މި ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިދިކޮޅު ޙަރަކާތް ދާދިފަހުން ވަނީ ބޭއްވިފައެވެ. އަޅުގަނޑުމެންނަކީ ފުރިހަމަ ޑިމޮކްރަސީއަކަށް ވަކާލާތުކޮށް ރާއްޖޭގައި ވެސް އެ ފުރިހަމަ ޑިމޮކްރަސީއާ އެއްގޮތަށް ކަންތައްތައް ދާތަން ދެކެން ބޭނުންވާ ބައެކެވެ. އެހެން ކަމުން ސަރުކާރެއް ހިނގަމުން ދާއިރު އެ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރިއަ ނުދިނުމަށްޓަކައި ޖަވާބު ދާރީ ކުރެވޭނެ އުޞޫލުތަކެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ.
ޤާނޫނު އަސާސީން ވަނީ ވަރަށް ރީތިކޮށް އެއްބާރު އަނެއްބާރަށް ނުފޫޒު ނުފޯރުވޭނެ ގޮތާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި ވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތުމުން މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެތޯ މިއީ ހަމަ އުފައްދަން ޖެހޭ ސުވާލެކެވެ.
ސަރުކާރެއް ހިންގުމުގެ ވިސްނުމުން ބަލާއިރު ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމަކީ އެ ސަރުކާރެއް ހަލުއިކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ. އެއީ ސަރުކާރުން ބޭނުންވާ ކަންކަމަށް މަޖިލީހުގެ ތެރެއިން އުދަނގުލަކާ ނުލައި ރުހުން ލިބިގެން ދާނެތީއެވެ. އެ ނަޒަރުން ބަލާކަމަށް ވަންޏާ މިހާރު ރާއްޖޭގައި މި އޮތް ސަރުކާރުހާ ފަސޭހައިން ކަންކަން ކުރެވޭނެ ސަރުކާރެއް އާ ޤާނުނު އަސާސީގެ ދަށުން ނާދޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ސުވާލަކީ މި ސަރުކާރުގެ ވޭތުވެ ދިޔަ މުއްދަތަށް ބަލާއިރު ލިބިފައިވާ ކުރިއެރުންތަކަކީ ރައްޔިތުން ހިތްހަމަ ޖެހޭ ކުރިއެރުމެއްތޯއެވެ؟
މިހާރުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބުކޮށްފައިވާ ސަރުކާރެކެވެ. ހަމައެހެންމެ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ އަށް ރަށްޔިތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ދީފައެވެ. ނަމަވެސް ރައްޔިތުން އެދިން އިތުބާރާއި ތާއީދަކީ ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ލިބުނު ޓިކެޓެއް ކަމުގައި ދެކިގެން ނުވާނެއެވެ.
ކޮންމެ ސަރުކާރެއްވެސް އަންނަނީ ރައްޔިތުންނަށް ވަޢުދުތަކެއް ވެގެންނެވެ. އެހެންކަމުން އެ ވަޢުދުތައް ފުރިހަމަ ވެގެން އަންނީ ކިހިނެއް، ކިހާވަރަކަށްތޯ، ރައްޔިތުންނަށް އެނގެންޖެހެއެވެ. ރަށްޔިތުންގެ ބޮޑު ތާއީދަކުން ސަރުކާރުން އިންތިޚާބު ވެގެން އައުން އެއީ، ސަރުކާރުން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ރައްޔިތުން ރުހިގެން ތިބޭނޭ ކަމެއް ނޫނެވެ. އެގޮތަށް ޤަބޫލުކުރުން ވެސް އެއީ ގޯހެކެވެ. ސަރުކާރުން ކަނޑައަޅާ ހުރިހާ ސިޔާސަތުތަކަށް ހުރިހާ ރައްޔިތުންގެ ރުހުމެއް ނުލިބޭނެއެވެ. އެކަން ސަރުކާރުން ވެސް ޤަބޫލު ކުރަންޖެހެއެވެ.
