ކްރިސްޕީ ޗީޒް ރޯލަކީ ރޯދަ ވީއްލުމަށް ވަރަށް ކަމުދާނެ އަދި ކުޑަކުދިންނަށްވެސް ކަމުދާނެ ހެދިކާއެކެވެ. ބޭނުން ނަމަ ދަޅު މަހާއި ކުކުޅު މަހުގައިވެސް ޗީޒްރޯލް ތައްޔާރު ކޮށްލެވިދާނެއެވެ. މިއީ ވަރަށް މަދު ބާވަތްތަކެއް ބޭނުންވާ، ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭނެ ހެދިކާއެކެވެ.
ބޭނުންވާ ތަކެތި
- 4 ފޮތި ޕާން (އަރިމަތި ކަފާފައި)
- ބޮޑު ދެ އަލުވި (މަޑުކޮށް ޗަސް ކޮށްފައި)
- ½ ޖޯޑު ކެޕްސިކަމް ނުވަތަ ބެލް ޕެޕަރ (ކުދިކޮށް ކޮށާލައިފައި)
- ½ ޖޯޑު ސްޕްރިންގ އަނިއަން - ފިޔާ (ކުދިކޮަށް ކޮށާލައިފައި)
- ½ ޖޯޑު ކެރޮޓް (ގާނާލައިފައި)
- މޮޒަރެއްލާ ނުތަ ޗެޑަރ ޗީޒް (ގާނާފައި)
- ވައިޓް ޕެޕަރ
- މުގުރި މިރުސް
- ލޮނު
- ޕާންކުނޑި ނުވަތަ ފާރޮށި ކުނޑި
- 3 ބިސް
- ކުކިންގ އޮއިލް
ތައްޔާރު ކުރާނެ ގޮތް
(1) ޗަސްކޮށްފައި ހުރި އަލުވީގެ ތެރެއަށް ކޮށާފައި ހުރި ތަރުކާރީގެ ބާވަތްތައް އަޅައިފައި އަސޭމިރުސް (ވައިޓް ޕެޕަރ) އަޅާލުމަށް ފަހު ކުޅިއާއި ލޮނު ހެޔޮވަރުކޮށް މޮޑެލާށެވެ. (ބޭނުން ނަމަ ތަރުކާރީގެ ބަދަލުގައި ދަޅުމަސް ނުވަތަ ކުކުޅުމަސްވެސް ބޭނުން ކުރެވިދާނެއެވެ.)
(2) ޕާން ފޮތީގައި މޮޑެފައިވާ އަލުވިތައް ރަނގަޅަށް ހާކައިލުމަށްފަހު ގާނާފައި ހުރި ޗީޒް އޭގެ މައްޗަށް އަޅާލައިފައި ސޭންޑްވިޗް ތައްޔާރުކުރާ ގޮތަށް އަނެއް ޕާން ފޮތި އޭގެ މަތީ ބާއްވައިލުމަށްފަހު މެދުން ކަފައިލާށެވެ.
(3) ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް ލާފައި ބިސް ގިރައިލާށެވެ. ދެން ޗީޒް ރޯލްތައް ބިސް އެތީގެ ތެރެއަށް ލާފައި ނަގައި ރަނގަޅަށް ވަށައިގެން ފާރޮށިކުނޑި އުނގުޅައިލާށެވެ. މިގޮތަށް ރޯލްތައް ތައްޔާރު ކުރުމަށްފަހު މީޑިއަމް ހީޓްގައި ތެލުލާށެވެ. ޗީޒް ރޯލް ހޫނުކޮށް ފަރިއްކުޅުވަން ވަރަށް މީރުވާނެއެވެ.