އަލުން ހުޅުވާލާއިރު ބައިނަލްއަގުވާމީ ފްލައިޓުތަކުން ޕާކިން ފީއާއި ލޭންޑިން ޗާޖު ނުނަގަން ސްރީލަންކާއިން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި މާރިޗު މަހުން ފެށިގެން ބައިނަލްއަގުވާމީ ފްލައިޓުތަކަށް ސްރީލަންކާގެ އެއާޕޯޓުތައް ބަންދުކޮށްފައި އޮތުމަށް ފަހު، މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހުޅުވާލާއިރު، އެ ގައުމުގެ އެއާޕޯޓުތަކަށް ޖައްސާ ބައިނަލްއަގުވާމީ ފްލައިޓުތަކުން ލޭންޑިން ޗާޖާއި ޕާކިން ފީ ނުނަގަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކެބިނެޓް ސްޕޯކްސްމަން ޑރ. ރަމޭޝް ޕަތިރަނާ ވިދާޅުވިގޮތުގައި މިއަދު އޮތް ކެބިނެޓް ޖަލްސާއަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ހުށަހެޅުއްވީ 26 ޑިސެންބަރު 2020 އިން 19 ޖަނަވަރީ 2021 އަށް މި ފީތައް ނުނަގާގޮތަށް ހުށަހެޅުއްވުން ކެބިނެޓުން ވަނީ އެގޮތަށް ފާސްކޮށްފައެވެ. މި ފީތައް ކަނޑާލާފައި ވަނީ ކޮލޮމްބޯގެ ބާންޑާރައިކަ އިންޓަނޭޝަނަލް އެއާޕޯޓާއި، ހަންބަންޓޯޓާގެ މާތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓުތަކުންނެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ގޮތަށް ހެދުމުގެ ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ މިދަނޑިވަޅުގައި ގިނަ އެއާލައިންތަކެއް ސްރީލަންކާއަށް ދަތުރުކުރާނެ ގޮތް ހެދުމެވެ.

ސްރީލަންކާގެ ސަރުކާރުން ހާމަކުރި ގޮތުގައި، ސިއްހީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފުރަތަމަ އެއާޕޯޓުތައް ހުޅުވާލާނީ ޑިސެންބަރު 26 އިން ޖަނަވަރީ 19 އާ ހަމައަށެވެ. އެ މުއްދަތުގައި ފްލައިޓައް ޖައްސާވަރާއި، ދަތުރުވެރިން އަންނަ ވަރު މޮނިޓާ ކުރެވޭނެއެވެ. ދެން، އިތުރަށް ކުރިއަށްދާނީ އެ މުއްދަތުގެ ތަޖުރިބާއަށް ބެލުމަށް ފަހުއެވެ.

ފަތިރަނާ ހާމަކުރެއްވި ގޮތުގައި ސްރީލަންކާއަށް ކުރިން ދަތުރުކުރަމުން ދިޔަ ގިނަ އެއާލައިންތަކަކުން ވަނީ، ބައިނަލްއަގުވާ ދަތުރުތަކަށް ހުޅުވާލުމާއެކު ސްރީލަންކާއަށް އަލުން ދަތުރުކުރަން ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ފާއިތުވި އޮގަސްޓު މަސް ނިމޭހާތާގައި ސްރީލަންކާ ހުޅުވާލަން އެގައުމުން ނިންމިއެވެ. އެހެންނަމަވެސް، ކޮވިޑް-19 ޖެހޭ މިންވަރު ކުއްލިއަކަށް އިތުރުވާން ފެށުމާ ގުޅިގެން ހުޅުވާލުން ލަސްކުރީއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގައި މިހާތަނަށް 37 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 181 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.