އިޒްރޭލަކީ އިނގިރޭސީންނާއި އެމެރިކާގެ ހަރާން ދަރިއެއް

“ފަލަސްތީނު”މިނަމަކީ، މެދުއިރުމަތީގެ ތާރީޚާއި ސަރަޙައްދާގުޅި، ލާމެހިފައިވާ ނަމެކެވެ. އެވޭލާ ޒަމާނުގައި ފިއްޔާއި އަކުރަށް ބަދަލު އައިސް،”ފިލަސްތީން”ނުވަތަ”ޕަލީސްޓީނާ”ފަދަ ނަންނަމުން މުޚާތަބުކުރެވިފައި އޮތް ނަމަވެސް، ފަލަސްތީނަކީ މެދުއިރުމަތީގެ ތާރީޚު ފެށުނީއްސުރެ، މިޞްރާއި ސޫރިޔާއާ ދެމެދުގެ ސަރަޙައްދެއްގައި އޮތް ބިމެކެވެ. މިޒަމާނުގެ ޔަހޫދީން އެ ދަޢުވާކުރާ ފައްޅިއެއްގެ ވަސް ވެސް އެތަނެއްގައި ނުވާ އިރުއްސުރެ، މިދެންނެވި ފަލަސްތީނުގެ ބިން، އެސަރަޙައްދުގައި އޮތްކަމަށް، ދުނިޔޭގެ ތާރީޚު ހެކި ދެއެވެ. އެހެނީ، މީލާދީ ސަނަތުން 2 ވަނައަހަރާއި 8 އަދި 17 ވަނައަހަރުގެ ކުރީގެ ތާރީޚީ އެކި ލިޔުނންތަކުގައިވެސް ޕަލަސްތީނަކީ އެބިމުގައި ވާ ސަރަޙައްދެއްކަން ހެކިކޮށްދެއެވެ. ޔަހޫދީންގެ ފޮތް ބައިބްލް ގައިވާ ތާރީޚޭ ކިޔައި އެފޮތުން ފަލަސްތީނުގެ މިލްކުވެރިކަމަށް  ހެކިދައްކާއިރު، އެފޮތް އެއޮތީ، ޔަހޫދީން ބޭނުންވާ ގޮތްގޮތަށް ބަދަލުކޮށްފައިކަން ނޭނގޭ މީހަކު މިދުނިޔެއަކު ނެތެވެ. އެހެންކަމަށް ވާނަމަ، ޔަހޫދީންގެ ބިމެކޭ ބުނެ، އެބިމުގެ އަހުލުވެރިންކަމުގައިވާ ފަލަސްތީނުގެ ރައްޔިތުން، ގަދަކަމުން  އެތަނުން ނެރެ، ބިންތައް ފޭރި، ޔަހޫދީން އެތަނުގައި ގެދޮރު ޢިމާރާތްކޮށް އާބާދު ކުރުމުގެ ޙައްޤަކީ، ކާކުދީގެން، ކޮންތާކުން ޔަހޫދީން ހޯދައިގެން އުޅޭ ޙައްޤެއް ބާވައެވެ ؟ ކުޑަކުޑަ ޔަހޫދީ އާބާދީއެއް ގިނަވެ، ޤައުމެއްގެ ގޮތުގައި އުފެދި، އެސަރަޙައްދުގެ އަޞްލު ވަޒަންވެރިން ވަޒަނުން ބޭރުކޮށް، ޤަތުލުޢާންމު ހިންގައި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުން ހައްދުފަހަނަޅައިދާއިރު، ދުނިޔެ އަނގައިންނުބުނެ އޮންނާނީ، ނުފޫޒުގަދަ ބަޔެއްގެ ވާގީގައެވެ. އެއީ ކޮންބައެއްތޯއެވެ؟

ޔަހޫދީ ސިފައިން އެންމެ ގިނައިން މަރަމުންދަނީ ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިން

