ސަމާލުވޭ! ފެންނަނީ "ބިޔަ ރާޅެއް" ބޯމަތިވަމުންދާ މަންޒަރު

ކޮވިޑް 19 ރާއްޖޭގައި ފެތުރެން ފެށިތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން ލިބުނު ލުއިތަކާއެކު އެބަލީގެ ނުރައްކާ އަޅުގަނޑުމެންނަށް މިދަނީ ހަނދާން ނައްތާ ލެވެމުންނެވެ. ރެސްޓޯރެންޓްތަކާއި ކެފޭތަކާއި އެނޫން ވެސް އާއްމު ޚިދުމަތްތައް ލިބެން ފެށުމާއެކު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު މިއަދު ވަނީ ކޮވިޑް ނުރައްކާ ހަނދާން ނެތިފައެވެ. އިޖްތިމާއީ ގައިދުރުކަމެއް ނެތެވެ. މާސްކް އަޅައިގެން ހުންނަނީ ދަތްތޮޅި ދަށުގައެވެ. ގޭގައި މަޑުވުމެއް ނެތެވެ. ނަތީޖާ މިދަނީ ތަފާސް ހިސާބުތަކުގެ އަދަދުތަކުން ސާފުކޮށް ފެންނަމުންނެވެ. ބަލި ޖެހޭ މީހުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އިއްޔެ އަކީ މިގޮތުން ބިރުވެރި ޢަދަދު ތަކެއް ދެއްކި ދުވަހެކެވެ. 137 މިހުން ޕޮޒިޓިވް ވި ދުވަހެކެވެ. އޭތެރޭގައި ރެކޯރޑް ޢަދަދަކަށް ދިވެހިން ހިމެނެއެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.

ނިއުނޯމަލްގައި ބަލިޖެހޭ ދިވެހިންގެ ޢަދަދު ނިސްބަތުން އުޅެނީ ވަރަށް މަތީގައެވެ.  އެހެންކަމުން ކޮންޓެކްޓުންގެ ގޮތުގައި ވެސް ގިނައީ ދިވެހިންނެވެ. އަދި ފެންނަ ކޭސްތަކުގައި ގުޅުން ނެތް ކޭސް ތައް ނުވަތަ ކްލަސްޓަރ އެއްގައި ނުހިމެނޭ ކޭސްތައް ވަނި އިތުރުވެފައެވެ. އެޗްއީއޯސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ ޢަދަދު ހަފްތާއަކަށް ބަލާނަމަ ގުޅުން ނެތް ކޭސްތަކުގެ އިންސަތަ އުޅެނީ 40 ގައެވެ. ގުޅުން ނެތް ކޭސްތައް ދިވެހިންނާއި ބިދޭސީންގެ ނިސްބަތްވެސް އުޅެނީ އެއްވަރެއްގައެވެ. ގުޅުމެއް ނެތް ކޭސްތައް އިތުރުވުމަކީ ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން ހާމަވާ ކަމެއްކަމަށް އެޗްއީއޯސީ އިންވެސް ވިދާޅުވެއެވެ. 

ގިނައިން ދިވެހިން ބައްޔަށް ޕޮޒިޓީވް ވުމަކީ ބަލީގެ ނުރައްކާ ޙާލަތަށް ގޮސްދާނެ ކަމުގެ ބިރުވެރި ރަނގަބީލެކެވެ. ދިވެހިންނަކީ އެމީހުންގެ ޢައިލާތަކާއެކު އުޅޭނެ ބަޔަކަށް ވާތީ ބަލި ޖެހޭ ކޮންމެ ދިވެއްސަކާވެސް ކޮންޓެކްވާ މީހުންގެ ތެރޭގައި ހައިރިސްކްގެ މީހުން ތިބުމުގެ ފުރުޞަތު ބޮޑުވުމުން ބަލީގެ ނުރައްކާ އިތުރުވެގެންދާނެއެވެ.

އިސްސަފުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ބަލިޖެހުން އިތުރުވުން 

ކޮވިޑް ބަލިޖެހޭ ދިވެހިންގެ ޢަދަދު އިތުރުވަމުންދާ އިރު އޭގެތެރޭގައި އެންމެ ގިނަ އެއްބަޔަކީ  ފޮރޮންޓްލައިން ނުވަތަ އިސްސަފުގައި މަސައްކަތްކުރާ މީހުންނެވެ. އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ދައްކަވާ ގްރާފްތަކުންވެސް އިސްސަފުގައި މަސައްކަތްކުރާ މީހުންނަށް ބަލިޖެހުން އިތުރުވެފައިވާކަން ފާހަގަ ކުރެވެވެ. ދާދިފަހުން ފުލުހުން ވެސް ވިދާޅުވެފައި ވަނީ ފުލުހުންގެ އިސްސަފްގައި މަސައްކަތްކުރާ ފުލުހުން ބައްޔަށް ޕޮޒިޓިވް ވަމުންދާކަމަށެވެ. ނަމަވެސް ޢަދަދު ތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނުރަސްމީ ކޮށް އެނގިފައިވާ ގޮތުގައި ސިފައިންގެ ތެރެއިންވެސް ގިނަޢަދަދެއްގެ މީހުންދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.  

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި އެންމެ ރިސްކް ބޮޑު އެއްބަޔަކީ ޑޮކްޓަރުންނާއި ނަރުހުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާކަން ތަފާސް ހިސާބުން ހާމަކުރައްވަމުން ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް ހެލްތްމިނިސްޓަރ ދާދި ފަހުން ވަނީ ފާހަގަ ކުރައްވައިފައެވެ. ޚިދުމަތްތެރިން ޕޮޒިޓިވްވެ ޚިދުމަތް ނުދެވޭ ކަމަށް ވާނަމަ، އެއީ ދިމާވާނެ ގޮންޖެހުމަކަށް ވާނެކަމަށް ވެސް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

ކޮވިޑްގެ ޙާލަތު މިހާރު މިދަނީ ކުރީގެ އަންދާޒާތަކާ ދިމާއަށްބާ؟ 

އޭޕްރީލް މަހުގެ 15 ގައި މާލެއިން ކޮވިޑް ބަލީގެ މީހަކު ފެނި ބަލި ފެތުރެން ފެށުމާއެކު ވަނީ ރާއްޖޭގެ ކޮވިޑްގެ ޙާލަތާ ގުޅޭ އަންދާޒާތަކެއް ރަސްމީކޮށް ހާމަކޮށްފައެވެ. ކޮވިޑްގެ ފުރަތަމަ އަންދާޒާތައް ދެއްކީ ވަރަށް ވެސް ބިރުވެރިކޮށެވެ. ރައްކާތެރިވާން އެއްވެސް ފިޔަވަޅެއް ނާޅައި ތިބިނަމަ ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން މިބަލީގެ ޝިކާރައަކަށް ވެދާނެކަމެވެ. އެއީ ގާތްގަނޑަކަށް 98500 މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ. މިއަންދާޒާތަކުން ދައްކާ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާތިއްބާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގެންފިނަމަ 10،891 މީހުން ރާއްޖެއިން މަރުވެދާނެއެވެ. ހަމައެކަނި މާލެ ސަރަހައްދުން ވެސް 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިދާނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެއެވެ.

