ގޮދަން ގަނެގެން ފުށް ހެދުމުގެ ވިސްނުން އެބަހުރި: ޢަމްރު

ފުށް ބަސްތާ ގަނެގެން ރާއްޖެއަށް ގެނައުމުގެ ބަދަލުގައި ސީދާ ގޮދަން ގަނެގެން ފުށް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިން ހައްދާ ބާވަތައް ގަތުމަށް ނިންމައި އެކަމާބެހޭ ގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަމްރު ވިދާޅުވީ މިފަދަ އެތައް ކަމަކާބެހޭ ގޮތުން މިދިޔަ އަހަރު ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި މިއަހަރަށް ވެސް ވަރަށްގިނަ ކަންކަން ރާވާފައި ވީނަމަވެސް އަހަރު ފެށުމާއެކު ކޮވިޑް ބަލީގެ ފެތުރި ހުރިހާ ކަމެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރުވެސް ވާހަކަ ދެކެވިފައިހުރި ބައިވެރި ކަންކަން އެބަހުރި. މިއަހަރު ކުރަން ރާވާފައިހުރި ބައިވަރު ކަމްކަން ވެސް އެބަހުރި. އެހެންނަމަވެސް އަހަރު ފެށުމާއެކު ކޮރޯނާ ވައިރަސް ލައިގަނެގެ މިހާރުވަނީ މަޑުޖެހިގެން ގޮސްފައި،" ޢަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ގޮދަން ގަނެގެން ފުށް ހެދުން ވެސް. މިހާރު ބަޔަކު މީހުން ފުށްހެދީމައި ބާސްތާގައި އަޅުގަނޑުމެން މިގެންނަނީ. އޭގެ ވަދަލުގައި އެ ގޮވާން ގަނެގެން ފުށް ހެދުމުގެ ވިސްނުން އެބަހުރި،" ޢަމްރު ވިދާޅުވިއެވެ.

ނޫސްވެރިއަކު ކުރީ ސުވާލެއްގެ ޖަވާބުގައި ޢަމްރު ވިދާޅުވީ އިންޑިއާ ފަދަ ގައުމަކުން ހަނޑު ދަނޑެއް ގަނެގެން ޕެކިން ހަދައިގެން ރާއްޖެއަށް ގެނައުމަކީ ނުކުރަންވީ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ދަތުރުފަތުރު ނުވަތަ ޓްރާންސްޕޯޓު ނެޓުވޯކް އޮންނަ ގޮތުން ދަތި ތަކެއްކުރިމަތިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. މިހާރު ކޮވިޑްގެ ސަބަބުން ވެސް ދަތުރު ފަތުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ހަނޑޫ ހެއްދޭ ގައުމެއް ކަމަށެވެ. މާޒީގައި ހަނޑޫ ހައްދާފައިވާ ކަމަށް ވެސް އޭނާވިދާޅުވިއެވެ. ދެންވީ ގިނަ ޢަދަދަކަށް ހަނޑޫ ހައްދަން ކަމަށް އެމްޑީ ވިދާޅުވިއެވެ.

ޢަމްރު ވިދާޅުވީ ދަނޑުވެރިން އަތުން ދަނޑުވެރިކަމުގެ ސާމާނު ގަތުމުގެ މަސައްކަތް ފަށާނީ އެސްޓީއީ އެގްރީ ސެންޓަރުގެ މަސައްކަތް ނިނުމުން ކަމަށެވެ. އެމަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މޭ މަހު އެކަކަށް އެމަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯ އެގްރީ ސެންޓަރަކީ ދަނޑުވެރިން އަތުން ދަނޑުވެރިކަމުގެ ސާމާނު ގަނެ އެ ސާފުކޮށް ދޮވެވޭ އިންތިޒާމްތަކާ އެކީގައި ހަދަމުން ގެންދާ ތަނެކެވެ. ދަނޑުވެރިކަން އަތުން ސާމާނު ގަންނީ ވެސް އެތަނުން ކަމަށާއި ހޯލްސޭލް ކުރާނީ ވެސް އެތަނުން ކަމަށް ޢަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓުން ރީޓޭލްކޮށް ދަނޑުވެރިކަމުގެ ސާމާނު ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަވާނެ ކަމަށެވެ. އަދި ބާޒަރަށްވުރެ ރަނގަޅު އަގުގައި ދަނޑުވެރިން އަތުން އެ ސާމާނު ގަންނާނެ ކަމަށް ވެސް ޢަމްރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.