ޙަމާސްގެ ހަނގުރާމަވެރި ވަރުގަދަ ލީޑަރު ސިންވާރު: އަވަހާރަކޮށްލެވޭކަށް ނެތް، ހައްޔަރުކުރެވޭކަށް ނެތް

އިޒުރޭލާއި އެމެރިކާގެ އޮފިޝަލުން އެއްބަސްވާ ގޮތުގައި ޙަމާސްގެ ހަނގުރާމައިގެ ވަރުގަދަ ލީޑަރު ޔަހްޔާ އަލް ސިންވާރު އަދިވެސް ހުންނެވީ ޣައްޒާގެ ދެކުނުގައި، ޚާން ޔޫނުސްގެ ބިންގަރާހެއްގައެވެ.

އިޒުރޭލުގެ ޖާސޫސުން ބުނާ ގޮތުގައި ސިންވާރުގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވަނީ ޙަމާސްއިން ހިފައި ހައްޔަރުކޮށްފައިވާ އިޒުރޭލުގެ ރަހީނުންނެވެ. ސިންވާރު ހުންނެވީ އަސީރުންގެ މެދުގައެވެ.

އެމެރިކާގެ ނޫސް "ވޮޝިންޓަން ޕޯސްޓް"އިން ސީރިއާ އާއި އެމެރިކާގެ ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ ސިންވާރު ހައްޔަރުކުރުމަކީ ނުވަތަ އޭނާ ދިރިހުންނަވަނިކޮށް އަތުލައިގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ސިންވާރު ހުންނެވިތަނެއް ހާމަކުރުމަށްވުރެ ވެސް ބޮޑު ކަމަކީ ރަހީނުކޮށްފައިވާ މީހުންނަށް ނުރައްކަލެއް ނެތް ގޮތަކަށް ސިންވާރު އަވަހާރަކޮށްލުން ނުވަތަ ހައްޔަރުކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގުމެވެ.

އިޒުރޭލުގެ އިސް އޮފިޝަލަކު، ސިންވާރު ހޯދުމުގެ ފުރުސަތު އޮތްކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހާމަކުރިގޮތުގައި ސިންވާރު ހައްޔަރުކުރުމަކީ ނުވަތަ އަވަހާރަކޮށްލުމަކީ  ރަހީނު ކުރި މީހުންގެ ފުރާނައަށް ނުރައްކާ ނުކޮށް އެކަން ކުރުމެވެ.

"ވޮޝިންޓަން ޕޯސްޓް"ގެ ރިޕޯޓެއްގައި ވާގޮތުން އެމެރިކާއިން ވެސް މިހާރު ދަނީ ސިންވާރު ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. ކަމާ ގުޅޭ، ތަފްސީލުތައް އެނގޭ މަސްދަރުތަކުން ހާމަކުރާ ގޮތުގައި އެމެރިކާގެ ޢަސްކަރީ ޖާސޫސީ އިދާރާގެ ތަޙުލީލު ކުރާ ފަރާތްތަކުން އިޒުރޭލަށް  އެހީތެރިވަމުން ދަނީ  ޙަމާސްގެ ބިންގަރާސްތަކުގެ ޗާޓުތައް ހުރިގޮތް އިޒުރޭލަށް އޮޅުންފިލުވައި ދިނުމަށެވެ.

އެމެރިކާ އާއި އިޒުރޭލާ ދެމެދު ޖާސޫސީ އެއްބާރުލުން ދިނުމަކީ ސިންވާރު ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވިޔަސް، އެމެރިކާގެ ޖާސޫސީ އިދާރާގެ އޭޖެންޓުން ޣައްޒާގައި ނެތެވެ. އަދި ކޮންމެ ދުވަހަކު އިޒުރޭލުން ޣައްޒާގައި ހިންގާ ހަރަކާތްތަކުގައި އެމެރިކާއިން އެހީތެރިވަމުން ވެސް ނުދެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަނުޖެހުންތަކުގައި މިހާރު އިޒުރޭލުގެ މައިގަނޑު އަމާޒަކީ ޙަމާސްގެ ލީޑަރޝިޕް، ޚާއްޞަކޮށް ސިންވާރުގެ ލީޑަޝިޕް ހައްޔަރުކުރުން ނުވަތަ ނައްތާލުމެވެ. އިޒުރޭލުން  ތަކުރާރުކޮށް ބުނެފައި ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ޙަމާސްއިން އިޒުރޭލަށް ދިން ވަރުގަދަ ހަމަލާގެ މޭސްތިރިއަކީ އަލް ސިންވާރު ކަމަށެވެ.

މިހާރު އުފެދިފައިވާ ޖަވާބުދޭން ދަތި ސުއާލަކީ ސިންވާރުގެ ބާރުގެ ދަށުގައި އިޒުރޭލުގެ ރަހީނުން ތިބިކަމަށް ވާނަމަ ބާރުގެ ބޭނުންކޮށްގެން އެމީހުން ސަލާމަތް ކުރާނީ ކިހިނެއްކަމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.