ހެއްވާ: އެނދާ ގުޅޭ ބައެއް ވާހަކަ

އެނދަކީ ކިހައި ވަރެއްގެ ރައްކާތެރި ކަމެއް ލިބޭ އެއްޗެއް ހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުގައި މަތިންދާ ބޯޓު ގޮނޑީގައި އެ ހުންނަ ކަހަލަ ސަލާމަތީ ކަމަރެއް އެނދުގައިވެސް ހުންނާން ޖެހެއެވެ. ދުނިޔޭގެ އެކި ތަންތާގައި އެނދުގައި ހިނގާފައި ހުރި ނުރައްކާތެރި ހާދިސާ ތަކަށް ބަލައިލީމާ މިއީ ތެދެކޭ ހީވެއެވެ. (މި ލިޔުމުގައި މި ވަނީ ހައްތަހާވެސް ތެދު ވާހަކައެވެ.)

ކުރީގެ ހުޅަނގު ޖަރުމަނުގެ އިންޝުއަރަންސް ކުންފުންޏެއްގެ ތަފާސް ހިސާބަކުން ފެނިފައިވާ ގޮތުގައި އެ ޤައުމުގައި އެނދުން ވެއްޓިގެން އަހަރަކު 600 މީހުން މަރުވެއެވެ.

އިނގިރޭސި ވިލާތުގެ ޝެފީލްޑް ގެ މީހަކަށް އެނދުގައި އުޅެން ޖެހުނު ދަތި ޙާލުގެ މަތީން ހަނދާން ކޮށްލީމާ ދުވަހަކުވެސް އެނދަކަށް ނާރާން ހިތަށް އަރައެވެ. އޭނާ އަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނު އިރު އޮތް ޙާލަތަކީ ފެނުނު ހުވަފެނަށްވުރެ މާ ބިރުވެރި ޙާލަތެކެވެ. ގޮދަޑި ފަޅައިގެން ގޮސް ނަރުތައް ނުކުމެ، އޭނާ އޮތީ ނަރާ ބަނދެވިފަ އެވެ. ސަލާމަތް ވާން އުޅުނު ވަރަކަށް ދިޔައީ ބެދެމުންނެވެ. އޭނާ ސަލާމަތްވީ ފަސް ދުވަސް ފަހުން އޭނާގެ ޚަބަރެއް ނުވެގެން ބަޔަކު އައިސް ވަދެ، ސަލާމަތް ކުރީމައެވެ. އަވަހާރަފުޅަށް އޮށޯވެ ވަޑައިގަތުމުގެ ކުރިން ގޮދަޑި ފަޅައިގެން ގޮސްފައި ހުރިތޯ ބައްލަވައި ލައްވާން ހަނދުމަފުޅު ކުރައްވައްޗެވެ.

މިހާރަކަށް އައިސް ގޭގޭގެ ޖާގައިގެ ދަތިކަމާ ހުރެ، ގޮނޑިއާއި، އެނދާ އެކީ ހުންނަ އެނދު ބައެއް ބޭފުޅުން ބޭނުންފުޅު ކުރައްވަ އެވެ. މި ކަހަލަ އެނދަކީވެސް ހުރިހައި ވަގުތެއްގައި ރައްކާތެރި އެއްޗަކަށް ނުވެ އެވެ. އެއް ރެއަކު މި ކަހަލަ އެނދެއްގައި ކެލިފޯނިއާގެ މީހަކު ނިދާފައި އޮވެފައި ހެދުނު ގޮތަކުން އޭގައި ހުންނަ މަކުޑިއެއް ކަހަލަ އެއްޗެއް ނެއްޓިއްޖެ އެވެ. މަޑު މަޑު އަޑަކާ އެކު އެނދު އެހެރަ ލެއްޕުނީއެވެ. ފެންނާން ހުރީ އެ ފަކީރުގެ ބޯ އެކަންޏެވެ. އެ ކޮޓަރީގައި ނިދާން އޮތް އޭނާގެ ރަޙްމަތްތެރިޔާ އަށް ގޮވީމާ އައިސް އުޅެ އުޅެ، އޭނާ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ ސަލާމަތް ކުރެވުނީ އަލިފާން ނިއްވާ މީހުން ގެނެސްގެންނެވެ.

ހަލާކު ވެފައި އޮތް ގޮދަޑިއެއްގައި ނިދާފައި އޮތް އަންހެނަކު ގޮދަޑީގެ އިސްފިރޭނެއްގައި ޖެހި ތާށި ވިއެވެ. އިސްފިރޭނު ވަނީ އޭނާގެ ކޮން ގުނަވަނަކަށް ކަމެއް ދަންނަވާކަށް ނުކެރޭނެ އެވެ. ކޮންމެއަކަސް އެ އަންހެން މީހާ ސަލާމަތް ކުރާން ޖެހުނީ ޑަކްޓަރަކު ގެނެސްގެން ތަދު ކަނޑުވާ އިންޖިކްސަނެއްވެސް ޖަހައިގެންނެވެ.

އަންހެނުންނަކީ ވަރަށް އަނގަ ގަދަ ބައެއް ކަމަށް ބައެއް މީހުން ބުނެއެވެ. 1960 ވަނަ އަހަރުގެ އޯގަސްޓް މަހު މިޑްލްސެކްސް ގެ އަންހެނަކަށް ނިދާފައި އޮވެފައި ކުއްލިއަކަށް ހޭލެވުނީ ޚުދު އޭނާގެ އަޑު އިވިގެންނެވެ. އާދެ، އަމިއްލަ އަޑު ގަދަ ވެގެންނެވެ. ހޭލެވުމާއެކު ފެށީ ރޯށެވެ. އެއީ ހަޅޭއް ލެވިލެއް ބާރު ކަމުން ކޮލު ކަށިގަނޑު ނެއްޓިފައި ހުރީމައެވެ. އޭގެ ދެ ދުވަސް ކުރީން މީހަކު ނިދާފައި އޮވެގެން ފުރޮޅިލީ ގޮތަކުން ކޮނޑު ކަށިގަނޑު ނެއްޓުނެވެ.

ކުޅިވަރު ކުޅޭ މީހުންނަކީވެސް އެނދުގެ ނުރައްކަލާ ކުރިމަތިލާ ބައެކެވެ. އިނގިރޭސި އައިސް ހޮކީ ކުޅުންތެރިއަކު އޭނާ އަށް މާ ކުޑަ އެނދެއްގައި ނިދުމުގެ ސަބަބުން ފައިގެ ކުޑަ ހުޅުން ނެއްޓި، ހިނގައި ނުގަނެވޭ ގޮތް ވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އަކަށް އެ އަހަރު ޔޫގޯސްލާވިއާގައި ބޭއްވުނު ހޮކީ މުބާރާތަކު ބައިވެރިއެއް ނުވެވުނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.