ކޯވިޑުން ލިބޭ ފިލާވަޅުތަކުން...

އިޤްތިޞާދީ ބަނަކަމެއް ކުރިމަތިވާހިނދު ، ދެމަގަކުން ހިނގުމަށް އިޚުތިޔާރީ ބާރެއް ލިބިފައި އޮވެއެވެ. ކުރިމަތިވާ ދަތިޙާލަތުގައި ހިފަހައްޓާލައިގެން ހުރުމާ ނުވަތަ އަތުގައިހުރި އެއްޗެއް ވިއްކައި ހުސްކޮށްލުމެވެ. އިޤްތިޞާދީ ހޭލުންތެރިން ގިނަފަހަރަށް ނިންމަނީ ، މާރކެޓްގެ އަގުތައް ދަށްވާހިނދު ، އަތްމަތީ ފައިސާ ހުރިމިންވަރަކުން ، އިތުރު ޙިއްޞާގަނެ ، ޙިއްޞާގެ ބާޒާރުގައި އިތުރަށް ފައިހަރުކޮށްލުމަށެވެ. މިނިންމުމުން ފައިދާވަނީ ހަމައެކަނި ، ޙިއްޞާ ގަންނަ މީހާއަށް އެކަންޏެއްނޫނެވެ. ދަތިޙާލަތު މެދުވެރިވެ ، ޙިއްޞާ ވިއްކަންބޭނުންވާ މީހާގެ ޙިއްޞާ ވިކި ، އޭނާގެ ޙާލަތު ރަނގަޅުވުމަށްވެސް އެހީތެރިވެއެވެ.

ކޯވިޑް – 19 ގެ ޙާލަތު ދުނިޔެއަށް ކުރިމަތިވެގެންދިޔައީ ، އެއީ ވެދާނެކަމެއްކަމަށް އެއްވެސް މީހެއްގެ ޚިޔާލަށްވެސް ނުއަންނަ ޙާލަތެއްގައެވެ. ލޮލަށް ނުފެންނަ ކުޑަ ވައިރަހެއް ދުނިޔެއަށް އައިސް މުޅިދުނިޔޭގެ ހުރިހައިކަމެއް މިވަނީ ހުއްޓިފައެވެ. ޚާއްޞަ ބޮޑުކުރާ ބިއްލޫރިގަނޑެއްގެ އެހީގައި ނޫނީ ބަލައިނުލެވޭ މިކުޑަކުޑަ ޖަރާސީމު ދަތރުރުނުކުރާ ތަނެއް ނެތެވެ. ޗައިނާގެ ވޫހާން ޕްރޮވިންސުން އުފަންވި ކޯވިޑް – 19 މުޅިދުނިޔެ ވަށައި ދަތުރުކޮށްފިއެވެ. ޗައިނާގެ ވޫހާން ޕްރޮވިންސުން ،  ދުނިޔޭގެ އަނެއްފަރާތަށް ފޫދުއްވާލައިފިނަމަ ، ދިމާވަނީ އާރޖެންޓީނާގެ ކޯރޑޮބާ ޕްރޮވިންސާއެވެ. ކޯވިޑް – 19 ގެ ފުރަތަމަކޭހާއެކު ، ޢަޖައިބެއްފަދަ މިވައިރަހުގެ ނުރައްކާތެރިކަމުގެ އިންޒާރު ، ޑަބްލިޔޫ އެޗް އޯއިން ދުނިޔެއަށް ޢާންމު ކުރީ 31 ޑިސެމްބަރ 2020 ގައެވެ. ފުރަތަމަ މީހަކު މިބަލީގައި މަރުވީ 11 ޖެނުއަރީ 2021 ގައެވެ. ވޫހާން ފޫދުއްވާލީމަ ދުނިޔޭގެ އަނެއްފަރާތުން ދިމާވާ ކޯރބޮޑާ އަށް ، ދެތިންމަހެއްގެ ތެރޭގައި ކޯވިޑް – 19 ދަތުރު ކުރިއެވެ. އާޖެންޓީނާގެ ކޯރބޮޑާއިން މިބަލި ފެނުނީ އެޕްރީލްމަހުގެ ކުރީކޮޅުގައެވެ. އެހެންކަމުން ، ކޯވިޑް – 19 ދުނިޔެއަށް ފެތުރިގެންދިޔައީ އައްޔާއި ވަޔާ އަދި އަޑު ދަތުރުކުރާފަދަ ބާރުމިނެއްގައެވެ. މިވަގުތުވެސް ، ދުނިޔޭގެ 223 ޤައުމެއް އަދި ސަރަޙައްދެއްގައި މިބަލިފެތުރިފައި އެބައޮތެވެ. އަދި މިހާތަނަށް ، 108.8 މިލިއަން މީހުންނަށް މިބަލިވަނީ ޖެހިފައެވެ. 2.4 މިލިއަން މީހުން މިބަލީގައިވަނީ މަރުވެފައެވެ.

