ރިސޯޓުތަކުން މޫދަށް ކުނިއަޅާ މައްސަލައަށް ހައްލެއްް ހޯދުމަށް ގުޅުން ހުރި އިދާރާތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ދާދިފަހުން ވަނީ ކަމާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކުރައްވައިފައެވެ.
ރިސޯޓުތަކުން މޫދަށް ކުނި އަޅަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ. އެގަވާއިދުގެ 5.3.3 ގައި ބުނެފައިވަނީ ކައިރި ހިސާބެއްގައި ކުނި އުކާލެވޭނެ ގޮތެއް ނެތި ކުނި ކަނޑަށް އަޅަން ޖެހިއްޖެނަމަ، އުކާލެވޭނީ ހަމަކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުންއަމިއްލައަށް ފަނާވެ ނެތިގެންދާނެ ބަޔޯޑިގްރޭޑަބަލް ތަކެތިކަމަށެވެ. އެގޮތަށް އުކާލެވޭ ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލާ ރަށަށް ނުލައްގާނެ ގޮތަކަށް ކަމަށެވެ. އެހެންކަމުން މޫދަށް ކުނި އެޅުމުގެ ބާރު މި ގަވާއިދުން މިއޮތީ ލިބިދީފައެވެ. ގަވާއިދު މިގޮތަށް އޮތް ކަމުގައި ވިއަސް މޫދަށް ކުނި އެޅުން މަނާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ސާކިއުލާއަކުން ހުރިހާ ޓޫރިސްޓު ފެސިލިޓީތަކަށް އަންގައިފައިވެއެވެ. ކުރިއަށް އޮތް ދެތިން މަސްތެރޭގައި ގަވާއިދު އިސްލާހުކޮށް ގެޒެޓްގައި ޝާއިއުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވެސް ވިދާޅުވިއެވެ. ނަމަވެސް ގަވާއިދު އިސްލާހު ކުރުމަކުން ކުނީގެ މައްސަލަ ހައްލެއް ނުވާނެއެވެ. ގަވާއިދު އުވާލިއަސް މައްސަލަ ހައްލެއް ނުވާނެއެވެ. އަދި ކުނި އުފެދުންވެސް މަދެއް ނުވާނެއެވެ. މައްސަލައަށް ހައްލު ހޯދޭނީ ކުނި މެނޭޖުކުރެވޭނެ ގޮތެއް ހޯދައިދެވިގެންނެވެ.
ކޮމެޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ހާމަކުރެއްވި ތަފާސް ހިސާބުތަކުން އެނގެނީ ރާއްޖޭގައި ހިންގަމުންދާ ރިސޯރޓްތަކުގެ އަދަދަށް ބަލާއިރު އާއްމު އޮޕަރޭޝަނުގައި ރަަށްތައް ހިނގާނަމަ ދުވާލަކު 390 ޓަނުގެ ކުނި އުފައްދާނެކަމަށް އަންދާޒާ ކުރެވިފައި ވާކަމެވެ. އަދި އޭގެތެރެއިން 233 ޓަނު ކުންޏަކީ ގަވާއިދުން ޖާގަ ލިބިގެން މޫދަށް އުކާލެވޭ ޒާތުގެ ކުނި ނުވަތަ ނެތިފަނާވާ ޒާތުގެ ކުނިކަމަށްވެސް އަންދާޒާ ކުރެވޭކަމެވެ. ނަމަވެސް އެކުނީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ނެތިފަނާވެދާ ކުނީގެ ބާވަތްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ. މި އަންދާޒާ ތަކުގައި ރިސޯޓުތައް ފިޔަވައި ޓޫރިޒަމްގެ ޚިދުމަތްދޭ އެހެން ފެސިލިޓީތައް ހިމަނައިފައެއް ނުވެއެވެ. ރާއްޖޭގައި ހިިންގާ ގެސްޓް ހައުސްތަކާއި އަދި ޓޫރިސްޓު ސަފާރީ ތަކުން އުފައްދާ ކުނީގެ ނިސްބަތް އަންދާޒާ ކުރެވިފައި ނެތް ނަމަވެސް، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ ކުނި އެތައް ގުނައަކަށް އުފުލިގެންދާނެކަން ޔަގީނެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެން އިންޑަސްޓްރީތައް ކަމަށްވާ ދަތުރުފަތުރާއި މަސްވެރިކަންފަދަ މަސައްކަތް ތަކަކީ އެމަސައްކަތްތައް ކަނޑުމައްޗަށް ބަރޯސާވާ މަސައްކަތްތަކަށް ވާއިރު އެފަދަ ސިނާއަތަކުން އުފައްދާ ކުނީގެ ނިސްބަތް ވެސް މަދު ނުވާނެކަން ކަށަވަރެވެ. ސުވާލަކީ އެފަދަ ސިނާއަތްތަކުން އުފައްދާ ކުނި ނައްތާލަނީ ކިހިނެއްތޯއެވެ؟ އެފަދަ ސިނާއަތްތަކުން ކުނި މެނޭޖު ކުރާނެ އުސޫލެއް ކަނޑައެޅިފައިވޭތޯއެވެ؟
މިފަހަކުން ރާއްޖޭގެ ލޯކަލް ޓޫރިޒަމުން އެންމެ ގިނަ ޑޮލަރު އެރަށަކަށް ވައްދާ މާލެ އަތޮޅު މާފުށީގެ ކުނީގެ ހާލަތު ވަނީ ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައެވެ. މާފުށީ ހާލަތުވެސް އެނގުނީ ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިި ލޯކަލް ޓޫރިޒަމާއި އެހެން ސިނާއަތްތައް ކުރިއަރައި ދާއިރު މި ހާލަތުގައި އޮތީ ކިތައް ރަށްކަމެއް ވެސް ނޭގެއެވެ. ނަމަވެސް އެނގޭ ހަގީގަތަކީ ރާއްޖޭގެ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަމެވެ.
ވެމްކޯއިން ބުނެފައި ވަނީ މިދިޔަ އަހަރު ތިލަފުށްޓަށް ކުނި އުފުލައިފައިވަނީ 100 ރިސޯޓުން ކަމަށެވެ. އެހެންވީމާ 60 ރިސޯޓުން ތިލަފުށްޓަށް ކުނި ނުގެނެއެވެ. ސުވާލަކީ އެ 60 ރިސޯޓުން ކުނި ނައްތާލީ ކިހިނެއް ހެއްޔެވެ؟ އެ ރިސޯޓެއްގައި އުފެދޭ ކުނި އެރިސޯޓެއްގައި ނައްތާލެވޭނެ ނިޒާމެއް އެއްވެސް ރިސޯޓެއްގައި އޮވޭތޯއެވެ؟
ރިސޯޓުގެ ގޮތުގައި 100 އަށް ވުރެ ގިނަ ރަށް ތަރައްގީ ކުރަމުން ދާއިރު އެރަށްތަކުގައި އުފެދޭ ކުނި ނައްތާ ލަނީ ކިހިނެއްތޯވެސް ބަލަން ޖެހޭކަމަށް މަޓީންވެސް ވަނީ ފާހަގަ ކޮށްފައެވެ. މި ރިސޯޓުތައް ތަރައްގީކޮށް ހުޅުވުމުން، މިހާރު ރިސޯޓުތަކުން އުފައްދާ ކުނީގެ ނިސްބަތް އެތައް ގުނައެއް އިތުރުވެގެންދާނެކަމީ ހަގީގަތެކެވެ. އެހެންކަމުން މިހާރަށް ވުރެ ކުނީގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެކަމީވެސް ހަގީގަތެވެ.
ކުނީގެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ ސިޔާސަތެއް އޮންނަންޖެހެއެވެ. ކުނި މެނޭޖުކޮށް ކުނިން އާމްދަނީ ހޯދޭނެ ސިޔާސަތެއް ކަނޑައެޅެން ޖެހެވެ. ރާއްޖޭގެ ރީތިކަން ވިއްކައިގެން ޑޮލަރު ހޯދަން ޖެހެއެވެ. ނަމަވެސް އެރީތިކަން ދެމެހެއްޓުމަށް އެއިން ޑޮލަރެއް ހޭދަކޮށްގެން ކުނި މެނޭޖު ނުކުރެވޭނެ ގޮތެއް އަދިއެއް ނެތެވެ. މިއީ އަރަތެއް ކަހަލަ ކަމެއް ނޫންތޯއެވެ؟ ފަތުރިވެރިކަމަށް ވިއްކާ ގުދުރަތީ ރީތިކަމާއެކު ރާއްޖޭގެ ނާޒުކު ފަރުތަކާއި ރަށްތައް މިދަނީ ކުނީގެ ހާލިތަކަކަށް ވަމުންނެވެ.