އެއީ އިނގިރޭސީން ނޫން އެހެން ކޮންބައެއްތޯއެވެ؟ އިނގިރޭސސީންނަކީ، ގަޑުބަޑުކޮށް ހަމަނުޖެހުމެއް އުފެދެން ތަނެއްގައި އޮންނަ ފުރުޞަތެއް ދޫކޮށްލާނެ ބައެއްނޫނެވެ. ދުނިޔޭގެ ގަދަފަދަ، އިސްތިޢުމާރީ ބާރުތަކުގެ ތެރެއިން، އެއްބާރަކަށްވުމުގެ ނަސީބު ލިބުނު އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން މިނިވަންކަންލިބިގެން، ހަމަނޭވާ ލެވުނީ މަދު ޤައުމަކަށެވެ. ފަލަސްތީނަކީ، މެދުއިރުމަތީގައި އިނގިރޭސީން ރޯކުރި ހުޅުގަނޑެކެވެ. އެމެރިކާއަކީ، އެހުޅުގަނޑު އަންދަން ދަރުއަޅާ ހީލަތްތެރިއެކެވެ. ފަރަންސޭސި ވިލާތަކީ ހުޅުގަނޑުގެ ހޫނު ގަދަކުރަން، ފުމެމުންދާ  މަދަދުގާރެކެވެ. މިއިން ކޮންމެ ޤައުމަކީވެސް، ޔަހޫދީންގެ އާބާދީ ބޮޑު، ޔަހޫދީންގެ ތާއީދާނުލައި އެތަނެއްގެ ވެރިކަމަށް، އެއްވެސް މީހަކަށް ނާދެވޭނެ ލާދީނީ ތަންތަނެވެ. އެތަންތަނުގެ ވެރިން، އިޒްރޭލަށް ތާއީދުކުރަން މަޖުބޫރުވާ ސަބަބަކީ އެއީއެވެ.

ލިޔެކިޔުމުން ފެންނަ، ދުނިޔޭގެ ތާރީޚުން، ފަލަސްތީނުގެ ނަން ލިޔެވިގެން އައިސްފައިވަނީ، މީލާދީ ސަނަތުން ފަސްވަނަ ޤައުނުގެ ތެރޭގައެވެ. އެއީ، ތާރީޚު ޢިލްމުގެ ބައްޕަގެ ލަޤަބުދެވިފައިވާ، ގްރީކުގެ ތާރީޚީ ޢިލްމުވެރިއެއްކަމުގައިވާ ހުރާޑޮޓްސް ގެ ލިޔުއްވުމެއްގައެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި ފަލަސްތީނަކީ، ފޮނީސިއާ އާއި އިޖިޕްޓާ ދެމެދުގައި އޮންނަ ސޫރިޔާގެ އަވަށެކެވެ. ގާތްގަނޑަކަށް 1470 ގެ އަހަރުތަކުގައި، މިޞްރުގެ ތާރީޚީ ޢިލްމުވެރިޔެއްކަމުހައިވާ އާކާ ޖަލާލުއްދީން ލިޔުއްވައިފައި ވެއެވެ.

“ސޫރިޔާ ބައިކުރެވިގެންވަނީ 5 ސަރަޙައްދަކަށެވެ. ނުވަތަ ބަޔަކަށެވެ. އެންމެ ފުރަތަމަ ފަލަސްތީނެވެ. އެހެނީ ބުނެވޭގޮތުގައި، ފަލަސްތީނުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ނޫޙޫގެފާނުގެ ދަރިކޮޅުގެ ޔާސިތުގެ ދަރިކޮޅުގެ ޔޫމާޏުގެ ދަރިކޮޅުގެ މުތީގެ ދަރިކޮޅުގެ ކުސިން އެވެ. ފަލަސްތީނަށް ކުރިމަތިވާގޮތަށް އޮންނަނީ، މިޞްރަށްދާން އޮންނަ މަގު ރަފާ އެވެ. އެއާޖެހިގެން ގާޒާ ސަހަރެވެ. ދެން ރާމަﷲ އެވެ. ފަލަސްތީނުގެ އެންމެ މަޝްހޫރު އަވަށަކީ، ބައިތުލްމަޤްދިޝް އެއަވަށެއްގައި ހިމެނޭ އީލިއާއެވެ. އެއަވަށް އޮންނަނީ ރާމަﷲ އާ 18 މޭލު ދުރުގައެވެ. އެއީ، ސަލާމްލެއްވި ދާއޫދުގެފާނާއި ސުލޭމާނުގެފާނު ދިރިއުޅުއްވި ސަހަރެވެ. އަދި އިބްރާހީމުގެފާނުވެސް މެއެވެ. ފަލަސްތީނުގެ ދިގުމިނަކީ، މަޑުން ހިމާރެއްދުއްވާ މީހަކު، ދެދުވަހުގެ ރާސްތާއެއްގައި ކުރާނެ ދަތުރެއްގެ ދުރުމިނެވެ.”

