ދެތިން ފޮޅުވަތް: މަސްލަހަތު ފުށުއެރުމަކަށް ނުވޭބާ!

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ފުލުހުންގެ މުޢައްސަސާ އިޞްލާޙު ކުރުމުގެ ވާހަކަ އެކެވެ. މިވާހަކަ ދެކެވެމުންދާއިރު މަޖިލިސް ތެރެއިން އެންމެ ބާރަށް ގޮވަމުންދާ އެއް ވާހަކައަކީ ފުލުހުން ބައިވެރިވެ އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރި ވާހަކައެވެ. އެކަން ބެލެން ޖެހޭނެ ވާހަކައެވެ. ނަމަވެސް އެކަން ބަލަންޖެހޭއިރު ފުލުހުންގެ މުޢައްސަސާ ގައި ތިބީ "އެ ބަޣާވާތު" ގައި އިސްކޮށް ތިބި ފުލުހުން ކަމަށެވެ. އެމީހުން އެތަނުގައި ތިބެގެން ފުލުހުންގެ މުއައްސާސާއިން އެކަން ނުބެލޭނެ ވާހަކައެވެ. އެފަދަ ފުލުހުން ވަކިކުރަން ޖެހޭ ވާހަކައެވެ.

ފުލުހުންގެ ބިލްގެ ބަހުސުގެ ތެރެއިން އިވިގެން ދިޔަ އަނެއް ވާހަކައަކީ ބޮޑެތި ޚިޔާނާތްތަކާއި މަރުތަކުގެ ފަހަތުގައި ފުލުހުން ތިބި ކަމުގެ ވާހަކައެވެ. އެފަދަ ފުލުހުންނާ ހެދި އެމައްސަލަތައް ކުރިއަށް ގެންދެވުމަށް ދަތިވެފައިވާ ވާހަކައެވެ. އެފަދަ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކޮންމެހެންވެސް އެކަމުގެ ތުހުމަތު ކުރެވޭ ފުލުހުން ދުރުކުރަން ޖެހޭ ވާހަކަ އެކެވެ. މިއީ ހަމައެކަނި ފުލުހުންގެ އިދާރާއަށް ހިނގަން ޖެހޭ އުޞޫލަކަށް ވެގެން ނުވާނެއެވެ. ހުރިހާ މުއައްސަސާއަކަށްވެސް އޮންނަން ޖެހޭނީ މިއުޞޫލެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން މިހާރު ދީފައި އޮތީ އެމްޑީޕީއަށެވެ. މަޖިލީހުގެ ރައީސާއި ނާއިބް ރައީސަކީ އެމްޑީޕިން މަޖިލީހަށް އިންތިޚާބުވި މެމްބަރުންނެވެ. މަޖިލީހުގެ ހުރިހާ ކޮމެޓީތަކެއްގެ ފުރިހަމަ ބާރުވެސް އޮތީ އެމްޑީޕީގެ ކޮންޓްރޯލްގެ ދަށުގައެވެ. އެހެންކަމުން އެމްޑީޕީން ބޭނުންވާ ގޮތަކަށް ޤާނޫނުތައް ބަދަލު ކުރުމާއި އިޞްލާޙުކުރުމުގެ ބާރު މިއޮތީ ލިބިފައެވެ. ބޭނުންވާ މީސްމީހުން މިނިވަން މުޢައްސާސާތަކުން ވަކި ކުރުމާއި ބޭނުންވާ މީސްމީހުން އެތަންތަނަށް އިސްކޮށް، މިނިވަން މުޢައްސަސާތަކެއްގެ "ފުލް ކޮންޓްރޯލް"  ވެސް އެމްޑީޕީގެ ބާރު ދަށަށް ގެންނަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. އެކަން ކުރެވެމުން ދަނީ"ރިފޯމް" ނުވަތަ އިޞްލާޙު ކުރުމުގެ ނަމުގައެވެ.

ޝަރުޢީ ދާއިރާއަށް ނުވަތަ ޖުޑިޝަރީއަށް ވަނީ އެވިދާޅުވާ އިޞްލާޙު ގެނެސްފައެވެ. މަޖިލީހުން އެންމެ ފުރަތަމަ ވެސް ކުރީ އެ މަސައްކަތެވެ. މިހާރު ޖުޑީޝަރީއާމެދު މަޖިލީހުގެ ޝަކުވާއެއް ނެތެވެ. ރަނގަޅެވެ. ޖުޑިޝަރީ ކޮންޓްރޯލް ކުރާ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އޮތީ އެމްޑީޕީގެ ކޮންޓްރޯލްގައެވެ. ޚާއްޞަ ގޮތެއްގައި މަޖިލީހުގެ ރައީސްގެ ކޮންޓްރޯލުގެ ދަށުގައޭ ދެންނެވިދާނެއެވެ. މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުންނަށް އެފަދަ ކަންކަމުގައި އަޑު އުފުލާ އިޙްތިޖާޖު ކުރުން ފިޔަވައި އެހެން ބާރެއް ލިބިފައެއް ނެތެވެ. އެހެން އެކަން އޮތް އިރު އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެ މަޖިލީހުން އުޅުމަކީ މަސްލަޙަތު ފުށުއެރުން ނޫން ކަމަކަށް ވާނެބާވައެވެ.

މަޖިލީހުގެ ރައީސަކީ  އެބުނާ "ބަޣާވާތް" ކޮށްގެން ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި ރައީސެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށެވެ. އެކަމުގައި ބައިވެރިވީ މީހުންނަށް ވެސް "ބާޣީ" ގެ ނަމުން ގޮވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް އެފަދަ ނަންނަމުން ގޮވުން އެއީ މެމްބަރުންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި އެކަން މިހާރު ބަލައިފިނަމަ އެއީ ބަޣާވާތެއްކަން ސާފުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތާމެދު ކޯޓަކުން ގޮތެއް ނިންމައިފައި ނުވާތީ އެއީ ކޯޓަކުން ނިންމަންޖެހޭ ކަމެއްކަމަށެވެ. އެ ރައީސް މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން އެމަނިކުފާނުގެ އިސްނެގެވުމަށް އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަކީ މަސްލަޙަތު ފުށު އެރުން ނޫން ކަމަކަށް ވާނެހެއްޔެވެ؟

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.