ދެތިންފޮޅުވަތް: ކޮންމެ އިހުމާލަކީ އަނިޔާއެއް!

މިއަދު މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ އެއްކަމަކަށް ގޮސް ހުސްވެފައެވެ. އެއީ ކޮވިޑް-19 އެވެ. ބަލި ފެތުރުނަ ނުދިނުމަށެވެ. އެބަލީގައި މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމަށެވެ. މިކަމުގެ ސަބަބުން ޤައުމުތަކުގެ އެތެރޭގައި ހުރި އެހެން މައްސަލަތަކާއި ބަލިބައްޔަށް ވެސް ދެވޭ ސަމާލުކަން ވަނީ ވަރަށް ބޮޑުތަނުން ކުޑަވެފައެވެ. ކޮވިޑުގެ ސަބަބުން އެހެންކަންކަމަށް އިހުމާލުވެ ފޫނުބެއްދޭ ވަރުގެ ގެއްލުން ވެސް މިދަނީ ލިބެމުންނެވެ. 

ކޮވިޑާ ގުޅިގެން ރާއްޖޭގައި ވެސް އިއުލާންކޮށްފައިވާ ޞިއްހީ ކުއްލި ނުރައްކަލުގެ ޙާލާތާއި ފުރަބަންދުން ދަނީ މިފަދަ ކަންތައްތައް ފެންނަމުންނެވެ. ދިމާވާ ހުރިހާ ކަމަކީ އާއްމުންނާ ހަމައަށް ނުވަތަ މީޑިއާއަށް ތިލަވާނެ ކަންކަމެއް ނޫނެވެ. ނަމަވެސް ވެސް މީޑިއާއަށް ތިލަވެގެން އައި ކަންކަމުގެ ތެރޭގައި ކަންބޮޑުވާން ޖެހޭ ފަދަ ކަންކަން އެބަ ހުއްޓެވެ. 

މާބަނޑު ދެ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވުމެވެ. ފަރުވާހޯދުމުގައި ލަސްވެ ތުއްތު ކުއްޖަކު މަރުވުމެވެ. ކޮންމެ ފުރާނައަކީ ވެސް އަގުބޮޑު އެއްޗެކެވެ. ނަމަވެސް މިހާރު ދުނިޔޭގެ ކަންކޮޅުތަކޭ އެއްފަދައިން އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެންމެބޮޑު ސަމާލުކަން ހުރީ ކޮވިޑާ ގުޅިގެން މަރުވާ ރޭޓް ދަށްކުރުމަށޭ ދެންނެވިދާނެއެވެ. ކޮންމެ ފުރާނައަކީ ވެސް އަގުބޮޑު އެއްޗަކަށް ވާއިރު ކޮވިޑް ނޫން އެހެން ޙާލަތެއްގައިވެސް ފުރާނައެއް ގެއްލި ދިއުމަކީ ކަންބޮޑުވުކެވެ. އަދި ޚާއްޞަކޮށް އިހުމާލަކުން މައުސޫމް ފުރާނަތަކެއް ގެއްލިގެން ދިއުމަކި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

މާބަނޑު މީހުންނަކީ އެމީހުން ބަނޑުގައިވާ ދަރިފުޅުގެ ޙާލަތު އެކަމަށް ޚާއްޞަ ޑޮކްޓަރަކު ލައްވައި ބެލުމުން ނޫނީ އެނގޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން އޮންނަ ވަކި އުޞޫލަކުން ޑޮކްޓަރަށް ދައްކާ އެކުއްޖާގެ ހާލަތާއި މައިމީހާގެ ޞިއްހަތު ހުރި ނެތް ގޮތް ބަލަން ޖެހެއެވެ. ނަމަވެސް ރާއްޖޭގައި މާބަނޑު ދެމީހެއްގެ ބަނޑަށް ދަރިފުޅު މަރުވެގެން ދިޔައީ ލޮކްޑައުނާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ލިބެންޖެހޭ ހުއްދަތައް ނުލިބިގެންނެވެ. މިއީ ޤަބޫލު ކުރެވޭނެ، ބަލައި ގަނެވޭނެ ކަންކަންކަމެއް ނޫނެވެ. 

ކޮވިޑްގެ ބަލީގެ ޓެސްޓްތައް ހެދުމަށް ސާމްޕަލްތައް ނަގައިގެން ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ސީޕްލޭންތަކުގައި ދަތުރުތައް ކުރެވެއެވެ. ކޮވިޑް ބަލީގެ މީހުން ގޮވައިގެން އެއްތަނުން އަނެއްތަނަށް ސީޕްލޭންތަކުގައި ދަތުރު ކުރެވެއެވެ. ނަމަވެސް މާބަނޑު އަންހެން މީހާ ހުންނަން ޖެހެނީ ބަނޑުގައިވާ ދަރިފުޅުގެ ޙާލަކީ ކޮބައިކަންވެސް ދެނެގަންނަން ކަމާބެހޭ ޚާއްޞަ ޑޮކްޓަރެއްގެ ގާތަށް ވެސް ނުދެވިފައި ފުރަބަންދުގައެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައެވެ. މިއީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. 

ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޙާލަތަށް ބަލާއިރު މާބނޑު މީހުންނަށް ލިބެންޖެހޭ ޚާއްޞަ ފަރުވާއަކީ ޞިއްޙީ މަރުކަޒެއް ހުރިނަމަވެސް ކޮންމެ ތަނަކުން ލިބޭ ޚިދުމަތެއް ނޫނެވެ. މާބަނޑު މީހުންނަށް ދޭންޖެހޭ ޚާއްޞަ ޞިއްޙީފަރުވާ ދެވެންހުރި ތަންތަން ރާއްޖޭގައި ނިސްބަތުން މަދެވެ. އަންހެނުންނަށް ޚާޞަ ޑޮކްޓަރަކު ހުންނަ ހުރިހާ ތަންތަނަކީ ވެސް ދިމާވާ ހާލަތެއްގައި އޮޕްރޭޝަން ކޮށްގެން ބަނޑުގައިވާ ދަރިފުޅު ނެގޭނެ ފަދަ ވަޞީލަތްތައް ޤާއިމްވެފައި ހުރި ތަންތަނެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ރަށަކީވެސް އަންހެނުން މާބަނޑުވެ ވިހާނެ ރަށްރަށެވެ. އެހެން ކަމުން ރާއްޖޭގައި އަންހެނުންނަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެމީހުން މާބަނޑުވެ ދުވަސް ފުރާ ޞިއްޙަތު ރަނގަޅު ދަރިއެއް އުފަންވުމޭ ވެސް ދެންނެވިދާނެއެވެ. މާބަނޑުވެ ވިހާ ދަރިންގެ ދުޅަ ހެޔޮކަމުގެ މައްޗަށް ނޫނީ މުޅި މުޖުތަމަޢުގެ ޞިއްޙީ ދުޅަހެޔޮކަން ދެމިއެއް ނޯންނާނެ ކަމީ ޙަޤީޤަތެވެ. 

ކަންބޮޑުވާންޖެހޭ އެހެން ތުހުމަތު ތަކެއް ވެސް ނަރުދޫގެ މާބަނޑު މީހާގެ ކޭސް އިން ވަނީ ފާހަގަ ވެފައެވެ. އެއީ އެ އަންހެން މީހާއަކީ ނަރުދޫގައި ކޮވިޑަށް ޕޮޒިޓިވް މީހަކާ ގާތުން ބައްދަލުވެފައިވާ، އެފަދަ މީހެއްގެ އާއިލާގެ މެމްބަރަކަށްވުމުން ފަރުވާ ހޯދުމަށް ކުރިމަތިވި ހުރަސްތަކެވެ. ނުވަތަ ގަސްތުގައި އެކަމަށް ހުރަސް އެޅުމެވެ. ކޮވިޑަކީ ނުރައްކާ ބައްޔަކަށް ވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ކޮވިޑް ބަލީގެ މީހުންނަށް ފަރުވާދީ ޓެސްޓްތައް ހެދޭއިރު، ޝައްކުވާނަމަ އެފަދަ ގޮތަކަށް ވިއަސް މާބަނޑު މީހާއަށް ލިބެންޖެހޭ ފަރުވާ އަކީ އޭނާ އަށް ލިބެންޖެހޭ އިންސާނީ އެންމެ އަސާސީ އެއްހައްޤެވެ. މިފަދަ ގޮތަކަށް ކަން ހިނގައިފައިވާނަމަ އެއީ ތަޙްޤީޤުކޮށް ބަލަންވެސް ޖެހޭނެ އިތުރު މައްސަލައެކެވެ. 

މާބަނޑު މީހާގެ އިޙްސާސްތައް މާބަނޑު ވެފައިވާ މީހަކަށް ނޫނީ ރަނގަޅަކަށް ނޭނގޭނެއެވެ. އެމީހުން ކޮންމެ ކަމެއްގައި އުޅުނަސް ސަމާލުކަން ހުންނާނީ ބަނޑުގައި ވާ ދަރިފުޅަށެވެ. ޤަވާޢިދުން ޑޮކްޓަރަށް ދަށްކަމުން ދިޔަ ކަމުގައި ވިއަސް ބަނޑުން ތޮޅިލުން ލަސްވިޔަސްމެ އެމައިމީހާގެ ކަންބޮޑުވުން އިންތިހާއަށް ދާނެއެވެ. އަޅުގަނޑު ވެސް މަޔަކަށް ވުމުން މިފަދަ ތަޖަރިބާކޮށްފައިވާތީ ދަންނަވާލީއެވެ. ކޮވިޑްގެ ލޮކްޑައުނާ ގުޅިގެން މިފަދަ ޙާލަތުގައި ތިބި ކިތައް މާބަނޑު މީހުން ތިބޭނެ ހެއްޔެވެ؟ މިއީ ސިޔާސަތުތައް ކަނޑައަޅަން ތިބި ފިރިހެނުންނަށް ނުވަތަ ބަފައިންނަށް ކުރެވިފައިވާނެ ތަޖްރިބާއަކަށް ނުވުމަކީ އަންހެނުންގެ މިފަދަ މުހިންމު ކަމެއްގައި އިހްމާލުވާންޖެހޭ ސަބަބެއް ކަމަށް އަޅުގަނޑު ހަމަގައިމުވެސް ޤަބޫލެއްނުކުރަމެވެ. 

އަނިޔާއަކީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލުން އެކަނި ކަމުގައިވެސް އަޅުގަނޑުމެން ދެކިގެން ނުވާނެއެވެ. މިގޮތަށް ވެވޭ ކޮންމެ އިހުމާލަކީ އަނިޔާއެކެވެ. އެއަނިޔާ ބައެއް ފަހަރު ފޫނުބެއްދޭވަރު ބޮޑު އަނިޔާއަކަށް ވަމުންދާތަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. ބައެއްގެ އިހުމާލުގެ ސަބަބުން ގެއްލިގެން ދިޔައީ މައުސޫމް ތިން ފުރާނައެވެ. މިއީ ހަމައެކަނި އެނގިފައިވާ ކަންކަމެވެ. ނޭނގިވެސް މިފަދަ ކަންކަން ހިނގައިފައިވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން ކަމާބެހޭ މުއައްސަސާތަކުން ވަރަށް ގާތުން ބަލައި މިކަންކަމުގައި އިހުމާލުވި ބަޔަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.