ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އިޖްތިމާއީ ދާއިރާއިން ތަފާތު ގިނަ ކަންތައްތަކެއް މިއަހަރު ތެރޭގައި ފެށިގެން ދާނެކަމަށް އިޢުލާން ކުރެއްވި އެވެ. އެފަދަ އެއް ކަމަކީ ޝަރަފުވެރިކަމާއެކު އިސް ރަށްވެހިންނަށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އުމުރުން ދުވަސްވީ އިސް ރަށްވެހިން ގެންގުޅުމަށްޓަކައި އެލްޑާލީ ވިލެޖެއް ގާއިމު ކުރުމެވެ. މިއެލްޑާލީ ވިލެޖް އަޅާނީ އައްޑޫގައި ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވައިފައެވެ.
އައްޑޫގައި މިފަދަ ތަނެއް ގާއިމު ކުރަނީ ކީއްވެގެންތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނެވެ. އެފަދަ ތަނެއް ބޭނުންވާ ވަރަށް އިސް ރަށްވެހިންގެ މައްސަލަތައް އައްޑޫ ގައި ގޮސްފައި ވޭބާއެވެ؟
ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަށްވުރެ ބޮޑު އާބާދީއެއް މާލެ ސަރަހައްދުގައި ދިރި އުޅޭއިރު މިފަދަ އެލްޑާލީ ވިލެޖެއް މާލެ ސަރަހައްދަށް ބޭނުން ނުވަނީތޯ ވެސް ސުވާލު އުފެދުނެވެ.
މާލޭ ސަރަހައްދުގެ ގޯތިގެދޮރުގެ ދަތިކަމާއި އެ ކަންކަމުގެ ސަބަބުން ދިމާވާ އިޖްތިމާއީ މައްސަލަތައް އެންމެ ބޮޑަށް އެނގޭނީވެސް ދައުލަތަށް ނުވަތަ އެއިރެއްގައި އޮންނަ ސަރުކާރަށްކަން ޔަގީނެވެ. މިފަދަ އިޖްތިމާއީ މައްސަލަތަކުގެ ތެރޭގައި އުޅޭ އެންމެ ނާޒުކު ނުވަތަ ނިކަމެތިކަން ކުރިމަތިވާނެ އެއްބަޔަކީ އުމުުރުން ދުވަސްވީ މީހުންނެވެ. ނުވަތަ އިސް ރަށްވެހިންނެވެ. މާލެ ސަރަހައްދުގެ ގެދޮރަށް ބަލާއިރު ބިންމަތީގައި ނުވަތަ "ގްރައުންޑް ފްލޯގައި" ދިރިއުޅޭ އާއިލާތައް ނުވަތަ ގޭބިސީތައް މިހާރު ނިސްބަތުން ވަރަށް މަދުވާނެއެވެ. މަގަކަށް ހުންނަ ގޯއްޗެއް ނަމަ ދޮރާށި ދޫކޮށްލައިފައި ދެން އޮންނަ ތަނަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް ބޭނުން ކުރާނެ ޖާގައެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި އުޅޭ ގިނަ އާއިލާތަކަކީ ކުދިކުދި ތަންތަންކޮޅުގައި އުޅޭ މީހުންނެވެ. ލިފްޓު ލައި ފުރިހަމައަށް ހަދައިފައި ހުންނަ ތަންތަން ކުއްޔަށް ހިފައިގެން އުޅޭނޭ ފޯރުންތެރިކަމެއް އެފަދަ އާއިލާތަކުގައެއް ނެތެވެ. އެހެންކަމުން އެފަދަ ކުދިކުދި ތަންތަންކޮޅުގައި ދަތި ހާލުގައި އުޅުން ނޫން ގޮތެއް ގިނަ އާއިލާތަކަށް ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެފަދަ ގޮތަކަށް އުޅެމުންދާއިރު އާއިލާގެ މާމާ ކާފަ ނުވަތަ ބައްޕަ މަންމަ ވިޔަސް އަދި އެނޫންވެސް އާއިލާގެ އުމުރުން ދުވަސްވީ މީހަކު ބަލިވެއްޖެނަމަ ހަނިހަނި ސިޑިތަކުން ތިރިއަށް ބާލަން ޖެހިއްޖެނަމަ އުފުލަން ޖެހޭ ތަކުލީފު އަދި މާބޮޑެވެ. އެފަދަ އާއިލާތަކަށް ދިމާވާ މިފަދަ ތަކުލީފުތަކަށް އެހީތެރިކަން ހޯދަން ޖެހެނީ އެމްއެންޑީއެފުންނެވެ. މިފަދަ ކިތަންމެ ހާލަތްތަކެއްގެ ފޮޓޯތައް އެމްއެންޑީއެފުން ދޭތެރެދޭތެރެއިން ދަނީ އާއްމުވެސް ކުރަމުންނެވެ. މިކަންކަމުގެ ސަބަބުން އެފަދަ އުމުރުން ދުވަސްވީ އިސް ރަށްވެހިންނަށް ބޭނުންވާ ސިއްހީ ފަރުވާތައްވެސް ލަސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެވެ. އުމުރުން 60 އިން މަތިވާ އިރު ގިނަ މީހުންނަކީ ތަފާތު ގިނަ ދާއިމީ ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ މީހުންނެވެ. އެމީހުންނަކީ ވަކި އުސޫލަކުން ޑޮކްޓަރަށް ދައްކާ ފަރުވާވެސް ހޯދަން ޖެހޭ މީހުންނެވެ. އެމީހުންގެ ފަރުވާ ލަސްވެގެން ހިނގައްޖެ ނަމަ ފުރާނައަށް ނުރައްކާވާނެކަމީ ޑޮކްޓަރުން ދެއްވާ ލަފައެވެ. އެހެންކަމުން އެފަދަ ބަޔަކު އުޅޭތަނަކަށް އެލްޑާލީ ހޯމެއް ނުވަތަ ވިލެއްޖެއްގެ ބޭނުން ބޮޑު ނުވާނެތޯއެވެ؟
އައްޑޫގައި އުމުރުން ދުވަސްވީ މީހުންގެ ގިނަވެ އެމީހުން ބެލެހެއްޓުމުގައި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ އަޑެއް ހަމަ ގައިމުވެސް އަދިއެއް އަޅުގަނޑެއް ނާހަމެވެ. އަދި ރަށްރަށުގައި އުޅޭ އާއިލާތަކުން އެބައިމީހުންގެ ލޯބިވާ މާމަ ކާފަ ނުވަތަ މަންމަ ބައްޕަ ވިޔަސް އެފަދަ ތަނަކަށް ފޮނުވާލުމަށް ބޭނުންވާނެތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. ނަމަވެސް މާލޭ ސަރަހައްދުގެ ހާލަތު މުޅިން ތަފާތެވެ. މާމައާއި ކާފަ ދެކެ ކިތަންމެ ލޯބި ވިޔަސް އަދި އެކީގައި ގެންގުޅެން ބޭނުންވެ، ގެންގުޅޭ ހިތް ވިޔަސް ކުރިން ދެންނެވި ފަދަ ކަންތައްތަކާ ހުރެ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އެއްގޮތަކަށްވެސް މި ދަންނަވަނީ ލިފްޓުލީ އިމާރާތްތަކުގައި ތަނަވަސް ކަމާއެކު އުޅޭ އާއިލާތަކުގެ ވާހަކައެއް ނޫނެވެ. އެންމެ އާދައިގެ ރައްޔިތުންގެ ވާހަކައެވެ. އެމީހުންނަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހި އުޅޭ ނިކަމެތި ރައްޔިތުންގެ ވާހަކައެވެ. އެފަދަ އާއިލާތަކުގައި އުޅޭނެ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިލާން ޖެހޭނެ ކަންތައްތަކުގެ ވާހަކައެވެ.