ކުރީގެ އަންދާޒާތަކުން ދައްކާ ގޮތުން ޕީކަށް ދާދުވަހު ނުވަތަ ޙާލަތު އެންމެ ގޯސްވާ ދުވަހު އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެދުވަހު އެކަނިވެސް 1300 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހިދާނެއެވެ. ނަމަވެސް ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅައިފިނަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު 300 އަށް ދަށްކުރެވިދާނެއެވެ. ފިޔަވަޅު ތަކެއް ނާޅާ ތިބެއްޖެނަމަ އެންމެ ޕީކަށް ދާ ދުވަހު ނުވަތަ ޙާލަތު ގޯސްވާ ދުވަހު 400 އަށް ވުރެ ގިނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެއެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނަމަ ޕީކް ދުވަހެއްގައި އެންމެ ގިނަ ވެގެން ވެސް އައިސީޔޫ އަށް ލާންޖެހޭނީ 100 އެއްހާ މީހުން ކަމަށް ކުރީގެ އަންދާޒާ ގައި ބުނެއެއެވެ. ފަހުގެ އަންދާޒާއިންވެސް ދެއްކީ އައިސީޔޫއަށް ލާންޖެހޭނެ މީހުންގެ ޢަދަދު 100 އަށް އަރާނެކަމަށެވެ. ލޮކްޑައުންގެ ސަބަބުން އަންދާޒާއަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ފަހުގެ އަންދާޒާއިން ދައްކަނީ ބަލީގެ ޝިކާރައަކަށް ވާނީ 77،305 މީހުން ކަމަށެވެ. ނަމަވެސް ފަހުންގެ އަންދާޒާތައް ވެސް ދިމައެއް ނުވެއެވެ.

ފަހުގެ އަންދާޒާތައް ހާމަކުރީ މޭމަހުގެ ކުރީ ކޮޅުއެވެ. އެ އަންދާޒާތަކުން ދެއްކީ އެމަހުގެ 31 ގައި ގިނަބަޔަކަށް ކޮވިޑް ޖެހި ޕީކަށް ދާނެކަމަށެވެ. ނަމަވެސް އެއަންދާޒާތައްވެސް ދިމައެއް ނުވެއެވެ. މެއިމަހުގެ 31 ގެ ޢަދަދު ތަކަށް ބަލާއިރު އެދުވަހު ބައްޔަށް ޕޮޒިޓިވްވީ 30 ބަނގްލަދޭޝީންނެވެ. އެޢަދަދާއެކު ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދު 31 މެއިގައި ހުރީ 1،672 ގައެވެ. ޖެހި ގެން އައި ޖޫންމަހުގެ ފުރަތަމަ ދުވަހަށް ބަލާއިރު އެދުވަހު ވަނީ ރެކޯރޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވެ ޢަދަދު 157 އަށް އަރާފައެވެ. އެދުވަހު ޕޮޒިޓިވް މީހުންގެ ތެރޭގައި އެންމެގިނައީ ބަނގްލަދޭޝީންނެވެ. ޕޮޒިޓިވްވު ދިވެހިންގެ ޢަދަދަކީ އަށެކެވެ. 

މެއި މަހުގެ ކުރީ ކޮޅުގެ އަންދާޒާތައް ދެއްކީ ބަލީގެ ކުންނަށްދާ ދުވަސް، މެއި މަހުގެ 31 ވަނަ ދުވަހު އެކަނިވެސް ގާތްގަޑަކަށް 1500 މީހުންނަށް ބަލި ޖެހިފައި ތިބެދާނެކަމަށެވެ. ނަމަވެސް އޭރު ރާއްޖޭގައި ޓެސްޓް ކުރުމުގެ ޤާބިލްކަންހުރި މިންވަރަށް ބަލާއިރު ބަލިޖެހިގެން  ފެންނާނީ 400 އެއްހާ މީހުން ކަމަށެވެ. މިއަންދާޒާތައް ހާމަކުރެއްވި ދުވަސް ވަރަށް ބަލާއިރު ވެސް ދުވާލެއްގެ މައްޗަށް 300 އެއްހާ މީހުން ފެންނަން ޖެހޭނެކަމަށް އެ އަންދާޒާތައް ހެއްދެވި ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެޢަދަދަށް މީހުން ނުފެންނަނީ އޭރު ޓެސްޓްކުރުމުގެ ޤާބިލްކަން އެވަރަށް ނެތުމުން ކަމަށެވެ. 

