މުސްލިމުންގެ ހަށިތައް އެންދުން ހުއްޓާލުމަށް އދ.ގެ ތަޖުރިބާކާރުން ސްރީލަންކާއަށް ގޮވާލައިފި

ކޮލޮމްބޯގައި މަރުވެެފައިވާ މީހެއްގެ ހަށިގަނޑު އަންދާލުމަށް ގެންދަނީ

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު އެމީހުންގެ ރުހުމާ ދެކޮަޅަށް އަންދާލުމަށް އެގައުމުގެ ސަރުކާރުން އަމަލުކުރަމުންދާ ސިޔާސަތު ނިމުމަަކަށް ގެނައުމަށް އދ. އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ސްރީލަންކާއަށް ގޮވާލައްވައިފިއެވެ.

އދ.ގެ ސްޕެޝަލް ރެޕޯޓަރ އޮން ފްރީޑަމް އޮފް ރެލިޖަން އެންޑް ބިލީފް ޑރ. އަޙްމަދު ޝަހީދު، ސްޕެޝަލް ރެޕޯޓަރ އޮން މައިނޯރިޓީ އިޝޫސް ފެނާންޑް ޑި ވެރެންސް އަދި ސްޕެޝަލް ރެޕޯޓަރ އޮން ރައިޓްސް އޮފް ޕިސްފުލް އެސެމްބްލީ ކްލެމެންޓް އެން. ވައުލް ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އެފަދައިން އަމަލުކުރުމުގެ ސަބަބުން މުސްލިމުންނާ މެދު ތަފާތުކުރާކަމަަށް ދެކެވޭ ވާހަކަތަކަށް ބާރުލިބުމުގެ އިތުރަށް، ސުލްހަވެރިކަމާއެކު އެކުގައި ދިިރިއުޅުމަށް ހުރަސްއެޅި، ހަމަނުޖެހުމަށް މަގުފަހިވެގެން ދާނެއެވެ.

"ކޮވިޑް-19 ޖެހިގެން މަރުވިކަން ޔަގީންވާ، ނުވަތަ އެބައްޔަށް ޝައްކުކުރެވޭ ހާލަތުގައި މަރުވާ މީހުންގެ ހަށިގަނޑާމެދު އަމަލުކުރަން އޮތް ހަމައެކަނި ގޮތަކީ އަންދާލުންކަމަށް ހަދައި އެކަން މަޖުބޫރުކުރުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ފަދަ އަމަލެކެވެ." ބަޔާނުގައި ވެއެވެ.

"މަރުވެފައިވާ މީހުންގެ ހަށިގަނޑު ވަޅުލުމުން ކޮވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުގެ ފުރުސަތު ބޮޑުވާ ކަމުގެ މެޑިކަލް އަދި ސައިންޓިފިކް ހެއްކެއް ސްރީލަންކާއިންވެސް، އަދި އެހެން ގައުމަކުންވެސް، ފެނިފައި ނުވެއެެެވެ." ބަޔާނުގައި އިތުރަށް ވެއެވެ.

މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން 274 މީހުން މަރުވެފައި ވާއިރު، އޭގެ ތެރޭގައި މުސްލިމުންގެ އަދަދު ވަރަށް ގިނައެވެ.

މިފަދައިން މަރުވި އެންމެންގެ ހަށިތައް އަންދާލަން ވަނީ މަޖުބޫރުކޮށްފައެވެ. އެ ހަށިތައް ވަޅުލައިފިނަަމަ ބޯފެނަށް ބަލީގެ އަސަރުކުރާނެ ކަމަށް އެގައުމުގެ ޗީފް އެޕިޑެމިއޮލޮޖިސްޓާއި އެެހެން ތަޖުރިބާކާރުން ލަފާދީފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

އެހެންނަމަވެސް، އދ. ގެ ރެޕޯޓަރއިން ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ވަޅުލުމުން ބަލި ފެތުރޭ ކަމުގެ ހެއްކެން ނެތްކަމުގައި ތަކުރާރުކޮށް ބުނެފައެވެ.

މީގެ، އިތުރަށް ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލުމުން އާއްމު ސިއްހަތަށް ގެއްލުން ހުރި ކަމުގެ އެެއްވެސް ހެއްކެއް ފެންނަން ނެތްކަމަށް ބުނެ ކޮލެޖް އޮފް ކޮމިއުނިޓީ ފިޒީޝަންސް އޮފް ސްރީލަންކާ އަދި ސްރީލަންކާ މެޑިކަލް އެސޯސިއޭޝަނުން ވަނީ ދާދިފަހުން ބަޔާން ނެރެފައެވެ.

"މި ވަބާގެ ސަބަބުން ކުރިމަތިވެފައި އާއްމު ސިއްހަތަށް ނުރަކްކާތަރި ގޮންޖެހުންތަކަށް ސަމާުލުވެ ތިބުމާއެކުވެސް، ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަަޅުތަކަކީ މަރުވާމީހުންގެ ގަދަރަށް އުނިކަން ނުލިބޭ، އެމީހުންގެ ސަގާފީ ދީނީ އުސޫލުތަކާއި އަގީދާތައް ރައްކާތެރިކޮށްދޭ ފިޔަވަޅުތަކަކަށް ވާންޖެހެއެވެ." އދ.ގެ ތަޖުރިބާކާރުންގެ ބަޔާނުގައި ވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.