ސަރުކާރުގެ ސިޔާސަތަކާ މެދު ނުވަތަ ޚިދުމަތަކާމެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިނަމަ، ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އިއްވަންޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ނަމަވެސް މިހާރު ޙަޤީގަތަކީ ރައްޔިތުންގެ މަޖިލީހުން މިހާރު ބޮޑަށް އިވިގެން ދަނީ ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ ތެރެއިން ވެސް ވެރިކަން ހިންގާ މައި ޕާޓީއަށް އެކަންކަމުގެ ތެރިއިން މުހިންމުވާކަން ކަންކަމަށް ވުމެވެ. ޑިމޮކްރަސީ އެއްގައި އިދިކޮޅު ޕާޓީތައް ނުވަތަ ޒިންމާދާރު އިދިކޮޅުޕާޓީ އެއް އޮންނަން ޖެހެނީ މި ސަބަބަށްޓަކައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ފުރިހަމަ އަށް ނުގެނެވޭނަމަ ނުވަތަ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ނުއިއްވޭނަމަ އެ ރައްޔިތުން ދެން ގޮސް ޓަކި ޖަހަނީ އެ އަޑު އުފުލައިދޭނެ މައި އިދިކޮޅު ޕާޓީއެއްގެ ދޮރުގައެވެ. މިއީ ޙަޤީގަތްކަން މިހާރު ވެރިކަން ހިންގަމުންދާ މައިޕާޓީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕާޓީން ކުރިން ވާނީ ތަޖްރިބާ ކޮށްފައެވެ. ކުރީގެ ބައެއް ސަރުކާރުތަކުން ހިތްހަމަ ނުޖެހޭ ގޮތަށް ކަންތައްތައް ކުރުމުން އޭރުގޮސް ރައްޔިތުން ޓަކި ޖެހީ މިހާރު ސަރުކާރުގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ދޮރުގައެވެ. އެއީ އޭރުގެ މައި އިދިކޮޅު ޕާޓީއެވެ. ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރުވެސް އެދިނީ އޭރު ރައްޔިތުންގެ އަޑު އެހުމުންކަން ޤަބޫލުކުރަންޖެހެއެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ އިދިކޮޅު ސިޔާސީ ޙަރަކާތެއް ހިންގައިފައެވެ. އެއީ ޕީޕީއެމް، ޕީއެންސީ އިން ކާނިވާ ސަރަޙައްދުގައި ބޭއްވި ސިޔާސީ އެއްވުމެވެ. މި ޙަރަކާތް ބާއްވައިފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުން ތަކެއް ހުރުމުން ކަމަށް އެހަރާކާތުގައި ވާހަކަ ދެއްކެވި އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އަޑު ވަނީ އިވިގެން ގޮސްފައެވެ. އިދިކޮޅު ހަރަކާތްތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ފާޑު ކިއުންތައް ރައްދު ކުރާނެއެވެ. އެއީ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެވެ. އެއީ ކުރިންވެސް އަބަދުވެސް ކަން އޮންނަ ގޮތެވެ. ނުވަތަ އޮނާނާނެ ގޮތްވެސް މެއެވެ.
އިދިކޮޅު ޙަރާކާތްތަކަކީ، ސަރުކާރުން ކުރާ ކަންކަން އަވަސްވެ ނުވަތަ ކުރެވޭ ކަންކަމުގެ ދެ ފުށް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމެއްވެސް މެއެވެ. މިފަހުން ބޭއްވިގެން ދިޔަ އިދިކޮޅު ހަރަކާތާ ގުޅިގެންވެސް ވަނީ އެފަދަ މަންޒަރުތަކެއް ފެނިގެން ގޮސްފައެވެ. އެ ޙަރަކާތް ބޭއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިން މެދުވެރި ކުރައްވާ ސަރުކާރުގެ ސިޔާސަތު ތަކެއް ރައްޔިތުންނަށް ހާމަކުރައްވައިފައެވެ. ރައްޔިތުންގެ ކަންބޮޑުވުން ހުރި ބައެއް ކަންތައްތަކަށްވެސް ޖަވާބެއް ދެއްވައިފައެވެ. ހަމަ އެހެންމެ ކުރިއަށް ރޭވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ހާމަކުރައްވައިފައެވެ. އަދި ހަމަ އެހެންމެ ފެނިގެން ދިޔައި ގިނަ މަޝްރޫޢުތަކެއް ގައި ސޮއި ކުރެވިގެން ދިޔަތަނާއި ކުރިއަށް ރޭވިފައި މަޝްރޫޢު ތަކެއްގެ މަޢުލޫމާތު ހާމަވެގެން ދިޔަތަނެވެ.
ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުމަކީ ނުވަތަ ޒިންމާދާރު ސިޔާސީ ޙަރާކާތްތައް ހިންގުމަކީ ޑިމޮކްރަސީއެއްގެ އެއްބައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެފަދަ ހަރަކާތްތައް ވާންޖެހެނީވެސް ޒިންމާދާރު ޙަރަކާތްތަކަކަށެވެ. މިހާރު އިދިކޮޅު ހަރާކާތްތަކުން ފެންނަ މީހުންގެ ނިސްބަތް ވެރިކަން ހިނގާ މައިޕާޓީގެ ޙަރަކާތް ތަކުންފެންނަ މީހުންގެ ނިސްބަތާ އަޅާބަލާއިރު މަދުވެދާނެއެވެ. އެހެންނަމަވެސް އިދިކޮޅު ޙަރަކާތްތަކަކީ ޤާނޫނު އަސާސީން ހުއްދަ ކުރާ ހިންގެންޖެހޭނެ ޙަރަކާތްތަކެކެވެ. އެއީވެސް ރައްޔިތުންނެވެ. އިދިކޮޅުގައި ކޮންމެ ބައެއް ތިބި ކަމުގައިވިއަސް ޒިންމާދާރު ސިޔާސީ ޙަރަކާތްތަކަށް ޖާގަ ދޭން ޖެހޭނެއެވެ. އިދިކޮޅު ފަރާތްތައް މެދުވެރިކޮށް ރައްޔިތުންގެ އަޑު އުފުލުމުގެ ފުރުޞަތު ލިބެންޖެހޭނެއެވެ.