ދެތިން ފޮޅުވަތް: "ހުޅުގާޑެއް" ހޯދުން ނޫން ގޮތެއް ނެތް!

ފޮޓޯ: އާފަތިސް

ދާދިފަހުން ވަނީ މާލޭގެ މަގެއް މާ ފެންވަރު ރަނގަޅަށް ހެދުމުން، އެ ވާހަކަ ވަރަށް ދެކެވިފައެވެ. ކަނބާއައިސާރަނި ހިނގުމުގެ ފުރިހަމަ ކަމުގެ ވާހަކައެވެ. ވާރޭފޮދެއް ވެހިލާއިރަށް ފެންބޮޑުވެ އެތައް އުދަނގުލަކާއި ތުރާލެއް، ރައްޔިތުންނަށް ތަހައްމަލު ކުރަން ޖެހުމުން ސަލާމަތްވި ވާހަކަތަކެވެ.

 ކަބާއައިސާރަނި ހިނގުމުގެ ފުރިހަމަ ކަމާއެކު، މާލޭގެ ގިނަ މަގުތަކާއި ދުވާރުތަކުގެ އަޑިގުޑަން ވާހަކަ ދައްކާލުންވެސް މުހިންމެވެ. ގިނަމަގުތަކުގައި ޓެކްސީގައި ދަތުރު ކޮށްލާއިރު "ގަދަ ކަނޑެއްގައި" ދުއްވާލުމާ އެއްވަރެވެ. ޓެކްސީގައި ތިބޭ މީހުންނަށް އެފަދަ އިހްސާސެއް ކުރެވޭއިރު ޓެކްސީފަދަ އުޅަނދުތަކަށް ވާނެ ގެއްލުންވެސް އިހްސާސްކޮށްލަން ޖެހެއެވެ. ހިނގާފައި ދާމީހަކަށް ވެސް ވަރަށް ބަލައިގެން ނޫނީ އަޑިގުޑަން ތަކުން ސަލާމަތް ނުވެވި، އުފުލިފައި ހުރި ގަލެއްގައި ނުވަތަ އެހެންވެސް އެފަދަ އެއްޗެއްގައި އަޅައިގެންފައި ބައެއް މީހުން އަނގަވަތަށް ވެއްޓޭތަންވެސް ފެނެއެވެ. ކިތަންމެ މީހަކު ވެއްޓި އެކިވަރުގެ އަނިޔާ ވަނީ ތަޖްރިބާ ކުރަން ޖެހިފައެވެ. މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް އަޅުގަނޑަށް ވެސް ވަނީ އެކަން ތަޖުރިބާ ކުރަން ޖެހިފައެވެ. 

އިމާރާތްކުރުމަށް މަގުތަކުގައި އަޅައިފައިވާ ހޮޅިތަކުން ސަލާމަތްވެ ހިިނގާލަން ބަލާލާއިރު އަޑިގުޑަން ކަމުން މިއުޅެން ޖެހެނީ ސަލާމަތް ނުވެވިގެންނެވެ. 

އިމާރާތްތައް އުސްވެ ގިނަ ގޭބިސީތަކަށް ޚިދުމަތް ދޭން ޖެހުމުން އެ ޚިދުމަތް ދިނުމަށް ވަޅުލަންޖެހޭ ކޭބަލްތަކާއި ހޮޅިތައް ވަޅުލުމަކަށް ނިމުމެއް ނާންނާނެތާއެވެ. އެފަދަ މަސައްކަތްތަކަށް މަގުތައް ކޮނުމަށްފަހު ދެން ގާއަތުރާފައި ހުންނާނީ، ހުންނާނެ ގޮތަކަށެވެ. ހަމަހަމަ ކަމެއް ތަރުތީބު ކަމެއް ނެތެވެ. އެކަން ކޮށްފައި ހުރީ ކިހިނެއްތޯ ބަލައި މޮނިޓަރ ކުރެވޭ ތަނެއް ނުފެނެއެވެ. ތަފާތު ހޮޅިތަކާއި ކޭބަލްތައް  ވަޅުލަން މަގު ކޮންނަން ނަގާ، ގާތަކުން އެތައް ގަލެއް ބާކީވެ މަގުގެއަރިމަތީގައި ބަރިޖަހާލައިފައި ބަހައްޓަން ޖެހެނީ ކުރިން ހުރިގޮތަށް، އެގާތަށް ނޭތުރޭތީތާއެވެ.  

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރެވޭނެފަދަ ފެންވަރު ރަނގަޅު މަގުތަކަށް ބަދަލުކޮށް ދޭނެ ވައުދާއެކު ރައީސް ޞާލިހު މިދިޔަ އަހަރު ވަނީ މަޝްރޫއެއް ފަށްޓަވައި ދެއްވައިފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް އަދި ހެދުނީ އެންމެ މަގެކެވެ. އެއީ މަޝްހޫރު ކަބައިއައިސާރަނި ހިނގުމެވެ. ދެ އަހަރު ދުވަހަށް ހިންގުމަށް ރާވައިިފައިވާ މި މަޝްރޫއުގެ ދަށުން ފަސް ވައްތަރެއްގެ 18 ކިލޯމީޓަރުގެ މަގު މާލޭގައި ތަރައްގީ ކުރުމަށް ވަނީ ރާވައިފައެވެ.  މަޝްރޫއު ދެ އަހަރަށް ކުރިއަށް ގެންދާއިރު، އުފެދޭ ސުވާލަކީ، އެވިދާޅުވާ އަދަދަށް މަގު މާލޭގައި ހެދޭނެތޯއެވެ؟ އެ މަޝްރޫއުގެ ދަށުން ވިޔަސް އެންމެ "ހާލު ބޮޑު" މަގުތަކަށް އިސްކަންދިނުން ނެތީ ތޯއެވެ؟ 

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން މާލޭގެ ސްކޫލުތަކުގެ ކިޔެވުން ފެށުނު އިރުވެސް ބައެއް ސްކޫލުތައް ކައިރިން އަޑިގުޑަން ކަމުން ހިނގާލެވޭ ވަރެއް ނުވެއެވެ. ސިންތެޓިކް ޓްރެކްގައި ވަރަށް ހަމަޖެހިލައިގެން ދުވެލާ ހިނގާލައިފައި މަގަށް ނުކުންނަ ތަނުން މިޖެހެނީ އަޑިގުޑަންތަކުން ސަލާމަތް ނުވެވިގެން އުޅޭށެވެ.

ރާއްޖޭގައި ޚާއްސަކޮށް މާލޭގައި އުޅޭ ގިނަ މީހުންނަކީ ދެބައި އުމުރަށް ދާއިރު ކަކުލު ހުޅުގެ މައްސަލަ ދިމާވާ މީހުންނެވެ. ސިޑިން އަރަން ނުޖެހި ލިފުޓުން އަރައިފައިބާ ހަދާ މީހުންނަށް ވެސް މާލޭގެ މަގުތަކުގެ އަޑިގުޑަން ކަމުގެ ތުރާ، މިވަނީ މާބޮޑު ތުރާލަކަށް ވެފައެވެ. 

އެފަދަ މީހަކާ އަޅުގަނޑު ވާހަކަ ދައްކާ ލުމުން ބުނީ، މާލޭގެ މަގު ތަކުގައި ހިނގައިއުޅުމަށް "ނީ ގާޑެއް" ނުވަތަ "ހުޅު ގާޑެއް" ހޯދުން ނޫން ގޮތެއް ނެތްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.