ދެތިން ފޮޅުވަތް: ރައްޓެއްސަކު ހޯދުން ނޫން ގޮތެއް ނެތް!

ވަރަށް ގިނައިން ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންގެ ފަރާތުން އަންނަ ސުވާލެކެވެ. މިވެނި ތަނެއްގައި ރައްޓެއްސަކު ހުރޭ ހެއްޔެވެ؟ އެވެނި ތަނެއް ގާތް މީހަކު ހުރޭ ހެއްޔެވެ؟ ކިހިނެއްވީތޯ އަހާލުމުން މި އެނގެނީ އެއީ އެތަނަކުން ކޮންމެވެސް ޚިދުމަތެއް ހޯދުމަށް ބޭނުންވާތީކަމެވެ. ނުވަތަ ޚިދުމަތެެއް ހޯދުމަށް އެދި ލަސް ވަމުންދާތީވެ، އެކަމެއް އަވަސް ކުރެވޭނެ ނުވަތަ އެކަމެއް ވާނެ ގޮތެއް ހޯދުމަށް ކަމެވެ. ހޮސްޕިޓަލުތަކުން ނުވަތަ އެނޫންވެސް ސިއްހީ ޚިދުމަތްދޭ ތަނަކުން ވިޔަސް ޚިދުމަތެއް ހޯދުމަށް ނުވަތަ އަވަސް ކުރުމަށެވެ.  

އެ ޚިދުމަތަކީ ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން އާންމު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތެކެވެ. ނުވަތަ އަމިއްލަ ކޮންމެވެސް ތަނަކުން އާއްމު ރައްޔިތުންނަށް ދޭ ޚިދުމަތެކެވެ. 

ރައްޓެއްސަކު ހޯދައިގެން އަދި އެވަރަކުން ނުނިމެއެވެ. އެ ރައްޓެހި މީހާ ލައްވާ އެ ޚިދުމަތެއް ހޯދުމަށް ކުރަންޖެހޭ ކަންކަން އަދި އޮތީއެވެ. ފުރަތަމަ ދާންޖެހެނީ އެ ހޯދާ ރައްޓެހި މީހާ ގޮވައިގެން ކޮފީއަކަށެވެ. އެއް ކޮފީއަކުން ނުނިމެއެވެ. ކޮފީ ކެއުމަށްވެސް ބަދަލުވެއެވެ. އެންމެ ފަހުން ގޮސް ރައްޓެހިމީހާ މެދުވެރިކޮަށް ބޭނުންވާ ޚިދުމަތެއް ލިބޭއިރު ޚިދުމަތް ދިނުމަށް ނަގާ ފީއަށް ވުރެ ބޮޑު އެއްޗެއް ޚިދުމަތް ބޭނުންވާ މީހާގެ ޖީބުން އޮންނަނީ ހޭދަވެފައެވެ. އަދި ނުވިތާކަށް އެ ޚިދުމަތް ލިބުމުން އެކަމުގެ ބަދަލުވެސް ކެއުމަކުން ނުވަތަ އަގު ބޮޑު ހަދިޔާއަކުން  ނޫނީ ނުނިމެވެ. ތަނަވަސް ކަމުގެ އަހުލުވެރިން މިހުރިހާ ޚިދުމަތެއް މިގޮތަށް ހޯދާއިރު ތަނަވަސްކަން ނެތް ނިކަމެތި މީހާ ޖެހެނީ އެ ޚިދުމަތް އެތަނުން ދޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނާށެވެ. ދައުލަތުން ނުވަތަ އެމީހަކު ވަޒީފާ އަދާކުރާ ތަނަކުން ކަނޑައަޅައިފައިވާ މުސާރައަކީ އެ ޚިދުމަތް ދިނުމަށް އޭނާއަށް ދެވޭ އޭނާގެ ހައްްގު އުޖޫރައެވެ. ނަމަވެސް މިފަދަ އާއްމު ޚިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ މުސާރައަށް ލިބޭ އެއްޗެއްގެ އެތައް ގުނައެއް އިތުރަށް މިދަންނަވާ ގޮތަށް "ރައްޓެހިންނަށް" ވެގެން ލިބޭ ފަހަރުފަހަރު ގިނައެވެ.  ޚިދުމަތް ހޯޯދުމަށް މިހެން ދެވޭ ހަދިޔާތަކާއި ކޮފީތަކަށް ކިޔާނެ "ރިޝްވަތު" ނޫން ނަމެއް އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ. ނަމަވެސް މިހާރު އެހެން ދެވޭ ހަދިޔާއާއި ކޮފީއަކީ "ރިޝްވަތު" ކަމަށް އަޅުގަނޑުމެންގެ މުޖުތައުގައި ބަލައިގަންނަނީ ކިތައް މީހުންތޯއެވެ؟ 

"ރިޝްވަތު" ނުދީ ކުރެވޭ އެއްވެސް ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެވަރަށް އަޅުގަނޑުމެންގެ މުޖުތަޢުގައި ރިޝްވަތާއި ކޮރަޕްޝަން "މޫލައި" ދަނީ ހެދެމުންނެވެ. އެފަދަ އަމަލުތައް އާއްމުވެ މާބޮޑު ކަމެއްކަމަށް ގިނަ މީހުން ނުދެކޭ ކަހަލައެވެ. ވަކި ގިންތިއެއް ވަކި ފަންތިއެއް ނެތިއެވެ. "ބޮޑެތި" ކަންކަމާއި "ބޮޑެތި" މީހުންގެ ބައިވެރިވުން އޮންނަ ރިޝްވަތުގެ އަގުވެ ވެސް ބޮޑުވެ މިލިއަނުން ގުނެއެވެ. މިއީ މިހާރު މުޖުތަމަޢުގައި އުފެދިފައިވާ އެންމެ ބޮޑު އިޖްތިމާއީ "ބަލިމަޑު" ކަމަށް ވަނީ ވެފައެވެ. މި ބަލި މަޑުކަމަށް  ވަނީ ވަރުގަދަ "ވެކްސިނެއް"  ހޯދަން ޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.