުން ދުުރުކޮށްފި

ޕާކިސްތާން ނޭޝަނަލް އެސެމްބްލީގެ އިމާރާތުގެ ބޭރުގައި ސަލާމަތީ ބާރުތަކުން އިއްޔެ ފޯރިމަރަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާ ދެކޮޅަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަަލައަށް ރޭ ދަންވަރު ނެގި ވޯޓުން އޭނާއަށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު އޭނާއަށް ބޮޑުވަޒީރުކަމުގެ މަގާމު ގެއްލިއްެޖެއެވެ.

ކުރިން ނަގަން މަސައްކަތްކުރި ވޯޓު ކެންސަލްކޮށް، ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީ، އުވާލާފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރަށް މަޖިލީހުގެ ޖަލްސާ ފަށާފައި ވަނީ އިއްޔެ ހެނދުނު 10:30 ގައެވެ. އެހެންނަމަވެސް، އެކި ފަހަރު މަތިން ޖަލްސާ މެދުކަނޑާލައި، ވޯޓު ނެގުން ލަސްކުރުމަށް ފަހު މަޖިލީހުގެ ރައީސު (ސްޕީކާ) ކަމުގައި އިންނެވި އަސަދް ޤައިޞަރު މަގާމުން ރޭ އިސްތިއުފާ ދެއްވިއެވެ. އޭނާއަކީ ޢިމްރާން ޚާންގެ ޕާކިސްތާން ތަޙްރީކެ އިންޞާފް (ޕީޓީއައި) ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އޭނާގެ އިސްތިއުފާއާއެކު، މެންދަންވާން ކައިރިވެފައި ވަނިކޮށް، މަޖިލީހުގެ ރިޔާސަތާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އަށް ނިސްބަތްވެވަޑައިގަންނަވާ އަޔާޒް ޞާދިޤް ޙަވާލުވެވަޑައިގެން އިތުބާރުނެތްކަމުގެ ވޯޓުނެގުން ކުރިއަށް ގެންދެވިއެވެ. ދަންވަރުގެ ވަގުތެއްގައި ނިމުމަކަށް އައި ވޯޓު ނެގުމުގައި 174 މެންބަރަކު ވަނީ އިމްރާން ޚާންގެ އިތުބާރުނެތްކަަމަށް ވޯޓުދެއްވާފައެވެ. 342 މެންބަރުން ހިމެނޭ މަޖިލީހުގެ އަޣުލަބިއްޔަތަކީ 172 އެވެ.

މިއާއެކު ޢިމްރާން ޚާން ވެވަޑައިގެންފައި ވަނީ ޕާކިސްތާނުގެ ތާރީޚުގައި އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރަށެވެ. މީގެކުރިން 1989 ވަނަ އަހަރު ބޭނަޒީރު ބުއްޓޫ، އަދި 2006 ވަނަ އަހަރު ޝައުކަތު ޢަޒީޒާ ދެކޮޅަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަތައް ވަނީ ނާކާމިޔާބުވެފައެވެ.

އިދިކޮޅު ޕާޓީތަކުން މަޖިލީހުގައި ނެގި ވޯޓު ކާމިޔާބުކުރުމާއެކު، އެ ޕާޓީތަކުން ބޮޑުވަޒީރުކަމަށް އައްޔަންކުރާ ބޭފުޅަކު މިއަދު މެންދުރު ފަހު 2 ޖަހާއިރު މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ރިޔާސަތުން ރޭ ވަނީ އަންގަވާފައެވެ. މި މަގާމަށް އެ ޕާޓީތަކުން އައްޔަންކުރާނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒިރު ނަވާޒް ޝަރީފް ގެ ކޮއްކޯފުޅު އަދި ޕީއެމްއެލް-އެންގެ ލީޑަރު ޝެހެބާޒް ޝަރީފެެއެވެ. މާދަމާ (ހޯމަ ދުވަހު) ވަގުތެއްގައި އޭނާ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

ކޮޮރަޕްޝަން ނައްތާލައި، ސަރުކާރުން 'ލޫޓުވައި' ބޭރު ގައުމުތަކުގެ ބޭންކުތަކުގައި ރައްކާކޮށްފައި ހުރި ފައިސާ ގައުމަށް އަނބުރާ ގެނެސް، ޕާކިސްތާނަކީ ދުނިޔޭގެ ގައުމުތަކުގެ އިތުބާރު ލިބިފައިވާ ގައުމަކަށް ހައްދަވާނެކަމުގެ ވައުދާއެކު، 18 އޮގަސްޓް 2018 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި، ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން ޢިމްރާން ޚާން ގާތްގަނޑަކަށް 3 އަހަރާ ބައިގެ މުއްދަތަކަށް ފަހު މަގާމުން ވަކިވެވަޑައިގެންނެވިއިރު، އޭނާގެ ވައުދުތަކުގެ ބޮޑު ބައެެއް ވަނީ ނުފުދިއެވެ. ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، އޭނާއަކީ ކިތަންމެ އިޚްލާސްތެރި ބޭފުޅަކަށް ވީނަަމަވެސް، އޭނާގެ ވަށައިގެން ތިއްބެވީ، ކުރީގެ ސަރުކާރުތަކުގައި މަަސައްކަތްކުރައްވާފައިވާ، އިޚްލާސްތެރިކަމެއް ނެތް ބޭފުޅުންނެވެ. އެހެންކަމުން ކާމިޔާބު ކްރިކެޓް ކެޕްޓަނެއްގެ ގޮތުގައި 1992 ވަނަ އަހަރު ދުނިޔޭގެ ތަށި އުފުއްލަވާލެއްވިޔަސް، އޭގެ 30  އަހަރު ފަހުން ބޮޑުވަޒީރެއްގެ ގޮތުގައި އޭނާއަށް އެ ކާމިޔާބީ ތަކުރާރުނުކުރެއްވުނީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.