35 އިންސައްތައިގެ ކުރިއެރުމާއި އެކު އެސްޓީއޯ އަށް 2020 ގައި 410 މިލިއަން ރުފިޔާގެ ސާފު ފައިދާ

35 އިންސައްތައިގެ ކުރިއެރުމާއި އެކު ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 2020 ގައި 410 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާކަމަށް އެކުންފުނިން ހާމަކުރެއެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ޓެކުހަށް  ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައިވާ ކަމަށް ވަނީ ހާމަކޮށްފައެެވެ. އެއީ 2019 އާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން މިއަދު ވަނީ  އެކުންފުނީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވާކަމަށެވެ.  ޖުމްލަ ފައިދާގެ ގޮތުގައި 378 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.  މިއީ 2019 ވަނަ  އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 91 މިލިއަން ރުފިޔާއެވެ. އެއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު ދިހަ އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯގެ ހިންގުމުގެ ހަރަދު ވަނީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާ އިރު، ގާތްގަނޑަށް ހަތަރު އިންސައްތަ އިތުރުވެފައެވެ. ހިންގުމުގެ ޚަރަދު އިތުރުވި މައިގަނޑު ސަބަބަކީ ކޮވިޑް 19 އަށް ރިއާޔަތްކޮށްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއެކު ޕްރޮވިޝަންސް އިތުރުވުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.، 

ނޫސްބަޔާނުގައި އެސްޓީއޯ އިން ބުނެފައިވަނީ އެކުންފުންނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދު ކެނޑުމެއްނެތި ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް ކަމަށެވެ. އެގޮތުން ކޯވިޑް 19 ގެ ހާލަތުގައި ވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ހުއްޓުމެއް ނެތި ފޯރުކޮށް ދިނުމަށް ކަމަށެވެ. 

އެސްޓީއޯ އަކީ ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏަކަށްވާތީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ  އެ ދާއިރާތަކަށް އިންވެސްޓްކުރުމުގެ އިތުރުން ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށް ކަމަށް ވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.