އަޅުގަނޑުމެން ދުނިޔެވީ ޙަޔާތަކީ ވަރަށް "ބިޒީ" ހަޔާތެކެވެ. ކުރަން ހުންނަ ކަންތައްތައް "ބޮލުގެ އިސްތަށްޓަށް" ވުރެ ވެސް ގިނައެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު ކިތަންމެ "ބިޒީ" ވިއަސް ދޫކޮށްނުލައި ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ނަމާދު ކުރުމެވެ.
އަޅުގަނޑުމެންގެ ދަރިވަރުންގެ ފުރަތަމަ ގްރޭޑްގައި ނުވަތަ އެއަށްވުރެ އަވަހަށްވެސް އަޅުގަނޑުމެން އިސްލާމްދީނުގެ ރުކުންތައް ކިޔައިދީ ދަސްކޮށް ދެމުއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ގަބޫލުކުރުމަށްފަހު ކުރަންޖެހޭ ކަމަކީ ނަމާދު ކަމެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާއިރުވެސް އަމަލީގޮތުން އެ އަޅުކަން ފުރިހަމަކޮށް، ދަރިން ލައްވައި އެކަން ކުރުވަން އާދަ ކުރުވަނީ ކިތައް ބެލެނިވެރިންތޯއެވެ؟ ސްކޫލުތަކުން އެކަމަށް ބާރު އަޅަނީ ކިހާވަރަކަށްތޯއެވެ؟ މަސްއޫލުވެރި ފަރާތްތައް އެމީހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް މިކަމަށް ބާރު އަޅާތޯއެވެ؟ ސްކޫލުތަކުގެ ކުޅިވަރު ހަރަކާތްތަކުން ފެށިގެން ގައުމީ ފެންވަރުގެ ހަރަކާތްތައް ރޭވުމުގައިވެސް ނަމާދުގެ ވަގުތަށް ސަމާލުކަމެއް ދީ ކަންކަން ރާވާ ތަނެއް ނުފެނެއެވެ.
ނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާއިން ފެނުނީ މިހައިތަނަށް ރާއްޖެއިން އަޅުގަނޑަށް ނުފެންނަ މަންޒަރެކެވެ. ފުޓުބޯޅަ ޓީމެއްގެ ޖާޒީގެ ސްލޯގަން އެއްގެ ގޮތުގައި "ފުރަތަމަ ނަމާދު" މިހެން ދިވެހި ބަހުން ޖަހާފައިވާއިރު ޖާޒީގެ ފުރަގަހުގައި އިނގިރޭސިބަހުން "ފިއަރ ދަ ކްރިއޭޓަރ ވެއަރއެވަރ ޔޫ އާރ" ޖަހައިފައިވަނިކޮށެވެ. ދިވެހިން ބުނާނަމަ "ތިބާ ވީ ކޮންމެ ތަނެއްގައި ހެެއްދެވި ފަރާތް ވޮޑިގެން ވެއެވެ. ބިރުވެތިވާށެވެ." ޖާޒީގައި މިފަދަ މުހިންމު ވާހަކަތަކެއް ޖަހައިފައި ވަނީ ހދ. ނޮޅިވަރަން ފުޓުބޯޅަ ޓީމުންނެވެ. ޖާޒީގައި ބުނެފައިވާ ގޮތަށް އެޓީމު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އިސް ކުރާނީ ފުރަތަމަ ނަމާދުކަމަށް ގަބޫލުކުރެވެއެވެ.
ހަމައެހެންމެ ސޯޝަލް މީޑިއާއިން ފެނުނު އެހެން މަންޒަރެކެވެ. ކޮންމެވެސް ރަށެއްގެ މަގުފާރުގައި ލިޔެފައިވާ ޢިމާބާރާތް ކޮޅެވެ. "ފަތިސް ނަމާދު ކުރުވައިފައި ނޫނީ ސްކޫލަށް ނުފޮނުވާށެވެ." ނަމަވެސް ސޯޝަލް މިޑީއާގައި އެފޮޓޯ ހިއްސާ ކުރި މީހަކު ސުވާލެއްވެސް ކޮށްފައި އޮތެވެ. "މިކަންވެސް ވާނީ ހައްދުފަހަނަޅައި ދިއުންކަމަށްތޯއެވެ؟"
މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެކެވެ. ދީނުގައި ކަނޑައެޅިގެން އަންގަވައިފައިވާ އަޅުކަން އަދާކުރުމަށް ބާރު އެޅުން ނުވަތަ ހަނދާންކޮށް ދިނުމަކީ ހައްދު ފަހަނަޅައި ދިއުން ކަމަށް ވާނަމަ އަޅުގަނޑުމެން މުސްލިމުން ގޮތުގައި އުޅޭނީ ކިހިނަކުންތޯއެވެ؟ އިންސާނުންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބައެކެވެ. އެހެންކަމުން ހަނދާންކޮށްދޭން ވެސް ޖެހޭނެއެވެ. މަގުމަތީގައި ލިޔެފައި ހުންނަ ބިލް ބޯޑުތަކުން ނުވަތަ އެނޫންވެސް މެސެޖްތަކުން އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ހަދާން ކޮށްދިނުމަކީ މުހިންމު ކަމެވެ. ހަނދާންކޮށްދޭންޖެހޭ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ނަމާދެވެ. އެއީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވާތީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކަށް ނަމާދު ހަދަން ޖެހޭތީއެވެ.