އޭރުގެ އަންދާޒާއިން ދެއްކީ ޙާލަތު އެންމެ ގޯސްވާ ދުވަހު އަލަށް 34 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިދާނެކަމަށެވެ. އެދުވަހު އަލަށް ހޮސްޕިޓަލަށް ވައްދަންޖެހޭ މީހުނާއެކު ޖުމްލަ 300 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހިދާނެކަމަށެވެ. ކޮވިޑްގައި މުޅި ޖުމުލަ 13،500 މީހުން ހޮސްޕިޓަލުގައި އެޑް މިޓްކޮށް ފަރުވާ ދޭން ޖެހިދާނެކަމަށް ފަހުގެ އަންދާޒާތަކުން ދެއްކިއެވެ. ޙާލަތު އެންމެ ގޯސްވެ ޕީކަށްދާ ދުވަހު އެކަނިވެސް އައިސީޔޫއަށް 12 މީހުން ލާންޖެހިދާނެކަމަށް ފަހުން ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ކުރިން އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންނާއެކު ޙާލަތު އެންމެ ގޯސްވާ ދުވަހު އެކަނިވެސް 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެކަމަށް ވަނީ އޭރު އަންދަޒާކޮށްފައެވެ.

ހައްލަކީ އަނެއްކާވެސް "ފުރަބަންދު" ބާ؟ 

ކޮވިޑް ބަލީގެ އަންދާޒާތައް ކުރިން ބިރުވެރިކޮށް ދެއްކި ނަމަވެސް ފަހުން ކުރި އަންދާޒާތައް ދަށްކޮށް ދެކީ  ލޮކްޑައުންގެ ފިޔަވަޅުތަކާއެކު އެޅިފައިވާ ހަރުދަނާ ފިޔަވަޅިތަކުންނެވެ. އޭރު ޓެސްޓްކުރުމުގެ ޤާބިލްކަން ހުރި މިންވަރު ދަށްވުމުން އަސްލު ހިސާބުތައް ނުފެންނަނީ ކަމަށް ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް މިހާރު ވަނީ ބައްޔަށް ޓެސްޓް ކުރުމުގެ ޤާބިލްކަން އިތުރުކޮށްފައެވެ. މިހާތަނަށް ރާއްޖެއިން 75550 މީހަކު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ. އަދި ދުވާލެއްގެ މައްޗަށް ޓެސްޓްކުރެވޭ މިންވަރު އުޅެނީ އެއް ހާހަށް ވުރެ މަތީގައެވެ. ޓެސްޓް ކުރެވޭ ނިސްބަތަށް ބަލާއިރު ޕޮޒިޓިވް ކޭސްތައް އިތުރުނުވާކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ. އިއްޔެ 137 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 1،443 މީހެއްގެ ޓެސްޓްގެ ތެރެއިންނެވެ. ނިސްބަތުން ބަލާނަމަ އެއީ ހެދި ޓެސްޓްތަކުގެ 9 އިންސައްތައެވެ. 

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު ބަލިޖެހިގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. އިއްޔެގެ ޢަދަދުތަކަށް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ ޢަދަދަކީ 929 މީހުންނެވެ. މިހާރު އަދަދުތައް އިތުރުވަމުންދާއިރު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު މަދުވުމުން ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ނުވަތަ "އެކްޓިވް" ކޭސް ތަކުގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. އިއްޔެވެސް އެއްވެސް މީހަކު ބަލިން ރަނގަޅު ވެފައެއް ނުވެއެވެ. އެންމެފަހުގެ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި 63  މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. 

ފުރަބަންދެއް މިވަނީ ތަޖުރިބާ ކޮށްފައެވެ. ފުރަބަންދުގެ ސަބަބުން ދިމާވީ އިޤްތިޞާދީ އަދި އިޖްތިމާޢީ މަސައްލަތައް އިންތިހާއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ފުރަބަންދަކަށް ދާންވާނީ އެނޫން ގޮތެއް ނެތިއްޔާއެވެ. 

އެޗްއިއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ވެސް ވިދާޅުވީ އަނބުރާ ފުރަ ބަންދަކަށް ނުގޮސް ބައްޔާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އަލުން އަނބުރާ ފުރަބަންދަކަށް ދާން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް އަދަދުތައް ދައްކާ ގޮތުން އެހާލަތަށް ޤައުމު ހިނގައްޖެ ނަމަ އަލުން ފުރަބަންދުކުރުން ނޫން ގޮތެއް ނޯންނާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.