އައްޑޫ ސިޓީގައި މިއަދު ކޯވިޑް -19ގެ ވެކްސިން ދޭނީ ކުރީސަފުގައި މަސައްކަތް ކުރާ 30 ޞިއްޙީ ޚިދުމަތްތެރިންނަށް ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފިއެވެ.
އައްޑޫގައި ކޯވިޑް - 19 ގެ ވެކްސިން ދޭން ފެށުމާގުޅޭ ގޮތުން އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެދުނު އައްޑޫގައި ވެކްސިން ދޭން ފަށާއިރު އެންމެ ފުރަތަމަ ޑޯޒް ދިނުމަށް ހަމަޖެހިފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޕަބްލިކް ރިލޭޝަންސް އަދި އެޓެންޑެންޓުން ހިމެނޭ ގޮތަށް 30 މުވައްޒަފަކަށެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް ވެކްސިން ދިނުމަށް ވަކި ހާއްސަ ތަނެއް މިހާރު ވަނީ އެ ހޮސްޕިޓަލުގައި ތައްޔާރުކޮށްފައެވެ. އަދި ވެކްސިން ދިނުމުގައި ކުރިމަތިވެދާނެ ކަންކަމަށް ވެސް އެ ހޮސްޕިޓަލުން ތައްޔާރު ވެފައިވާކަމަށް އޭއީއެޗުން ބުނެއެވެ.
މާލެއާއި ކުޅުދުއްފުށްޓާ އެއްގޮތަށް އައްޑޫގައި ވެސް ފުރަތަމ ދިނުމަށް ހަމަޖައްސައިފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. މިވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި، އެސްޓްރެޒެނަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ރާއްޖެ ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އުފައްދައިފައިވާ މިބާވަތުގެ ވެކްސިނެކެވެ. އާއްމު އެހެން ވެކްސިންތަކާ އެއްވަރެއްގައި ފިނިހޫނުމިން ބަހައްޓަންޖެހޭ މިވެކްސިންގެ 0.5 އެމްއެލްގެ ދެ ޑޯޒް މަދުވެގެން 4 ހަފުތާގެ ދުރުމިނެއްގެތެރޭގައި ދޭންޖެހޭ ކަމަށް އޭއީއެޗުން ވަނީ ހާމަކޮށްފައެވެ. އަދި މީގެ ކުރިން އެއްވެސް ވެކްސިނަކަށް އެލާޖިކް ވެފައިވާނަމަ މި ވެކްސިން ނުޖެހުމަށް ސައިންސް ވެރިން އިލްތިމާސް ކުރާކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.