ފަލަސްތީނަކީ، ނަބީންނާއި ރަސޫލުން ދިރިއުޅުއްވިތަނެއްކަން ތާރީޚުން ސާބިތުވެއެވެ. އޭގެ މާނަޔަކީ، އެއީ ޔަހޫދީންގެ ބިމެއްކަމުގެ ހެކި ލިބުނީކަމަށް، ފަހުގެ ތާރީޚެއްގައި ނިންމަން ލިބޭ އަސާސެއް ނޫނެވެ. ފަލަސްތީނަކީ، އިޒްރޭލުގެ އަނިޔާވެރި ޔަހޫދީން އެއްވެސް އިރެއްގައި ވަޒަންވެރިވެފައިވާ ބިމެއްނޫނެވެ. އެއީ ދުނިޔޭގެ ބޮޑެތިބާރުތަކުން، ޔަހޫދީންނަށް ވާގިވެރިވެ އާނބަސްދީގެން، ފަލަސްތީނުގެ ބިމަށް ގަދަކަމުން އަރާތިބި ބަޔެކެވެ. އެންމެ ހެއްވާ ކަމަކީ، އިޒްރޭލާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން އެއްވެސްކަމެއް ނުނިންމޭ ކަމެވެ. އެމެރިކާ ނުވަތަ އިނގިރޭސީން އެނިންމުމެއް ވީޓޯ ކުރާނެއެވެ. ވީޓޯ ކުރިޔަސް ނުކުރިޔަސް، އިޒްރޭލުގެމައްޗަށް ދުނިޔެ ކުރާ އެއްވެސް ޙުކުމަކަށް އިޒްރޭލުން ބޯލަނބާފައެއް ނުވެއެވެ. ޢަމަލުކުރަމުން ގެންދަނީ ހިތަށް އެރި ގޮތަކަށެވެ. އިޒްރޭލުގެ ރައްޔިތުން ޙިމާޔަތްކުރުމަށޭ ބުނެ، ފަލަސްތީނުގެ ރައްޔިތުން، އަނިޔާވެރި ގޮތުގައި މަރަމުން ގެންދާއިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުން އެތިބެނީ ސަމާސާގޮތަކަށް އެއްމިޔަކަނުން ހީލަ ހީލައެވެ.

20 ވަނަ ޤަރުނުގައި،”މޭންޑޭޓަރީ ޕެލަސްޓައިން”ގެ ނަމުގައި އިނގިރޭސީން، ފަލަސްތީނުގެ ނަން ބޭނުންކުރަން ފަށާފައި ވެއެވެ. އެއީ ކުރިން އޮޓޮމަން އެމްޕަޔަރގެ ބާރުގެދަށުގައި އޮތް ސަރަޙައްދެކެވެ. އެސަރަޙައްދު، އިނގިރޭސީންނަށް ލިބުނީ، ފުރަތަމަ ބޮޑުހަނގުރާމައަށްފަހު، ލީގް އޮފް ނޭޝަންސްގެ ތެރެއިން، ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ބާރު ބެހުމުގެ ތެރޭގައެވެ.   ލީގް އޮފް ނޭޝަންސްގެ ވިސްނުން ރާވައިދީ އެޖަމާޢަތް އުފެއްދުމުގައި ޢަމަލީ މަސައްކަތް ކުރިނަމަވެސް، އެމެރިކާއިން އެންމެ ފަހުވަގުތުގައި އެޖަމާޢަތުގައި ބައިވެރިވެފައެއް ނުވެއެވެ. އެއީވެސް އެބައިމީހުންގެ މަކަރުވެރި ރޭވުމެއްކަމުގައި މެނުވީ ނުވާނެއެވެ. ފުރަތަމަ ބޮޑުހަނގުރާމައަށްފަހު އުފެދުނު ލީގްއޮފް ނޭޝަންސްގައި ދުނިޔޭގެ ކުދިބޮޑު 58 ޤައުމެއް ބައިވެރިވިއެވެ.

