ކޮވިޑާ ގުޅިގެން މަރުވާ މީހުންގެ މޫނު ތިންފޫޓު ދުރުން އާއިލާގެ މިހުންނަށް ދައްކަނީ

ކޮވިޑާ ގުޅިގެން މަރުވާ މީހުންގެ މޫނު ތިންފޫޓު ދުރުން އާއިލާގެ މިހުންނަށް ދައްކާނެކަމަށް ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ގޮތުގެ އުޞޫލު ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސްއޯޕީ) ގައި ކަނޑައަޅައިފިއެވެ.

މިއުޞޫލުގައި ބުނާ ގޮތުން މައްޔިތާގެ އާއިލާގެ މީހުން މޫނު ބެލުމަށް ތިބެންވާނީ ތިންފޫޓަށް ވުރެ ކައިރިނުވާ ދުރުމިނެއްގައެވެ. އަދި އާއިލާގެ އެންމެންވެސް ތިބެން ވާނީ މާސްކް އަޅައިގެންނެވެ. ޖަނާޒާގައި ގައިދުރުކަން ދަމަހައްޓަން ޖެހެއެވެ. އެއްވެސް ޙާލަތެއްގައި މައްޔިތާގެ ހަށިގަނޑުގައި ހަތްލައިގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮވިޑް ބަލީގެ މީހުން ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ގޮތުގެ އުޞޫލު ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސްއޯޕީ) އެއް އެކުލަވަލައި ހެޕްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އާއްމުކުރައްވައިފައެވެ.  

ނެޝެނަލް އިމާރޖެންސީ އޯޕއރޭޝަން ސެންޓަރުން ވިދާޅުވެފައި ވަނީ މިހާތަނަށް ވެސް މިބަލި ޖެހިގެންނާއި ބައްޔަށް ޝައްކު ކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ވަކި އުޞޫލެއްގެ މަތިންކަމަށެވެ.

އެސްއޯޕީ އެކުލަވާލައިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލައިފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަންނީނިންމުމާއި އިސްލާމިކް މިނިސްޓްރީން ކަމާގުޅޭ ގޮތުން ނެރުއްވައިފައިވާ ސަރކިއުލާ އަސްލަކަށް ބައްލަވައިގެންކަމަށް އެޗްޕީއެން ވިދާޅުވެއެވެ.

މި އުޞޫލުތަކުގައި ބަލިޖެހިފައިވާ ނުވަތަ ޝައްކުކުރެވޭ މީހަކު މަރުވުމުން އެބަލި ނުފެތުރޭގޮތަށް ރައްކާތެރިކަމާއެކު މައްޔިތާގެ ހަށިގަނޑު ގެންގުޅުމާއި، އުފުލުމާއި ވަޅުލުމުގެ ޢަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. ބަލި ޖެހިގެން ނުވަތަ އެބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތަކުގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅައި މިގޮތަށް މަރުވާ މީހުން ވަޅުލުމުގައި އެއްހަމައެއް ގެންގުޅުމަށް އުޞޫލުގައި  ވަނީ ކަނޑައަޅައިފައެވެ.

ޕެންޑަމިކް ދުވަސްވަރުގައި ގޮތް ނޭނގޭ މަރަކުން ނުވަތަ ކޮވިޑް 19 ބައްޔަށް ޝައްކުކުރެވޭ މީހަކު މަރުވެއްޖެނަމަ ކޮވިޑް -19 އަށް ޓެސްޓުކުރުމަށް އެމީހާގެ ސާމްޕަލް ނަގަންވާނެކަމަށް އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ. ނަތީޖާއަށް މަޑުނުކޮށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދަން ޖެހޭނެކަމަށް ވެސް އުޞޫލުގައި ވަނީ ކަނޑައަޅައިފައެވެ.

ކޮވިޑް 19 ޖެހިގެން މަރުވާ މީހުންނާއި ނުވަތަ މަރުވާ މީހުންގެ ތެރެއިން ކޮވިޑަށް ޝައްކު ކުރެވޭ މީހުންގެ އިތުރުން ކޮމިޔުނިޓީ ސްޕްރެޑެއްއޮތް ތަނެއްގައި ނުވަތަ ރަށެއްގައި ވަކި ސަބަބެއް ނޭގި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ވެސް ކުރިއަށް ގެންދަން ޖެހޭނީ ކޮވިޑާ ގުޅޭ އުޞޫލުގެ ދަށުންކަމަށް ވެސެ އެސްއޯޕީގައި ބުނެފައި ވެއެވެވެ.

އުޞޫލުތަކުގައު ބަޔާންކޮށްފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްތަނެއްގައި ނުވަތަ ރެށެއްގައި ވަކި ސަބަބެއް ނޭނގި މަރުވާ މީހުންނަކީ  ޝައްކުކުރެވޭ މީހުން ކަމަށް ބަލަން ވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.  ގޭގައި ނުވަތަ މަގުމަތީގައި މަރުވެއްޖެނަމަ އަމަލުކުރާނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މައްޔިތާގެ ކަންކަމުގައި ހަރަކާތްތެރިވާ އެންމެންވެސް ތިބެންޖެހޭނީ ރައްކާތެރި ކަމުގެ އާލާތް (ޕީޕީއީ) ގައި ކަމަށް ވެސް އުޞޫލުގައި ވެއެވެ. މައްޔިތާއަކީ ބިދޭސީއެއްނަމަޑިޕްލޮމެޓިކް ޕްރޮޓޮކޯލަތައް ފުރިހަމަ ކުރަންޖެހޭނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އެއްވެސް ޙާލަތެއް މެދުވެރިވެގެން ވަޅުލުން ލަސްވާނަމަ  މައްޔިތާގެ ހަށިގަނޑު ބާއްވަން ވާނީ މޯޗަރީގައިކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ކޮވިޑާ ގުޅިގެން މަރުވާ މީހުން ވަޅުލުމަށް މާލެ ސަރަޙައްދުގައި ކަނޑައަޅައިފައި ވަނީ ހުޅުމާލޭ ސަހަރާއެވެ. މައްޔިތާގެ ކަށު ނަމާދު ކުރަން ޖެހެނީ ވެސް ސަހަރާގައެވެ. މިސްކިތަށް ސަންދޯއް ވަދައިގެން ނުވާނެކަމަށް ވަނީ ބަޔާން ކުރައްވައިފައެވެ. މައްޔިތާމެދު ޢަމަލު ކުރާނެ އުޞޫލުތަކާއި އެކަމުގައި ޙަރަކާތްތެރިވާ މީހުން ޢަމަލުކުރާނެ އުޞޫލުތައް އެސްއޯޕީގައި ވަރަށް ތަފްޞީލްކޮށް ވަނީ ބަޔާންކޮށްފައެވެ.

މިހާތަނަށް ކޮވިޑް19 ގައި ދެމީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.