ކޯވިޑް -19 ގެ ނުރައްކައުތެރި ވަބާ ދުނިޔެއަށް ކުރިމަތިވީ ، އިތުބާރުކުރެވޭ ، އިޤްތިޞާދީ ފޮތްތަކުން އެނގެން ހުންނަ ޢިލްމުން ބޭރުންނެވެ. މާލީ އިދާރާތައް ކުޑަކަކޫ މައްޗަށް ތިރިވެ ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް މުލުން ލުހި ، ފަޤީރުޤައުމުތަކުގެ ޙާލަތު ނާޒުކުވެގެންދިޔައީ ހަމަކުއްލިއަކަށެވެ. ރައްކައުތެރިވުމަށް އެޅިދާނެ އެއްވެސް ފިޔަވަޅެއްގެ ހިލަމެއްނެތިއެވެ. މިޚުޠޫރަތްތެރި ދަނޑިވަޅުގައި ކުރިމަތިވާނެ ސުއާލަކީ ، ތިމާމެންގެ މިލްކިއްޔާތާއި ފުދުންތެރިކަން މިނެ ވަޒަންކުރަން އެބަޖެހޭ ހެއްޔެވެ ؟

މިފަދަ ޙާލަތެއްގައި ތިމާގެ އަމިއްލަ މާލީ ޙާލަތު ދެނެގަނެ ، ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ވަރަށް ބޮޑުވާނެއެވެ. އޭގެ ތެރޭގައި އެންމެ މުހިންމީ ، ޙިއްޞާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާނަމަ ، އިންވެސްޓްކުރެވިފައިވާ ގޮތް ދެނެގަތުމެވެ. ބައެއް ޙާލަތުގައި އިތުރު ޙިއްޞާ ގަތުމަށް ފުރުޞަތު އޮވެދާނެއެވެ. އަދި އަނެއްބައި ޙާލަތުގައި ޙިއްޞާގެ އަގު ލިބިފައިވާނަމަ ، ދުނިޔޭގެ މާލީޙާލަތު ރަނގަޅުވަންދެން ޙިއްޞާއަށް ބަދަލެއް ނުގެނެސް މަޑުކޮށްލެވިދާނެއެވެ. އެހެންނަމަވެސް ، ޙިއްޞާގެ ބާޒާރުގައި ގެއްލުންލިބޭގޮތަކަށް އިންވެސްޓް ކުރެވިފައިވާނަމަ ، އެއީ އިތުރަށް ވިސްނައި ފިކުރުކޮށް ، އަވަސް ނިންމުންތަކެއް ނިންމަންޖެހޭނެ ޙާލަތެކެވެ. މިވަގުތަކީ ، ކޯވިޑް -19 ގެ ބަލިމަޑުކަމުން ، މުޅިދުނިޔެ ބަނަވެ އަނދިރިވެފައިވާ ޙާލަތެކެވެ. ޢާންމު މާރުކޭޓްތަކުގެ ޙިއްޞާ ދަށްވެ މަތިވަމުން ދިއުމަކީ ޢާންމުޙާލަތުގައި އައު ކަމެއްނޫނެވެ. އެހެންނަމަވެސް ، މިޙާލަތުގައި ޙިއްޞާގެ ބާޒާރުތަކުގައި ޙިއްޞާގެއަގު ދަށްވެ ، މުޅި ނިޒާމު އެކޮޅުކޮޅުން ޖެހިފައި އޮތުމަކީ ، ޙިއްޞާދާރުންގެ ސިކުނޑިސުމަކަށް ދާނެ ކަމެކެވެ. އެހެންނަމަވެސް ، ކޯވިޑްގެ ޙާލަތަށް ބަދަލުއައުމަކީ ، ބޮޑެތި އިޤްތިޞާދުތަކުގައި ދުޅަހެޔޮކޮށް އޮންނާނެ ކަމެކެވެ. އިންވެސްޓަރުންގެ މޫނުމައްޗަށް ހިނިތުންވުން އައިސް ، މޫނުން ރޫފިލައި ، ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. އިންޑިއާ މިސާލަކަށް ނަގާނަމަ ، މިޙާލަތު ވަރަށް ސާފުކޮށް ތަޞައްވުރު ކޮށްދެއެވެ.