2013 ވަނައަހަރުންފެށިގެން ފަލަސްތީނުގެ ނަން”ސްޓޭޓް އޮފް ޕެލަސްޓައިން”ގެ ގޮތުގައި ބޭނުންކުރެވެމުން އައިނަމަވެސް، ޤައުމެއްގެ ގޮތުގައި ފަލަސްތީނުގެ ޙައްޤުތައް ކަށަވަރުކުރެވޭނެ އެއްވެސް އަސާސެއް، ދުނިޔޭގައި ޤާއިމްކުރެވިފައެއް ނެތެވެ. ފަލަސްތީނުގެ މިނިވަންކަމަށާއި، ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އުފެދުމަށް ހުރަސް އަޅާ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަނިޔާވެރިވެ، ޤަތުލުޢާންމު ހިންގައި، ދުނިޔެއާދެކޮޅަށް ތެދުވުމަށް އިޒްރޭލަށް ވާގިދޭ ބަޔަކީ، އެމެރިކާ އާއި އިނގިރޭސީންނެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ ހިނގާފައިވަނީ، 4 ވަރަކަށް އަހަރުއެވެ. 28 ޖުލައި 1914 އިން ފެށިގެން 11 ނޮވެމްބަރ 1918 ގެ ނިޔަލަށެވެ. މިހަނގުރާމަ ހިނގީ ދުނިޔޭޣެ ޤައުމުތައް ދެބަޔަކަށް ބެހިގެންނެވެ. މައިބާރެއްގެ ގޮތުގައި އެކުވެރިވެ އޮތީ، ޖަރުމަނާއި އޮސްޓްރިއާ އަދި ހަންގޭރީ، ބަލްގޭރިއާ އަދި އޮޓޮމަން އެމްޕަޔަރ އެވެ. އަނެއްކޮޅުން، ގުޅިފައިވާ ބާރެއްގެގޮތުގައި ހަނގުރާމަކުރީ، އޭރުވެސް ބޮޑެތި ބާރުގެ ގޮތުގައި ބެލެވުނު، އިނގިރޭސި ވިލާތާއި އެމެރިކާ އަދި ފަރަންސޭސިވިލާތާއި ރަޝިއާ، އިޓަލީ ވިލާތާއި ރޯމޭނިއާ އަދި ޖަޕާނެވެ. 4 އަހަރުވަންދެން ހަނގުރާމަކުރުމަށްފަހު، ކުރިއެރުމެއް ލިބުމެއްނެތި، ޤައުމުތައް ބަނޑަށްޖެހެމުން ދިޔައެވެ. އަދި އެންމެފަހުން ބައިވެރިންގެ ތެރެއިން ޖަރުމަންފިޔަވައި އެހެން ހުރިހައި ޤައުމަކުން ހަނގުރާމަޔާ ވަކިވިއެވެ. ޖަރުމަނުގައި އޭރު ހަނގުރާމައާ ދެކޮޅަށް ހަޅުތާލުކުރަން އޮތީ ފަށައިފައެވެ. އަދި ކާބޯތަކެތި ހުސްވެ، ރައްޔިތުން ބަނޑަށްޖެހެމުންވެސް ދިޔައެވެ. ޖަރުމަނުން އެކަނި ހަނގުރާމަކުރަމުން ގޮސް، އެންމެފަހުން ނާކާމިޔާބީއާ ކުރިމަތިވެ، ރަސްމީގޮތުން އަމާންދީ ހަތިޔާރު ބެހެއްޓިއެވެ. އަދި ހަނގުރާމައިގާ ބައިވެރިވި ހުރިހައި ޤައުމަކުންވެސް، ހަނގުރާމަ ހުއްޓާލައި ޞުލްޙަވުމަށް އެއްބަސްވެ، 11 ނޮވެމްބަރ 1918 ގައި ޞުލްޙައިގެ އެއްބަސްވުން އެކުލަވައިލައި، ލީގްއޮފް ނޭޝަންސް އުފެއްދިއެވެ. މި ހަނގުރާމައިގާ، އެމެރިކާގެ އެއްލައްކަ ސިފައިން މަރުވެފައި ވެއެވެ. ދުނިޔޭޣެ އެކި ސަރަޙައްދުން 17 މިލިއަން މީހުން މަރުވެފައި ވެއެވެ. އަދި އެކި ޤައުމުތަކުން،  8.5 މިލިއަން ސިފައިން މަރުވެފައި ވެއެވެ.

ފުރަތަމަ ބޮޑުހަނގުރާމަ ނިމި، ލީގް އޮފް ނޭޝަންސް އުފެދި، ބާރުގަދަ ޤައުމުތަކަށް، އެކި ސަރަޙައްދުތަކާއި ޤައުމުތައް ބެހުމުގެ މަސައްކަތް ފެށުނެވެ. ޕަލަސްތީނުގެ ސަރަޙައްދު ދިޔައީ އިނގިރޭސިވިލާތުގެ ބެލުމުގެ ދަށަށެވެ.

