ކުށްކުރާ ސިޔާސީ މީހުންނަށް ފިޔަވަޅު ނޭޅެނީ ކީއްވެ؟

އެއީ ، ސިޔާސީ މީހުން ވީމާ ހެއްޔެވެ ؟ ނުވަތަ ، ބާރުއޮތީމާ ސަލާމަތްވާނެގޮތް ހޯދެނީ ހެއްޔެވެ ؟ ނޫނީ ފައިސާ ހުރީމަ ރިޝްވަތުދީގެން ގޮތްނިންމާމީހުން ގަނެލަނީ ހެއްޔެވެ ؟ އެހެންނޫނީ ، ޤާނޫނުގެ ނުފެންނަ ލޯވަޅުތަކުން ދެމިގަންނަނީ ހެއްޔެވެ ؟ އެހެންނާ ، ވެރިކަމުގެ ނިޒާމު ދޯހަޅިވީމަ ބޭނުންގޮތެއް ހަދައިލެވެނީ ހެއްޔެވެ ؟

ކުށްކުރާ ސިޔާސީމީހުންނަށް ފިޔަވަޅު ނޭޅެނީ ، ކީއްވެގެން ހެއްޔެވެ ؟ އެމީހުން އެކުރާކަމެއް ކޮށްގެން ، ސަލާމަތްވާއިރު ، ހަމަ އެއްވެސް މީހެއްގެ އިހުމާލެއް އެކަމުގައި ނޯންނަނީ ހެއްޔެވެ ؟ މިއީ ސަބަބުތަކުގައި ހިފައިގެން ، ޖަވާބެއް ހޯދޭވަރަށްވުރެ އޮޅުން ބޮޅުން ބޮޑު ސުއާލު ތަކެކެވެ. ނިޒާމީ ނުކުތާތަކުން ފުރިގެންވާ މިދުނިޔޭގައި ، ކުށްކުރުމަށްފަހު ، އެކިގޮތްގޮތުން ސަލާމަތްވާ ސިޔާސީ މީހުން ގިނަވީމައެވެ. ސިޔާސީ މީހުން ކުށުން ރެކެން ހުޅުވިފައި ހުރިމަގުތައް ގިނައީއެވެ. އެއީ ޢާންމު ކަމަކަށްވެފައި ، ފަސޭހައިން ކޮށްލެވޭކަމަކަށް ވަނީއެވެ. ކިތަންމެ ބޮޑު ވައްކަމެއް ކުރުމަށްފަހުވެސް ، ސަލާމަތުން ދުނިޔޭގައި ތިބެވޭނެމަގު ފަހިވެފައި އެބައޮތެވެ. ކިތަންމެ ބޮޑު ޖިންސީގޯނާގެ ޢަމަލުތަކެއް ކޮށްފައިވެސް ކުށުން ރެކެން ޤާނޫނާދުރަށް ދެވެން އެބައޮތެވެ. އިޖްތިމާޢީ ޢަދާލަތުން އަދަބުވެރިވެގެން އަދަބުން ސަލާމަތްވެވޭނެ އަދި ސަލާމަތް ކޮށްދެވޭނެ ގޮތާއިމަގު ފަހިވެފައި އެބައޮތެވެ. އަދިއެކަން ހިނގަމުން އެބަދެއެވެ.

ދުނިޔޭގެ ކޮންމެ ޤައުމަކަށްބަލައިލިކަމުގައިވިޔަސް ، ސިޔާސީ މީހުން ކުށްކުރުމަށްފަހު ، ސަލާމަތްވާތަން އެބަ ފެނެއެވެ. އެއީ ޤައުމެއް މުއްސަނދިވެގެން ނުވަތަ ފަޤީރުވެގެން ހިނގާކަމެއްނޫނެވެ. އަދި ބާރުހުރެގެން ނުވަތަ އާރެއްބާރެއްނެތިގެން ހިނގާ ނިޒާމެއްވެސް ނޫނެވެ. އެއީ ދުނިޔެ ހިނގާ ނިޒާމުކަމަށް ޤަބޫލުކޮށް އެކަމަށް އާދަވާން ދަސްކުރަންޖެހިފައިވާ ކަމެކެވެ. އެކަމަކު ، ހެޔޮނުބައި ވަކިކޮށް ދަންނަމީހާއަށް އެކަން ޤަބޫލުކުރެވޭނީ ކިހިނެއްތޯއެވެ ؟

ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމު އަދި އެންމެ ފައްކާ ޑިމޮކްރަސީކަމަށް ދަޢުވާކުރާ އެމެރިކާގެ ޙާލަކީވެސް އެއީއެވެ. ފަސާދައާއި ޚިޔާނާތުގެ ހިޔަނީގައި ނަޟާޙަތްތެރިކަން ގެއްލި ، ވެރިކަމުގެ ނިޒާމާއި ޤާނޫނީ އިމުގެ ތެރެއިން ، ސަލާމަތުން ނުކުންނަ މީހުން މަދެއްނޫނެވެ. ޚާއްޞަކޮށް ސިޔާސީ މީހުންނާއި މުއްސަނދި މަހުޖަނުންނެވެ. ކުށުގެ ވެއްޓަށް އަހުލުވެރިވާ ސިޔާސީ މީހުންނަށް ޙައްޤު ފިޔަވަޅު އެޅުމަކީ ، އެމެރިކާގައިވެސް ވަރަށް އުނދަގޫ ކަމެކެވެ. އެމެރިކާގެ ނިއުޖާޒީގެ ސެނެޓަރ ރޮބަޓް މެނެންޑޭޒް އަކީ މިފަދަ މައްސަލައެއްގައި ތާށިވެ ، 5 އަހަރުވަންދެން މައްސަލަ ދިގުދެމިގެންގޮސް ، އެންމެފަހުން ކުށެއްނެތް މީހެއްގެ ގޮތުގައި އަބުރުވެރިކަމާއެކު ކޯޓުން ނުކުތް ޝަޚުޞެކެވެ. އޭނާގެ މައްޗަށް ދަޢުވާކުރެވުނީ ވަރަށްބޮޑު ރިޝްވަތުގެ މައްސަލައެއްގައެވެ. އެއީ ސިޔާސީގޮތުން މެނެންޑޭޒްގެ އެހީއަށް ބޭނުންވެފައިހުރި ރައްޓެއްސަކު ، ހަދިޔާގެ ގޮތުގައްޔާއި ކެމްޕޭނަށް ދިން ބޮޑުޢަދަދެއްގެ ފައިސާގެ މައްސަލައެކެވެ. އެމެރިކާގެ މައި ސަރުކާރުގެ ދައުލަތުގެ ވަކީލުންނަށް މެނެންޑޭޒްގެ މައްސަލަ ދޫކޮށްލަން މަޖުބޫރުވީ ، ޤާނޫނީގޮތުން އޭނާގެ އެއްވެސް ކުށެއްއެކަމުގައި އެމީހުންނަށް ސާބިތު ކުރެވެން ނެތްކަމަށް ކޯޓުން ނިންމުމުންނެވެ. މިމައްސަލަ މިގޮތަށް ނިމިގެން ގޮސްފައިވަނީ ، މިފަދަ އެހެން މައްސަލަޔަކަށް މޫލައިގެންގޮހެވެ. އެއީ ، ހަމަ މިގޮތަށް ކުށެއްނުފެންނަކަމަށް ނިންމާފައިވާ ރިޝްވަތުގެ މައްސަލައެކެވެ. ނިއުޖާރސީގެ ، ސިޔާސީގޮތުން އަރާހުރި ރިޕަބްލިކަން ގަވަރުނަރު ބޮބް މެކްޑޮނެލްގެ ރިޝްވަތުގެ މައްސަލައެކެވެ. އެމައްސަލަވެސް ވަނީ ، ކުށެއް ސާބިތުކުރެވެންނެތި ފެއިލްވެފައެވެ. 2014 ވަނައަހަރު ، ސްޕރީމްކޯޓާ ހަމަޔަށް އިސްތިއުނާފް ކުރެވުނު މިމައްސަލައިގާ ، މެކްޑޮނެލްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުކުރަން ، ދައުލަތުގެ ވަކީލުންނަށް ވަރަށް އުނދަގޫވިއެވެ. ދަށުކޯޓުން އޭރުއޮތީ ، 175 ހާސް ޑޮލަރުގެ ރިޝްވަތުގެ ޢަމަލެއް ހިންގިކަމަށް މެކްޑޮނެލްގެ މައްޗަށް ހުކުމް ކޮށްފައެވެ. އެހެންނަމަވެސް ، ދަށު ކޯޓުގެ އެޙުކުމް ސްޕްރީމު ކޯޓުންވަނީ ބާތިލުކޮށްފައެވެ. ދަށުކޯޓަށް ފެނުނުގޮތުގައި ، މެކްޑޮނެލްގެ ތަޙުޤީޤު ، ޖަސްޓިސް ޑިޕާރޓްމަންޓުން ކުރިޔަށް ގެންގޮސްފައިވަނީ ، އިޖުރާޢަތްތަކާ ފުށުއަރާގޮތަށް ، މާމައްޗަށެވެ.

