ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ސްރީލަންކާ ހުޅުވާލުން އަނެއްކާވެސް ފަސްކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލުކުރުމުގެ ގޮތުން ފާއިތުވި މާރިޗު މަހުގެ ތެރޭގައި ސްރީލަންކާއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ހުއްޓާލިފަހުން މިއަދު، 26 ޑިސެނންބަރަކީ އެ ދަތުރުތަކަށް ސްރީލަންކާގެ ބައިނަލްއަގުވާމީ އެއާޕޯޓުތައް އަލުން ހުޅުވާލަން ނިންމާފައި އޮތް ދުވަހެވެ. އެހެންނަމަވެސް، ކޮވިޑް-19 ވައިރަހުގެ ބަދަލުވެފައިވާ ވައްތައް ދުނިޔޭގައި ފެތުރެމުންދާތީ، ސްރީލަންކާ ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ހުޅުވާލުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ދެން ހުޅުވާނެ ދުވަހެއް ފަހުން ކަނޑައަޅާފައި އިއުލާންކުރަން ވަނީ ނިންމާފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ސްރީލަންކާ (ސީއޭއޭއެސްއެލް) އިން ފާތުވި ހަފުތާގައި އިއުލާންކޮށްފައި އޮތީ އަށް މަސްދުވަހުގެ މެދު ކެނޑުމަކަށް ފަހު ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް މިއަދު ސްރީލަންކާ ހުޅުވާލާނެ ކަމުގައެވެ. އެހެންނަމަވެސް، އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން ޖީއޭ ޗަންދްރަސިރީ ވިދާޅުވިގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލުން ލަސްކުރީ އިނގިރޭސިވިލާތުން ފެނި، ދުނިޔޭގައި ފެތުރެން ފަށާފައިވާ ބަދަލުވެފައިވާ ވައިރަސްގެ ސަބަބުންނެވެ.

އެއާޕޯޓުގެ އިސް އޮފިޝަލެއް ކަމުގައިވާ ރާޖީވް ސުރިޔަރާއްޗީ ވިދާޅުވިގޮތުގައި، ބައިނަލްއަގުވާމީ އެއާޕޯޓު ހުޅުވުން ފަސްކުރުމުގެ ސަބަބުން ރަޝިޔާގެ ފަތުވެރިންނާއެކު އާދީއްތަ ދުވަހު އަންނަން އޮތް ފްލައިޓް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މި ފްލައިޓަކީ ސްރީލަންކާ އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ދަށުން އަންނަން ހަމަޖެހުނު ފްލައިޓެކެވެ.

އެހެންނަމަވެސް، ސޫރިޔަރާއްޗީ ވިދާޅުވި ގޮތުގައި، ފަތުރުވެރިންނާއެކު ހޯމަ ދުވަހު ޔުކްރޭނުން އަންނަ ހޯމަ ދުވަހު އަންނަން އޮތް ފްލައިޓް ޖެއްސުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ.

ފާއިތުވި އޮގަސްޓު މަހުވެސް ބައިނަލްއަގުވާމީ ދަތުރުތަކަށް ސްރީލަންކާ ހުޅުވާލަން ނިންމިއެވެ. އެހެންނަމަވެސް، ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ހުޅުވުން ފަސްކުރީއެވެ.

އޮކްޓޯބަރު މަހާ ހަމައަށް ސްރީލަންކާގައި ކޮވިޑް- 19 ކޮންޓުރޯލުކުރެވިފައި އޮތް ނަމަވެސް، އެ މަހުން ފެށިގެން އެގައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އެ ގައުމުގައި މިހާތަނަށް 39 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، 180 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.