ފިހާރަފިހާރައަށް އެއްޗެހި ގަންނާން ގޮސްފައި ބޭނުން އެއްޗެއް ނެގުމަށް ފަހު ފައިސާ ދޭން ބަލާއިރު ޖީބުދަބަސް ނެތުމަކީ ވަރަށް ބޮޑަށް ލަދު ގަންނާން ޖެހޭ ކަމެކެވެ. ބައެއް މީހުން މިފަދަ ކަންތައްތައް ކުރަނީ ގަސްތުގައެވެ. ފިހާރަވެރިޔަކު އަޅުގަނޑު ގާތު ބުނި ގޮތުގައި މަހަކު ދެތިން މީހުން މިފަދަ ގޮތަކަށް މުދާ ހިފައިގެން ފިލާން މަސައްކަތް ކުރެއެވެ.
އަޙްމަދު އެ ފިހާރައަށް ވަނީ ފައިވާނެއް ގަންނާށެވެ. ފިހާރައަށް ވަން އިރުވެސް ޖީބުދަބަސް ނެތްކަން އޭނާއަށް އެނގެއެވެ. އެކަމަކު އޭނާގެ މަޅީގައި ސޭޓު ޖެހިދާނޭ ކަމުގެ އުންމީދުގައި ވަނީއެވެ. ފަހަރަކު ފައިވާނަކަށް ފައި ކޮއްޕަމުން ގޮސް ހެޔޮވަރު ފައިވާނެއް ފެނިއްޖެ އެވެ. އަޙްމަދު ދެން ވިސްނާން ފެށީ ފައިސާ ނުދީ އެ ފައިވާން ހިފައިގެން ފިހާރައިން ނުކުންނާނޭ ގޮތަކާ މެދުގައެވެ.
އިރުކޮޅަކު ވިސްނާން ހުރެފައި ސޭޓު ކައިރިއަށް އައިސް ބުނެލިއެވެ. "އަހަރެން މި އައީ ހަނދާން ނެތި ޖީބުދަބަސް ގޭގައި ބާއްވާފައި. ގެއަށް ގޮސް ފައިސާ ފޮނުވާ ގޮތަށް މި ފައިވާން ދީފާނަންތަ؟"
ސޭޓު އަޙްމަދާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. "ގެއަށް ވަޑައިގެން ފައިސާ ހިއްޕަވައިގެން ވަޑައިގަންނަވާންދެން އަޅުގަނޑު ތިޔަ ފައިވާން ބާއްވައި ދީފާނަން. ތިޔައިގެ ފައިވާން ތިޔަ ނޫނަސް މި ތާނގައި ހުންނާނެ. އެހެންވީމާ ފަހުން ވަޑައިގެންނެވިޔަސް ލިބިވަޑައިގަންނަވާނެ."
އަޙްމަދު ވިސްނައިލިއެވެ. "ދެން ހަދާނީ ކިހިނެއް ބާވައެވެ؟ އޭނާ އެ ދައްކަނީއަކީ ދޮގު ވާހަކައެއް ނޫނެވެ. މާދަމާ އަޔަސް މި ފައިވާން ލިބޭނެއެވެ.
އަޙްމަދު ކުޑަކޮށް ވިސްނައިލައިފައި ކޮށިގަނޑުން ދުރަށް ޖެހިލިއެވެ. ފައިވާން ހަރުތަކުގެ ކައިރީގައި އެނބުރި އެނބުރި ހުރެފައި ފިހާރައިގެ އެހީތެރިއަކަށް ހުރި ކުއްޖާއާ ކައިރިއަށް ޖެހިލިއެވެ.
"އޭތް. އަހަރެން މި އައީ ހަނދާން ނެތިގެން ގޭގައި ޖީބުދަބަސް ބާއްވާފައި. ފަހުން ފައިސާ ގެންނަ ގޮތަށް މި ފައިވާން ލިބޭނޭ ގޮތެއް ނުވާނެތަ؟"
އެ ކުއްޖާ ސޭޓާ ދިމާއަށް ބަލައިލިއެވެ. ސޭޓު އަނގައިން ނުބުނެ ހިނިތުން ވެލިއެވެ. އެއީ ސޭޓު ވަރަށް އިތުބާރު ކުރާ ކުއްޖެކެވެ. އެހެންވީމާ އެއްވެސް ކަހަލަ ނުބައި ފިޔަވަޅެއް ނާޅާނޭ ކަމުގެ ޔަގީންކަން އޮވެއެވެ.
"ސޭޓު ބުނުއްވީ ކީކޭ؟" އެ ކުއްޖާ އަހައިލިއެވެ.
"ސޭޓު ބުނުއްވީ ފަހުން އަޔަސް ފައިވާން ލިބޭނެއޭ. އެހެންވީމާ ގެއަށް ގޮސް ފައިސާ ހިފައިގެން އަންނާށޭ."
އެ ކުއްޖާ ބޯ ކަހައިލިއެވެ. "އެންމެ ރަނގަޅު. އަހަރެން ފަހުން ފައިސާ ގެންނަ ގޮތަށް ފައިވާން ދޫކޮށްފާނަން. އެކަމަކު ތިޔަ ފައިވާނަކީ މި ތާނގައި ދައްކަން ބަހައްޓާފައި ހުރި ފައިވާނެއް. އަހަރެން ހަމަ ތިޔައިގެ އެހެން ޖޯޑެއް ދޭނަން. ތިޔަ ފައިވާން ނެގި ތަނުގައި ބަހައްޓާ."
އަޙްމަދު ގޮސް އޭނާ އެ ފައިވާން ނެގި ތާނގައި ބަހައްޓައިފިއެވެ. އެ ކުއްޖާ އައު ފައިވާނެއް ފޮށްޓާއެކީ ގެނެސް ދީފިއެވެ. އަޙްމަދު ސޭޓާ ދިމާއަށް ބަލައިލާފައި ނުކުމެގެން ހިނގައްޖެއެވެ.
އަޙްމަދު ދިޔައީމާ ސޭޓު އެ ކުއްޖާއަށް ގޮވައިލިއެވެ. "ފަހުން ފައިސާ ގެންނަ ގޮތަށް ތިޔަ ފައިވާން ދިނީ ކަލޭ ދަންނަ މީހަކަށްތަ؟ އޭނާ ފަހުން ފައިސާ ހިފައިގެން އަންނާނޭ ކަމުގެ ޔަގީންކަން އެބަ އޮތްތަ؟"
އެ ކުއްޖާ ހިނިތުން ވެލާފައި ބުނެލިއެވެ. "އެއީ އަޅުގަނޑު ދަންނަ މީހެއް ނޫން. ފަހުން ފައިސާ ހިފައިގެން ނަޔަސް، ފައިވާން ހިފައިގެން އަންނާނެކަން ހަމަ ކަށަވަރު. އަޅުގަނޑު އޭނާއަށް ދިނީ އެއް ފައިގެ ދެ ކިބަ!"