މެކްޑޮނެލްގެ ރިޝްވަތުގެ މައްސަލައިގައި ، ޗީފްޖަސްޓިސް ޖޯން ރޮބަޓް އަށް ފެނުނުގޮތުގައި " މައްސަލަޔަކީ މެކްޑޮނެލް އެއްނޫނެވެ. މައްސަލަޔަކީ ، މައިސަރުކާރުން ، ރިޝްވަތު މާނަކުރުމުގައި ގެންގުޅޭ ކޮށި ވިސްނުމެވެ. " ސިޔާސީ މީހުން ، އެމީހުންނަށް ލިބިގެންވާ ބާރު ، ނުހަމަގޮތުގައި ބޭނުންކޮށް ، ރިޝްވަތުގެ ޢަމަލުތައް ހިންގާއިރު ، ކުށްވެރިވާ ރޮނގާހިސާބަށް ނުދެވޭނެކަން ވިސްނުމުގައި ބަހައްޓައެވެ. އެރޮނގާހަމަޔަށް ދިއުމުގެ ކުރިން ނުވަތަ ގެންދިއުމުގެ ކުރިން ، ބައިބަލާ ކުޅޭހެން ، ކޮންމެވެސް ގޮތަކުން ކުށުގެ ނާރެހުން އެމީހުންނަށް ނުކުމެވޭނެކަމުގެ ޔަޤީންކަން ކަށަވަރު ކުރެއެވެ. އަމިއްލަ އިޚުތިޔާރުގައްޔާއި އެނޫންޙާލަތްތަކުގައި އެހެން ބަޔަކު ނުވަތަ މީހަކު ، އެކުށަކަށް ޖާމިނުކޮށްފައިވިޔަސް ، ސިޔާސީމީހުން ކުށުން ރެކިގަނެއެވެ.  ކިތަންމެ ގިނަބަޔެއްގެ ޙައްޤު އެކަމެއްގައި އޮތަސް ވަރިހަމައެވެ. ސުއާލަކީ ، ޖާމިނުވިޔަސް ، ކުށްކުރި މީހާގެ މައްޗަށް ކުރާ ޙުކުމެއް ، ކުށްނުކުރާ މީހެއްގެ މައްޗަށް ކުރެވޭނެތޯ އެވެ ؟ ޖާމިނުވާމީހާ އެކަމަށް އެއްބަސް ވާނެތޯއެވެ ؟ އެއީ ޖާމިނުވާމީހާގެ މައްޗަށް ޙައްޤު ޙުކުމަކަށްވާނެތޯއެވެ ؟  މިސުއާލުތަކަށް ސާފު ސީދާކޮށް ލިބޭ ޖަވާބަކީ ، ވަކިބާވަތެއްގެ ކުށެއް ކޮށްގެން ، އެކުށެއްކުރިމީހާ ފިލަން ދުވާއިރު ، އެކަމަށް އެހެންމީހަކު ޖާމިނެއް ނުކުރެވޭނެއެވެ. ޖާމިނުކުރުވި މީހާކޮށްފައިވާ ކުށަކަށް ޖާމިނުވާމީހާގެ މައްޗަށް ޙުކުމެއް ނުކުރެވޭނެއެވެ. އެހެންކަމަށްވަންޏާ ، އެއީ ކުށްކުރިމީހާ ފިލަން އެހެން މީހަކު ޖާމިނު ކުރެވޭނެ ޙާލަތެއްނޫނެވެ. ޝަރީޢަތުގެ ވަކި ހިސާބަކުން ، ގައިމު ސަލާމަތްނުވާނެ ހިސާބަށް ދިޔައިމަ އެހެންމީހަކު ޖާމިނުކޮށްފައިވިޔަސް ، އަދި ޖާމިނު ނުކޮށްވިޔަސް ، ކުށްކުރިމީހާއަށް ފިލައިގެންގޮސް ، އެތައް ބަޔެއްގެ ޙައްޤު ގެއްލޭގޮތަށް ޤާނޫނުން ޖާގަދެވިފައި އޮވެގެން ނުވާނެއެވެ. އެއީ އިޖްތިމާޢީ ޢަދާލަތަށް އޮތް ނުރައްކަލެކެވެ. ޤާނޫނުހަދާމީހުން ، ވަކިމަޤްޞަދެއްގައި ލިޔެފައި ހުންނަ މިބާވަތުގެ ޤާނޫނުތަކުން ، ސިޔާސީ ކުށްވެރިން އެބަ ސަލާމަތްކޮށް ، ޙިމާޔަތް ކޮށްދެއެވެ. މުޅި މުޖުތަމަޢު ފަސާދަވެގެން އެބަދެއެވެ.

