ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ކޮވިޑް ގައި 66 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހުނު

ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން 66 މީހުނަށް އައިސީޔޫގައި ފަރުވާދޭން ޖެހުނު ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްސީއީއޯގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ޖުލައި 12 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 66 މީހުންނަށް ކޮވިޑްގައި އައިސީޔޫގައި ފަރުވާ ދީފައި ވާއިރު ނުވަ މީހަކު ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށެވެ. ވެންޓިލާޓަރަށްލާންޖެހުނު ނުވަ މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާކަމަށެވެ. ދެމީހުން ރަނގަޅު ވެގެން ދޫކޮށްލައިފައިވާއިރު ތިންމީހަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ޖުލައި ބާރާއިގެ ކުރިން އައިސީޔޫގައި ފަރުވާ ދޭންޖެހުނު މީހުނާއެކު ޖުމުލަ ޢަދަދުތައް މާދަމާރޭގެ ޕްރެސްގައި ހާމަކުރައްވާނެކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ ނުވަހާހުން މައްޗަށް އަރާފައެވެ. މިއަދުގެ ހައެއް ޖެހުމާ ހަމައަށް ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 62 މީހުންނާއެކު ބަލިޖެހުނު ޖުމުލަ ޢަދަދަކީ 9052 އެކެވެ. ބަލި ޖެހިފައި ތިބީ 1960 މީހުންނެވެ. 7055 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންވަނީ 116 މީހުންނަށެވެ.

ރަށްރަށުގެ ކޮވިޑްގް ޙާލަތަށް ބަލާއިރު 30 ރަށެއްގައި 113 އެކްޓިވް ކޭސް ނުވަތަ ބަލި ޖެހިފައި ތިބި މީހުން އެބަ ތިއްބެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި ރަށްރަށުން އިތުރު11 މީހަކު އަލަށް ވަނީ ބަޔަށް ޕޮޒިޓިވްވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.