141 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރި ގައިދީ ދޫކޮށްލަން އިސްރާއީލުން އެއްބަސްވެއްޖެ

އަބޫހައްވާޝް މިނިވަންކުރުމަށް ގޮވާލައި ފަލަސްޠީނު މީހުން އިހުތިޖާޖުކުރަނީ

އެއްވެސް ދައުވާއެެއް ނުކޮށް "އިދާރީ ބަންދު" ގައި އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައިވާތީ، އޭނާ ދޫކޮށްލުމަށް އެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަންމުން ދިޔަ ފަަލަސްޠީނު ގައިދީ ދޫކޮށްލަން އިސްރާއީލުން އެއްބަސްވެއްޖެއެވެ. އިސްރާއީލުގައި އިދާރީ ބަންދަކީ މީހެެއްގެ މައްޗަށް ދައުވާކުރުމަކާއި ނުލައި އޭނާ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބެހެއްޓުމެވެ.

އުމުރުން 40 އަހަރުގެ ހިޝާމް އަބޫހައްވާޝް ވަނީ މެދުނުކެނޑި 141 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށްފައެވެ. އޭނާގެ ގާނޫނީ ވަކީލު ޖަވާދު ބޫލުޞް ވިދާޅުވިގޮތުގައި އަންނަ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު އަބޫހައްވާޝް ދޫކޮށްލުމަށް އިސްރާއީލުން ވައުދުވުމާ ގުޅިގެން އޭނާވަނީ އޭނާގެ ހަޅުތާލު ނިމުމަކަށް ގެނެސްފައެވެ.

އިދާރީ ބަންދުގައި މީހުން ބަންދުކުރަނީ "ސިއްރު ހެކީ"ގެ މައްޗަށް ބިނާކޮށެވެ. އަދި ހައްޔަރުކުރެވޭ މީހުންނަށް އެ ހެއްކަކީ ކޮބައިކަން ނޭނގޭއިރު، އަމިއްލަ ނަފުސުގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރަސަތެއް ނުލިބެއެެވެ.

ސިއްހީ ހާލަތު ދަށްެވެގެން މިހާރު އިސްރާއީލުގެ އަސާފް ހަރޫފިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ގައިދީ އޭނާގެ މިނިވަންކަން އިސްރާއީލު މީހުން އަތުން "ދަމައިގަތީ" އޭނާގެ ހިތްވަރާ، ކެތްތެރިކަމުންކަން، ވަކީލު ބޫލުޞް ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަބޫހައްވާޝް މިނިވަންވުމުގައި މިސްރާއި ފަލަސްޠީނުގެ ގާނޫނީ އަދި ސިޔާސީ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.

ފަސް ކުދިންގެ ބައްޕަ އަބޫހައްވާޝަކީ އިސްލާމިކް ޖިހާދުގެ މެންބަރެކެވެ. އޭނާ ހިމެނެނީ އިދާރީ ބަންދުގައި ތިބި ފަލަސްޠީނުގެ އެތައް ހާސް ގައިދީންގެ ތެރޭގައެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނެފައި ވަނީ އިސްރާއީލުގެ ސަލާމަތަށްޓަކައި އިދާރީ ބަންދަކީ މުހިއްމު ކަމެއް ކަމުގައެވެ.

އަބޫހައްވާޝް މިނިވަންކުރުމަށް އެދި ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިހުތިޖާޖުކޮށްފައެވެ. އަދި އިސްލާމިކް ޖިހާދުން ވަނީ އަބޫހައްވާޝް ޖަލުގައި މަރުވެއެްޖެނަމަ އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެެވެ.

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގައިދީން ތަމްސީލުކުރާ ޕްރިޒަނާސް ކްލަބުން ވަނީ އަބޫހައްވާޝަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. އެ ކްލަބުން ފާހަަަގަކުރި ގޮތުގައި އޭނާ ވަނީ އިސްރާއީލުގެ ޖަލުތަކުގައި 8 އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހޭދަކޮށްފައި ވަނީ އިދާރީ ބަންދުގައެވެ.

އިސްރާއީލު ސިފައިން އެންމެ ފަހުން އޭނާ ހައްޔަރުކޮށް އިދާރީ ބަންދަށް ގެންދިޔައީ 27 އޮކްޓޯބަރު 2020 ގައެވެ.

އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ 2.5 މިލިއަން ފަލަސްޠީނު މީހުންނަކީ އިސްރާއީލުގެެ އަސްކަރީ ކޯޓުތަކުގެ އިޙުތިސާސުގައި ހިމެނޭ ބައެއްކަމަށް އިސްރާއީލުން ބުނެއެެވެ. ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ މައްޗަށް ހިނގަނީ އިސްރާއީލުގެ މަދަނީ ކޯޓުތަކުގެ ބާރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.