މޭންޑޭޓަރީ ފލަސްތީނަށް އިނގިރޭސީން ހަދައިދިން ޕާސްޕޯޓާއި ބޭނުންކުރަންދިން ފައިސާއާއި ސްޓޭމްޕް

އޭގެ ކުރީގެ ތާރީޚަށް ޖެހިލަމާތޯއެވެ ! އޮޓޮމަން އެމްޕަޔަރ ފަލަސްތީނުގައި ވެރިކަން ކުރިއިރުވެސް އަދި އޭގެކުރިންވެސް ޔަހޫދީންގެ ޖަމާޢަތެއް ފަލަސްތީނުގެ ބިމުގައި ދިރިއުޅުނެވެ. އެބައިމީހުން ޢާންމުކޮށް އާބާދުވެފައި އޮތީ ޖެރޫސެލަމްގައެވެ. 1880 ވަނައަހަރުންފެށިގެން، ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރުމުގެ މަސައްކަތް އެކިގޮތްގޮތުން ކުރެވިފައި ވެއެވެ. އެއިރު ފަލަސްތީނުގައި ދިރިއުޅުނީ ގާތްގަނޑަކަށް  25 ހާސް ޔަހޫދީންނެވެ. ޒަޔަނިސްޓް މޫވްމަންޓެއް އުފެދި، ޔޫރަޕްގެ އެކި ސަރަޙައްދުގައި ވިއްސި ވިހާލިވެފައިތިބި، ޔަހޫދީންގެ ކުދި ޖަމާޢަތްތައް އެއްވާން ފެށިއެވެ. އެންމެ ފުރަތަމަ ފަހަރަށް މިފަދަ އެއްވުމެއް ބޭއްވިފައިވަނީ ބްރަސެލްސްގައެވެ. 1897 ގައި ބްރަސެލްސްގައި ބޭއްވުނު، ފުރަތަމަ ޒަޔަނިސްޓް ކޮންފަރެންސަކީ، ރަސްމީގޮތުން ޔަހޫދީން އެއްވި ފުރަތަމަ ބައްދަލުވުމެވެ.

ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރުމުގެ ދެ ހާދިސާއެއް ހިނގާފައިވަނީ އޮޓޮމަން އެމްޕަޔަރގެ ވެރިކަމުގައެވެ. 1882 އާއި 1903 ވަނައަހަރާ ދެމެދު، ރަޝިޔާއިން ހިންގި ޕްރޮގްރާމެއްގައި 20 ހާހާ 30 ހާހާ ދެމެދުގެ ޢަދަދަކަށް ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރިއެވެ. 1903 އާ 1914 އާ ދެމެދު ހަމަ ރަޝިޔާއިން އައި 35 ހާހާ 40 ހާހާ ދެމެދުގެ ޢަދަދަކަށް އިތުރު ޔަހޫދީން، ރަޝިޔާއިން ފަލަސްތީނަށް ހިޖުރަކުރިއެވެ. ފަހުން އައި މީހުންގެ ޙާރަކާތްތައް އިތުރުކޮށް، ޔަހޫދީންގެ އަވަށްތަކެއް އާބާދުކޮށް، ދަނޑުވެރިކަމުގެ ޙަރަކާތްތައް ފަށައި ތަނަށް ވެރިވެގަތުމުގެ މަސައްކަތް ފެށުނެވެ. ފުރަތަމަ ބޮޑޫހަނގުރާމަ ފެށުނުއިރު 80 ހާހާ ގާތްކުރާ ޢަދަދެއްގެ ޔަހޫދީން ފަލަސްތީނުގައި ދިރިއުޅެމުން ގެންދެއެވެ. އާބާދީގެ ނިސްބަތުން އެއީ، ފަލަސްތީނުގެ ރައްޔިތުންގެ ދިހަބައިކުޅަ އެއްބަޔެވެ. ޔޫރަޕް ދޫކޮށް ހިޖުރަކުރި 2.3 މިލިއަން ޔަހޫދީންގެ ތެރެއިން 2 މިލިއަން ޔަހޫދީން ހިޖުރަކުރީ އެމެރިކާއަށެވެ. 1931 ގައި އެކިތަންތަނުން ޔަހޫދީން އައިސް ފަލަސްތީނުގެ އާބާދީގެ 17 ޕަސެންޓަކީ ޔަހޫދީންނަށް ވިއެވެ. އެއީ 174،600 ޔަހޫދީންނެވެ.

