ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ދައުވާ އުފުލައިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ފުރުވާލުން ކުށްވެރިކޮަށް އެ މައްސަލަ ބަލައިދިނުމަށް "އުތެމަ" ހިމެނޭ ގޮތަށް ހަތަރު މަދަނީ ޖަމްޢިއްޔާއަކުން ގޮވާލައިފިއެވެ.
މިކަން ކުށްވެރިކޮށްފައި ވަނީ އުތެމަގެ އިތުރުން ހޯޕް ފޯ ވިމެން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ފެމެލީ ލީގަލް ކްލިނިކުންނެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައި ދައުވާ އުފުލައިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރިކަން އެނގުނީ ޚަބަރުތަކުންކަމަށް ސަރުކާރުން ބަޔާން ކުރުމަކީ، ޒިންމާދާރުކަން ކުޑަ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމްޢިއްޔާތަކުން ވަނީ ބުނެފައެވެ. ސަަބަބެއް ކަމަށް ފާހަގަ ކޮށްފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ޖެނުއަރީ 19 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށް ފެބުރުއަރީ ނުވައެއްގައި ކޯޓުން ކުރި އަމުރު ރައްދުވާ ފަރާތަކީ ސަރުކާރުގެ މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް އިމިގްރޭޝަން ކަމަށް ވުމެވެ.
ޖިންސީ އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި، އަނިޔާގެ އަމަލުތައް ރައްދުވާ ފަރާތްތަކަށް އިންސާފު ގާއިމުކޮށް ދިނުމާއި އިންސާފު ގާއިމުކޮށްދެވޭތަން ފެންނަން ޖެހޭކަމަށް އެޖަމްއިއްޔާތަކުން ދެކެއެވެ. ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކަންކޮށްފައިވާ ގޮތަކީ ޢަލީ ވަޙީދުގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ 13 އަންހެނުންނަށާއި ރާއްޖޭގެ ޖިންސީ ޝިކާރައަކަށް ކޮންމެ ދުވަހަކު ވަމުންދާ އަންހެނުންނާއި ކުޑަކުދިންނަށް ކޯޓާ ދޭތެރޭގައި އިތުބާރު ނެތިގެން ދާނޭފަދަ ގޮތަކަށް ކަމަށް ވާތީ ޖަމްޢިއްޔާތަކުގެ ކަންބޮޑުވުން އޮތް ކަމަށް ވަނީ ބުނެފައެވެ.
"މި ފަދަ ނިންމުންތަކުގެ ސަބަބުން ޖިންސީ އަނިޔާކުރާ މީހުންނަށާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ނުފޫޒާއި މަގާމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ގާނޫނުގެ ބާރު ނުފޯރާނެ ކަމަށް ދުށުމުގެ ފުރުސަތު ބޮޑުވެ، ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބިގެން ދިއުމަށް ފަހިވާނެކަމަށް ވެސް މި ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ. އެހެންކަމުން މިގޮތަށް ކަންކުރަން ކޯޓަށް ޖާގަލިބިދޭ އިދާރީ އަދި އިޖުރާއީ ބަލިކަށިކަން ފިލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މި ޖަމްޢިއްޔާތަކުން ދެކެމެވެ،" މަދަނީ ޖަމްޢިއްޔާތަކުގެ ނޫސްބަޔާނުގައި ވެއެވެ.
މި މައްސަލަ ހިނގައިފައިވާ ގޮތް ފުރިހަމަ އަށް ބެލުމަށްވެސް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ޖަމްޢިއްޔާތަކުން ވަނީ ގޮވާލައިފައެވެ. މައްސަލައިގައި އިހުމާލުވާ ފަރާތްތައް އެފަދަ ޒިންމާދާރު މަގާމުތަކުގައި ތިބުމަކީ ރާއްޖޭގެ އަންހެނުންނަށް އިންސާފު ލިބުމަށް އޮތް ހުރަހެއްކަން ފާހަގަ ކޮށް އެކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ވެސް ވަނީ ގޮވާލައިފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ނިންމައިފައިވަނީ، ޖިންސީ ގޯނާގެ މައްސަލައެއް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޖޭއެސްސީން ނިންމައިފައިވާ މައްސަލައެއް ރައްދުވާ ގާޒީއެއްކަމަށްވެސް ނޫސްބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ޖިންސީ އަނިޔާގެ މައްސަލަތަކަށް އެކަށީގެންވާ މިންވަރަށް ހޭލުންތެރިވެފައި ނުވާ ފަނޑިޔާރުން މިފަދަ މައްސަލަތައް ބަލަމުންދާތީ، ޖިންސީ އަނިޔާގެ އަމަލުތައް ރައްދުވާ ފަރާތްތަކަށް އިންސާފުލިބުމުގެ ފުރުސަތު ވަރަށް ކުޑަކަންވެސް ފާހަގަ ކޮށްފައިވެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭއިރު، ރޭޕުކުރުމުގެ ކުށަކީ ޖިނާޢީ އިޖުރާތުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެއްކަން ޖަމްޢިއްޔާތަކުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އެފަދަ ބޮޑު ޖިނާއީ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ، އެންމެ ޑޮކްޓަރެއްގެ ބަހަށް އެކަނި ބަލައި، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް، އެއްވެސް ޓްރެވެލް ޜެސްޓްރިކްޝަނެއް ނެތި، މުތަަލައްޤު ގޮތެއްގައި އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޖަމްޢިއްޔާތަކުގެ ބަޔާނުގައި ވެެއެވެ.
މިފަދަ ބޮޑު ޖިނާއީ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ބެހެއްޓުމުން ޕާސްޕޯޓު ދޫކޮށްލުމަކީ މީގެ ކުރިން ކޯޓުން އަމަލުކޮށްފައިވާ އުސޫލެެއް ނޫންކަންވެސް ޖަމްޢިއްޔާތަކުން ފާހަގަ ކުރެއެވެ.
"މި މައްސަލައިގައި އެފަދައިން އަމަލުކޮށްފައި ވުމަކީ، އަންހެނުންނަށްކުރާ ޖިންސީ އަނިޔާ އަދި ރޭޕްގެ ކުށްތަކުގެ މައްސަލަތަކަށް އިންސާފު ނުލިބިދާ މިންވަރަށް ބަލައި، މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމަށް އެޅިގެންދިޔަ ނުހަނު ބޮޑު ހުރަހެއްކަން ފާހަގަ ކުރަމެވެ.ޖިންސީ އަނިޔާ ރާއްޖޭގައި އާންމުވެފައިވާ ނިސްބަތަށް ބަލާއިރު ރިޕޯޓު ކުރެެވެނީ ވަރަށް މަދުންކަން ފާހަގަވާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމަކީ ޖިންސީ އަނިޔާގެ އަމަލުތައް ރިޕޯޓު ކުރުމަށްވެސް އެޅިގެން ދިޔަ ހުރަހެއްކަމަށް މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." މަދަނީ ޖަމްޢިއްޔާތަކުގެ ބަޔާނުގައި ވެެއެވެ.