ޗީފްޖަސްޓިސް ގެ އިންޒާރުގެ ބަޔާނަށް ބަލާއިރު " އެހާފުޅާދާއިރާއެއްގައި މާނަކޮށްގެން ، ރަސްމީ ހައިސިއްޔަތެއް ހިމެނޭފަދަ ، ރިޝްވަތުގެ ޢަމަލުތައް ކުށަކަށް ހެދުމަކީ ގޯހެކެވެ. ކެމްޕޭނަށް އެހީތެރިވާ ފަރާތްތަކަށް ، ރަސްމީ ސިފައެއްގައި އެހީތެރިވުމަކީ ކުށެއްކަމަށް ބެލެވޭފަދަ ވިސްނުމެއް ގެންގުޅެގެން ނުވާނެއެވެ. ސިޔާސީ މީހުންކުރާ  ކެމްޕޭނަށް އެހީތެރިވުމަކީ ، ރިޝްވަތެއްކަމަށް ، އެމެރިކާގެ ޗީފްޖަސްޓިސް އަށް ޤަބޫލެއް ނުކުރެވެއެވެ. " އިންތިޚާބީ މެންބަރުން ، އެމީހުންގެ ދާއިރާގެ މީހުންގެ އަޑު އަހަން ޖެހޭނެއެވެ. އަދި ދާއިރާގެ މީހުންގެ ބޭނުންތައް ފުއްދައިދޭން ޖެހޭނެއެވެ." ޗީސްޖަސްޓިސްގެ ރަޢުޔުގައި ވެއެވެ.

އިންތިޚާބީ މަޤާމުތަކުގައި ތިބޭ ސިޔާސީ މީހުން ، އެކިވަރުގެ އިމްތިޔާޒުތައް ބޭނުންކޮށް ، އެކިކަންކަން ޙާޞިލް ކުރުމަކީ މިހާރު ، ކުށަކަށް ނުވެއެވެ. ސިޔާސީމީހުން މިފަދަ ގިނަ ކަންކަން އެމީހުން އެދޭގޮތަކަށް ޙާޞިލް ކުރަނީ ، ސަރުކާރުގެ ވަޞީލަތްތައް ބޭނުންކޮށްގެން ، ރަސްމީ ނިންމުންތަކުގެ ތެރެއިންނެވެ. އެއީ އެހިސާބަށް އެމީހުންނަށް ދެވޭތީއެވެ. އެހިސާބަށްދާން ފުރުޞަތު ނެތްބަޔަކަށް އެފަދަ ކަންކަން ޙާޞިލެއްނުވާނެއެވެ. އިންތިޚާބީ މަޤާމަކަށް ހޮވުމަކީ ، އަދި ސިޔާސީ ބާރެއްއޮތުމަކީ ، ފައިސާ ހުރުމަކީވެސް ، ޤާނޫނު އަރާހަމަނުކުރާނެ ޙާލަތެއްނޫނެވެ. އެހެންނަމަވެސް ، ޤާނޫނު އަރާ ހަމަކުރާ މަރުޙަލާގައި ނިޒާމުގެ ފުށުއެރުންތަކާއެކު ، ސިޔާސީމީހުންނަށް އެހެން މީހުންނަށް ލިބިގެންނުވާ ޙިމާޔަތްތަކަކާއި ފުރުޞާތުތަކެއް ލިބިފައި އޮވެއެވެ. އަދި އެފަދަ ފުރުޞަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައެވެ.

ވަކި މީހަކު ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް ، ފައިސާވެރިޔަކާއެކު ބައްދަލުވާނެގޮތް ހަދައިދިނުމަކީ ، ސިޔާސީމީހުންނަށް ކުށެއްނޫނެވެ. ކިތަންމެ ބޮޑު ރިޝްވަތުގެ ޙާލަތެއް ޝާމިލްވިޔަސް އެއީ ސިޔާސީ މީހުންނާބެހޭ ކަމެއްނޫނެވެ. ވަކިބިލަކަށް ވަކިގޮތަކަށް ވޯޓު ދިނުމުގައި ވަކިގޮތަކަށް ނިންމުމަކީ ސިޔާސީ މީހުންނަށް ކުށެއްނޫނެވެ. އަދި މިހުރިހާ ކަންކަމެއްގެ ބަދަލުގައި ލިބޭ ކުއްލި މުއްސަނދިކަމަކީވެސް ސިޔާސީމީހުންނަށް މައްސަލަޔަކަށް ނުވެއެވެ.