ފުރަތަމަ ބޮޑުހަނގުރާމަ ނިމި، އިނގިރޭސީންގެ އަތްދަށަށް ފަލަސްތީން ދިއުމާއެކު، އެބިމުގައި ޔަހޫދީ ދައުލަތެއްގެ ބިންގާ އެޅުމުގެ މަސައްކަތް އިނގިރޭސީން ފެށިއެވެ. އެމަސައްކަތް ރަސްމީގޮތުން ފެށީގެންދިޔައީ 1917 ވަނައަހަރު، ބެފޯރޑެކްލަރޭޝަންގެ ނަމުގައި ލަންޑަނުގައި ފާސްކުރެވުނު މުޢާހަދާއަކުންނެވެ. މި މުޢާހަދާގައި، ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ޤާއިމްކުރުމަށް ހިތްވަރުދީ ބާރުއަޅާފައި ވެއެވެ. ޔޫރަޕްގައި ޔަހޫދީންގެ ދައުރު ކުޑަވެ، ނާޒީންގެ ތަޞައްވުރު، ޔަހޫދީންގެ މައްޗަށް ބަނަވެގެންދާން ފެށުމާއެކު، ޔޫރަޕްގައި ދިރިއުޅޭ ޔަހޫދީން އެތަންތަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަން މަޖުބޫރުވިއެވެ. އަދި ހަމައެއާއެކު، އެމެރިކާއަށް ހިޖުރަކުރާ ޔަހޫދީންނަށް ފުރުޞަތު ކުޑަވާގޮތަށް އެމެރިކާގެ ޤާނޫނުތައް ބަދަލުކުރިއެވެ. ކަންމިހެން އޮތުމާއެކު، ޔޫރަޕްގެ ޔަހޫދީން މިޞްރާބުޖެހީ ފަލަސްތީނާ ދިމާއަށެވެ. 1932 އާ 1939 އާ ދެމެދު އިތުރު 247 ހާސް ޔަހޫދީން ފަލަސްތީނަށް އައެވެ.

1939 ގައި ފަލަސްތީނަށް ހިޖުރަކުރާ މީހުންގެ ޢަދަދު ލިމިޓްކުރުމަށްޓަކައި 1939 ގައި، އިނގިރޭސިވިލާތުން ކަރުދާހެއް ތައްޔާރުކުރިއެވެ. ޔަހޫދީންނަށް ފަލަސްތީނުގެ ބިން ގަތުމުގައި ހިފެހެއްޓުންތަކެއްވެސް ކަނޑައެޅިއެވެ. އަދި ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމްކުރުމަށްވެސް އެކަރުދާހުގައި، ނަމަކަށް ލިޔުނެވެ. އެހެންނަމަވެސް ދެން ފެނުނީ، ޔޫރަޕުން ކަނޑުމަގުން އަންނަ ޔަހޫދީންގެ ޢަދަދު އިތުރުވަމުންދިޔަތަނެވެ. އެކަން  ހުއްޓުވުމަށް، އިނގިރޭސިން، ނަމަކަށް މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް، ކަރުދާހުގައި ލިޔުނު ހުރިހައިކަމެއް ދިޔައީ އެކޮޅުކޮޅުން ޖެހިގެންނެވެ. 128،000 ޔަހޫދީން އެދުވަސްވަރުވެސް ފަލަސްތީނަށް އެތެރެވިއެވެ. ދެން ފެނުނީ 1948 ގައި އިނގިރޭސީންގެ ބާރު  ފަލަސްތީނުގެ މައްޗަށް ނެތި ފަލަސްތީނު މިނިވަންވީ ތަނެވެ. ހަމައެއަހަރު އިޒްރޭލުން ފަލަސްތީނުގެ ބިމުގައި އަމިއްލަ މިނިވަން ދައުލަތެއް އުފައްދައި މިނިވަންކަން އިޢުލާންކުރިއެވެ. އެއާއެކު، ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރުމަށް އޮތް ހުރިހައި ހުރަހެއްނައްތައިލައި، ޔަހޫދީން ފަލަސްތީނުގެ ބިމަށް، އިޒްރޭލަށް އައުމަށް ދަޢުވަތުދިނެވެ. އެބިމަކީ އަދި އިޒްރޭލަކީ، ދުނިޔޭގެ ކޮންމެ ޔަހޫދީއެއްގެ ބިންކަމުގައި އިޢުލާން ކުރިއެވެ. މިހާރު، އިޒްރޭލުގައި، އެހެން ޤައުމުތަކުން ހިޖުރަކުރި މީހުންގެ ޢަދަދު 3 މިލިއަނަށް އަރައެވެ. 1990 އާ 1999 ވަނައަހަރާ ދެމެދު، 9 އަހަރުގެ ތެރޭގައި އެކަނިވެސް 1 މިލިއަން ޔަހޫދީން އިޒްރޭލަށް ކޮށްފައި ވެއެވެ. މިހުރިހައި ކަމެއްވެގެން ދިޔައިރު އެމެރިކާވެސް، އަދި އިނގިރޭސިވިލާތްވެސް އޮތީ ކަނުލޮލެއް ދިއްކޮށް، އިޒްރޭލްގެ ލާއިންސާނީ އެންމެހައި ޢަމަލުތަކަށް ހިތްވަރުދީގެންނެވެ.