23 މާރޗް ގައި އިންޑިއާގެ ސެންސެކްސް އަށް ޙިއްޞާގެ ބާޒާރުގައި އެއްދުވަހާ  3900 ޕޮއިންޓް ގެއްލުނެވެ. އެއީ ކޯވިޑް -19 ގެ ގޮތްނޭނގޭ ޙާލަތުގައި މާލީބާޒާރުގެ ޙާލަތަށް ވެރިވެފައިއޮތް އަނދިރިކަމާ ގުޅިގެންނެވެ. އެހެންނަމަވެސް ، އިންޑީއާގެ މާލީވަޒީރު ، 24 މާރޗް ގައި ، ޤައުމުގެ މާލީޙާލަތާއި އިޤްތިބާދާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމާއެކު ، ޙިއްޞާގެ އަގު ވަގުތުން އުފުލިގެން ދިޔައެވެ. އަދި އޭގެއިތުރަށް ، ކޯވިޑުން ސަލާމަތްވުމަށް އިންޑިއާ ތައްޔާރުވެފައިވާ ގޮތުގެ ވިސްނުމާއި ، ޢަމަލީ މަސައްކަތުގެ ތަފްޞީލުދެއްވައި ، އިންޑިއާގެ ބޮޑުވަޒީރު ތަޤްރީރުކުރެއްވުމުން ، ޙިއްޞާގެ ބާޒާރުގެ އަގުތައް އިތުރަށް އުފުލި ، ޙިއްޞާގެ ބާޒާރުގެ ދޮޅަހެޔޮކަން ބޮޑުވެގެން ދިޔައެވެ. އަދި 23 ގައި ދަށަށް ދިޔަ ސެންސެކްސްގެ ޙިއްޞާ ، ދެދުވަހުގެ ތެރޭގައި  28535 އަށް މައްޗަށް އެރިއެވެ. މިދެދުވަހުގެ ތެރޭގައި ، ޞިއްޞާގެ ބާޒާރަށް އެއައި ހެޔޮބަދަލުއައީ ކީއްވެގެންކަމާމެދު މިހިސާބުން ސުއާލު އުފެދެއެވެ. އެއީ ވަރަށް ސާދާ ޖަވާބެކެވެ. ރައްޔިތުންގެ އިތުބާރު އުފެދުމެވެ. ކޯވިޑާގުޅިގެން އުއްމީދު ގެއްލި މާޔޫސްވެފައިތިބި އިންވެސްޓަރުންގެ އިތުބާރު އުފެއްދޭފަދަ ، ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒުކުރެވިގެންދާނެ ކަމުގެ ފޮނި އުއްމީދާއި ، އިޤްތިޞާދު ކޮޅަށް ނަގައި ދެމެހެއްޓުމަށް ސަރުކާރުން ރާވާ ރޭވުންތެރިކަމުގެ ހެޔޮ އަސަރެވެ.

ކޯވިޑްގެ މިޙާލަތާގުޅިގެން ، ތިމާގެ ތަނަވަސްކަމުގެ ނާރެހަށް ކުރާ އަސަރުތައް ދެނެގަތުމުގައި ، ސްޓޮކް އެކްސްޗޭންޖްގައި ، ޙިއްޞާ ގަނެ ވިއްކާ މީހުން އިތުރަށް ވިސްނައިލަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އޭގެ ތެރޭގައި ، އިންވެސްޓްކޮށްފައިވާ  ދާއިރާއަކީ ވަރަށް ވިސްނަންޖެހޭ ދާއިރާއެކެވެ. މުހިންމު ދާއިރާތައް ކަމުގައިވާ ، ބޭންކިންގ އާއި އިންސޫރަންސް އަދި ކާބޯތަކެތި ގަނެވިއްކުމުގެ ދާއިރާއަކީ ، މާބޮޑު ބަދަލެއް ނައިސް ، ފައިދާގައި ހިނގަމުންދާ ދާއިރާތަކެވެ. އެފަދަ ދާއިރާތަކަށް ލިބޭ އާމްދަނީއަށް ، ގެއްލުންދައްކާފަދަ ނޭދެވޭ އަސަރުތަކެއް ނުފޯރާނެއެވެ. އެހެންނަމަވެސް ، ގެދޮރު ޢިމާރާތްކުރުމާއި ޟާރޫރީ ނޫން ތަކެތި ގަނެވިއްކާ ފަރާތްތަކާއި ފޮތިފިހާރަތައް އަދި ވެހިކަލްގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް ، މިޙާލަތުގައި ކުރާ ނޭދެވޭ އަސަރު ބޮޑުވާނެއެވެ. މިފަދަ ދާއިރާތަކަށް ކޯވިޑްގެ ޙާލަތުގައި ކުރާ ނޭދެވޭ އަސަރުގައި ގޮތެއްނުވާވަރަށް އަތްމަތި ތަނަވަސްނަމަ ، ޙިއްޞާއަށް ގޮތެއްނުހަދާ ހިފަހައްޓާލެވިދާނެއެވެ. އެހެންނޫންނަމަ ، ދެން އޮންނާނީ ޙިއްޞާ ވިއްކާލައި ، ލިބިދާނެ ގެއްލުމުން ސަލާމަތް ވުމެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، ކޯވިޑްގެ ޙާލަތަކީ ، ހީވެސްނުކުރާފަދަ ގޮތަކަށް ދުނިޔެ ބަދަލުކޮށްލަފާނެ ނުރައްކާތެރި ޙާލަތެއްކަމެވެ. އަދިހަމަ އެފަދައިން ، އެޙާލަތުން ލުއިގޮތަކަށް އަރައިގަނެވިދާނެ ޙާލަތެއްވެސް މެއެވެ. ޗައިނާގެ އިޤްތިޞާދަށް ކުއްލިގޮތަކަށް އައި ހެޔޮ ބަދަލަށް ވިސްނައިލުމުން އެކަން ކަށަވަރު ވެއެވެ.