މެކްޑޮނެލް ގެ މައްސަލައިގައި ، ހަދިޔާ އާއި އެތައް މިލިޔަން ރުފިޔާއެއްގެ ލޯނު ، އޭނާއަށް ލިބިފައި ވެއެވެ.  ނިއުޓްރިޝަނަލް ސަޕްލިމެންޓެއް އުފައްދާ މަހުޖަނަކު ، ސަރުކާރުން އޭނާއަށް ޚާއްޞަގޮތްތަކެއް ފުރިހަމަކޮށްދިނުން ޝަރުތުކޮށް ، މެކްޑޮނެލްއަށް ދިން މި ލޯނާއި ހަދިޔާއަކީ ، ރިޝްވަތެއްކަމަށް ސްޕްރީމްކޯޓަކަށް ނުފެނުނެވެ. އެހިސާބުން ޖަސްޓިސް ޑިޕާޓްމަންޓުން ނިންމީ އެމައްސަލަ އަނބުރާ ގެންދިއުމަށެވެ. ސާބިތުވާވަރަށް ހެކިނެތްކަމަށް ނިންމާފައެވެ. އެހެންނަމަވެސް ، ދައުލަތުގެ ވަކީލުންގެ އަތުގައި މެކްޑޮނެލްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާވަރަށް ހެކި ހުއްޓެވެ.

އިންތިޚާބުތަކުގެ ނާރެހުގައި މުޅިންހެން ދައުރުވަނީ ފައިސާއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ، ވޯޓު ގަނެ ވިއްކުމުގެ ވިޔަފާރިއެވެ. ޤާނޫނުހަދާ މަޖިލިސްތަކާއި ޤައުމީ ފެންވަރުގައި އަދި ރަށުފެންވަރުގައިވެސް މިކަން މިގޮތަށް ހިނގަމުންދަނީ އެގޮތަށެވެ. އިންތިޚާބުވާ މީހާ އިންތިޚާބުކާމިޔާބު ކުރަނީ ، ކެމްޕޭނަށް އެތައް ފައިސާއެއް ޚަރަދުކޮށްގެންނެވެ. އެފައިސާ އޭނާ ހޯދަނީ ، އޭނާގެ ފަރާތުން ކަމެއް ޙާޞިލްކުރުމަށް ބޭނުންވެފައިތިބޭ މުއްސަނދިންގެ ފަރާތުން، ހަދިޔާ އާއި އެހީ އަދި ލޯނުގެ ގޮތުގައެވެ.  އިންތިޚާބު ކާމިޔާބުވެއްޖެނަމަ ، ޤަބޫލުކުރެއްވިޔަސް އަދި ނުކުރެއްވިޔަސް ، އޭނާއަކީ ނަފްސުގެ އަޅެކެވެ. ފައިސާއަށް ވިކިހުސްވެފައިވާ އިންސާނެކެވެ. ވަކިބަޔަކު ބޭނުންވާ ގޮތަކަށް އެނބުރެންހުރި ވަހުތާނެކެވެ. ހަމައެކަނި އޮންނަ ފައިދާއާއި މޮޅަކީ ، ގިރުވާން ކޮޅަށްޖަހައި ޓައީއަޅާފައި މީހުންގެ ތެރެޔަށް ނުކުމެ އުޅެވޭކަމެވެ. އަދި އެހެންމީހުން ކަމުކިޔަން ޖެހޭ ވަރުގެ " ބޮޑުމީހަކަށް " ވެފައި އޮތުމެވެ. ޙަޤީޤަތަކީ ، ސިޔާސީ ނިޒާމަކީ ، ފައިސާއިން ހިންގާ ނިޒާމެއްކަމެވެ. އެނިޒާމުގެ ތެރެޔަށް ވަދެވިއްޖެނަމަ ، ފައިސާ އަންނާނެއެވެ. އަދި ފައިސާ ދާނެއެވެ. އެއީ ފައިސާގެ ވަށައިގެން ހިނގާ ނިޒާމެކެވެ. ކުށެއްކޮށްގެން ކުށްވެރިވާ ޙާލަތުގައި ކުށުން ބަރީޢަވެވޭ މާޙައުލެއް އުފެދިފައި އޮންނާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.