ނުބައި ނުލަފާ ޔަހޫދީންގެ މަކަރުވެރި ރޭވުންތަކާއި އަނިޔާވެރި ޢަމަލުތަކަށް ލޭކެކޭ މުސްލިމް ޤައުމުތަކާއި ޖަމާޢަތްތަކުގެ އަޑެއް ދުނިޔެއަކަށް ނުފޯރައެވެ. ދުނިޔޭގެ ވެރިކަން ކުރާ ބޮޑެތި ބާރުތަކުން އަޑުއުފުލަނީ، ޔަހޫދީންގެ މަޞްލަޙަތަށެވެ. ފަލަސްތީނުގެ ތުއްތުކުދިންނާއި އަންހެނުންނާއި މުސްކުޅިން، މަރަމުންގެންދާ ޔަހޫދީ ދައުލަތުގެ ބާރު ދަމަހައްޓަނީ، ޔަހޫދީ ވެރިކަން ޤާއިމްކޮށްފައިވާ އެމެރިކާގެ ވެރިޔަކަށް ޔަހޫދީންގެ ތާއީދާނުލައި ވެރިކަމަކު ނުހުރެވޭނެއެވެ.

އިނގިރޭސިވިލާތް އިސްވެ އޮވެ، ފަލަސްތީނުގެ ބިމަށް ޔަހޫދީން ހަންފެތުރުމަށް ވާގިވެރިވެ، އެމެރިކާގެ އެހީއާއި މަދަދާއެކު ޢަޝްކަރީ ބާރުގަދަކޮށް، މެދުއިރުމައްޗަށް ބަލާ އާފާތަކަށް ވެފައިވާ ޔަހޫދީ އިޒްރޭލު ދައުލަތަކީ، އދ ވެސް ކުޑަކަކޫ ޖައްސާލާ ވެރިކަމަކަށް ހެދީ ހުޅަނގުންނެވެ. އެހެންނަމަވެސް، އިނގިރޭސި ވިލާތާ އެމެރިކާގެ ހަރާން ދަރިޔަކަށް ވެ، ދުނިޔެއަށް އުފަންވެފައިވާ، ލާދީނީ އަދި ލާއިންސާނީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދު ފަހަނަޅައިދާއިރުވެސް، ދުނިޔެއަށް ކުރެވޭ ހަމަ އެއްކަމެއްވެސް ނެތެވެ. އިޒްރޭލާ ދެކޮޅަށް އދ އިން ފާސްކުރާ ކޮންމެ ޤަރާރެއް އެމެރިކާއިން ވީޓޯ ކުރެއެވެ. ހަމައެކަނި އޮތީ، އެއް އުއްމަތެއްގެ ގޮތުގައި އޮވެ،  އިސްލާމީ އުއްމަތުން، ފަލަސްތީނާއެކު އޮތްކަން ހާމަކޮށް، އިޒްރޭލްގެ އަނިޔާވެރިކަން ނެތިކޮށް، ޝަރޯން ފަދައިން، އިޒްރޭލުގެ އަނިޔާވެރި ވެރިންނަށް ، ނިކަމެތި ނިމުމަކުން، ނިމުން ދެއްވުންއެދި، ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.