ކޯވިޑްގެ ޙާލަތުގައި ދެން ވިސްނައިލަންޖެހޭ ކަމަކީ ، އިންސޫރަންސްގެ މައްސަލައެވެ. ލައިފް އިންސޫރަންސެއް ނެތްނަމަ ، ނުވަތަ ހެލްތު އިންސޫރަންސެއް ނުނަގާނަމަ ، މިދުވަސްވަރަކީ ، އެކަމާމެދު ވިސްނާލަން އެންމެ ރަނގަޅު ދުވަސްވަރެވެ. އެހެން އެއްވެސްކަމަކަށްވުރެބޮޑަށް ، ތިމާގެ ހެލްތު އިންސޫރަންސް ނުވަތަ ލައިފް އިންސޫރަންސާމެދު ވިސްނަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ކޮންމެ އިރަކުވެސް ޙާލަތު ބަދަލުވެދާނެއެވެ. ހިތާމަވެރި ޙާލަތެއް މެދުވެރިވުމުގެ ކުރިން ވިސްނައިގެން އެޅޭ ފިޔަވަޅަކީ ، މުސްތަޤްބަލް ސަލާމަތްވާން ލިބޭނެ ފުރުޞަތެކެވެ. ވަގުތު އެބައޮތްކަމަށް އަމިއްލަ ނަފުސަށް ޤަބޫލުކުރެވިދާނެއެވެ. އެހެންނަމަވެސް ، ކޯވިޑް ގެ ޙާލަތުން މުޅިދުނިޔެއަށް ދިން އިންޒާރަކީ ، ސަލާމަތްވާން އެޅެންހުރި ފިޔަވަޅުތަކެއް ނޭޅުމަށްވުރެ ، އެފަދަ ފިޔަވަޅެއް އެޅިފައި އޮތުމުން ލިބޭނެ ރައްކާތެރިކަމާއި ސަލާމަތުގެ މުހިންމު ކަމެވެ. އިންސޫރަންސެއް އޮތްނަމަ ، ނެގިފައިވާ ޕްލޭނަކާމެދު ވިސްނައިލުމަކީ ، މިއަދު ކުރަންޖެހިފައިވާ އިތުރު ކަމެކެވެ.

ލިބިފައި އޮންނަ މާލީ ތަނަވަސްކަން ދެމެހެއްޓުމަކީ ކޮންމެ އިންސާނަކުވެސް އަބަދުވެސް ވިސްނައި ފިކުރުކުރަން ޖެހޭނެ ކަމެކެވެ. ކޮންމެ ޙާލަތެއްގައި ދުނިޔޭގައި އުޅެން ޖެހިފައިއޮތަސް ، ތިމާއާއި އަނބިދަރިންނާ އަދި ބަލަދުއަރާ ބައެއްގެ ރައްކާތެރިކަމާއި ސަލާމަތަށް ވިސްނަން އިންސާނާއަށް މަޖުބޫރު ކުރެއެވެ. ވަކިޙާލަތަކަށް ދުނިޔެ ބަދަލުވުމަކުން ، އެޒިންމާއާއި މަސްއޫލިއްޔަތު ބަދަލުވެގެންނެއް ނުދެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.