މަސްވެރިން ބާނާ މަހުގެތެރެއިން ހަލާކުވެފައި ހުންނަ މަސް ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ނުގަނެވޭނެ ކަމަށް މިފްކޯ ހިންގާ މައިކުންފުނި އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހއ. އިން ބޭނިމަސް ކޫއްޑުއަށް ކިރަން ދިއުމުން މަސްހުރީ ހަލާކުވެފައި ކަމަށް ބުނެ މަސްނުކިރި މައްސަލައާ ގުޅިގެން ޒުވާން މަސްވެރިއާގެ ނަމުގައި ކޮށްފައިވާ ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ. އެ ނަމުގައި ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ 13 ޓަނު މަސް ކިރަން ކޫއްޑުއަށް ދިޔައީ 30 ޓަނު އައިސް އަޅައިގެން ކަމަށެވެ.
"ހއ. އިން ބޭނި މަސް ކިއު ނަމްބަރ ދިނީ ކޫއްޑުއަށް. އަދި ކޫއްޑުއަށް މަސްކިރަން ދިޔައިމާ މިއަދު ބުނީ މަސް ނުކިރޭނެޔޭ މަސް ތިބީ ހަލާކުވެފައޭ. އެކަމަކު 13 ޓަނު މަހަށް 30 ޓަނު މަސް އަޅައިގެން ގެންގުޅުނީ،" ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.
ޢަމްރު ވިދާޅުވީ ފެލިވަރުގައި މަސްގަނެ ގަނޑުކޮށްފައި ބެހެއްޓެން ނުހުންނަ ކަމަށެވެ. އެ ތަނަށް މަސް ނުކިރިއްޖެނަމަ ކޫއްޑުއަށް މަސް ކިރަންދާން 20 ފީފާތެޔޮ ހިލޭ ދޭ ކަމަށެވެ. 24 ގަޑިއިރުން ކޫއްޑުއަށް ދެވޭނެއެވެ. އެހެންނަމަވެސް އިތުރަށް މަސް ބާނަން އެކި ހިސާބުތަކުގައި މަޑުކުރަމުން އަށް ދުވަސް ފަހުން ކޫއްޑުއަށްދާއިރު މަސް ހުންނާނީ ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފަހުން ބޭނި ހަލާކުނުވާ މަސް ކޫއްޑުއަށް ގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަމްރުވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުހުރި މިންވަރުވެސް ވިދާޅުވެފައެވެ. "ދުނިޔޭގެ ބާޒާރުގައި މަސްޓަނެއްގެ އަގު މިހާރުހުރީ 1000 ޑޮލަރަށް. މަސްވެރިން އަތުން މަސްގަނެގެން ބޭރުކުރާއިރު ޓަނެއްޖެހެނީ 1850 ޑޮލަރަށް. ކޮންމެ ޓަނަކުން އެތައް ސަތޭކަ ޑޮލަރެއް ގެއްލުންވޭ. އެވާ ގެއްލުން ފޫބައްދަން މަސްގަންނަން ފައިސާދެނީ ދައުލަތުގެ ބަޖެޓުން. އެއީ އެންމެން ދައްކާ ޓެކްސްފައިސާ. އެހެންވީމާ ހަލާކުވެފައި ހުންނަ މަހެއް ޓެކްސް ފައިސާއަކުން ނުގަނެވޭނެ،" ޢަމްރު ވިދާޅުވެފައިވެއެވެ.