ދެތިން ފޮޅުވަތް: ކުރައްވަނީ ޓްވީޓް - ލިޔަންވީ ކޯއްޗެއް؟

ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ޚިޔާލުފާޅުކުރުމާއި މައުލޫމާތު ހިއްސާ ކުރުން މިވަނީ އާއްމު ވެގެން ގޮސްފައެވެ. މިފަދަ ޕްލެޓްފޯމްތައް ވެފައިވަނީ އެންމެ އާދައިގެ ރައްޔިތު މީހާއިން ފެށިގެން ގޮސް އެންމެ މަތިން ގައުމުތަކުގެ ރައީސުންވެސް މައުލޫމާތާއި ޚިޔާލު ފާޅުކުރެއްވުމުގައި ބޭނުންކުރައްވަމުން ގެންދަވާ ވަސީލަތްތަކަށެވެ. މިފަދަ ވަސީލަތްތަކުގެ ތެރެއިން ޚާއްސަ ގޮތެއްގައި "ޓްވިޓަރު" ވެފައި ވަނީ ސިޔާސީ އިސް ފަރާތްތަކާއި އެކްޓިވިސްޓުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު  ޚިޔާލު ފާޅުކޮށް ފާޑުކިއުމުގެ އިތުުރުން ތަފާތު މައުލޫމާތު އެންމެ ގިނައިން ހިއްސާކުރާ ވަސީލަތަށެވެ. 

ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެންވެސް އިސް މުއައްސަސާތަކުންވެސް ރަސްމީކޮށް ހާމަކުރަންޖެހޭ ނުވަތަ ހާމަކުރަން ބޭނުންވާ ކަންކަން ހާމަކުރަމުން ދަނީ ޓްވީޓްތަކުންނެވެ. މިކަމުގައި ގައުމުގެ ރައީސެއް ވަޒީރެއް މެމްބަރެއް އިސްތިސްނާއެއް ނެތިއެވެ. އެފަދަ ފަރާތްތަކުން ދައްކަވާ ވާހަކަފުޅުތަކަކީ ނުވަތަ ކަންކަމުގައި ފާޅުކުރައްވާ ޚިޔާލުފުޅުތަކަކީ ނޫސްވެރިންވެސް އެކަންކަމަށް ސަމާލުވެގެން ތިބޭނެ ކަންކަމެވެ. ނުވަތަ ޚަބަރު ހެދިދާނެ "ކޮޅު" ތަކެކެވެ. އެފަދަ ޓްވީޓަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ނޫސްވެރިން ގުޅާލުމުން މަދު ފަހަރެއްގައި ނޫނީ އިތުރު މައުލޫމާތެއް ނުލިބެއެވެ. ގިނަ ފަހަރަށް ނޫސްވެރިން ގުޅާލުމުން ވިދާޅުވަނީ މިހާރު ހާމަކުރެވެން އޮތްވަރަށް އެވަނީ ހާމަކޮށްފައި ކަމަށެވެ. ގިނަ ފަހަރަށް ފޯނެއް ނުވެސް ނަންގަވާނެއެވެ. ނުވަތަ ލިބޭނީ މެސެޖެކެވެ. އެވަގުތަކީ ބިޒީ ވަގުތެއް ކަމަށާއި ބޭނުންވާ ކަމެއް މެސެޖް ކުރެއްވުމަށެވެ. ބޭނުން ވަނީ ކޮންކަމެއްކަމާއި ގުޅަނީ ކާކުކަން ބުނުމުން ފަހުން ގުޅާނެކަމަށް ވިދާޅުވެ މެސެޖަށް ބައެއް ފަހަރު ޖަވާބު ދެއްވާނެއެވެ. ގިނަފަަހަރަށް ޖަވާބެއްވެސް ނުލިބޭނެއެވެ. މިގޮތަށް ކޮށްފައި ހުރި ކިތަންމެ މެސެޖެއް އަޅުގަނޑުގެ ފޯނުގައި ވެސް އެބަހުއްޓެވެ. 

ޒިންމާދާރު ނޫސްވެރިޔާ މިފަދަ ޓްވީޓްތަކަށް އިތުރު މައުލޫމާތު ހޯދަން ހުއްޓާ، ވާދަވެރި ނޫސްވެރިކަމުގެ ތެރެއިން ޓްވީޓްގައި އޮތް ޚަބަރު ބްރޭކް ކޮށްލައެވެ. ގިނަ ފަހަރަށް އެފަދަ ބައެއް ޚަބަރު ބްރޭކިން ނިއުސްގެ ގޮތުގައި އަރައެވެ. ތަފްސީލު އަންނަނީ ކަމަށް ލިޔެފައި އޮންނާނެއެވެ. ހުރެހުރެވެސް އިތުރު ތަފްސީލެއް ނާދެއެވެ. އިތުރު ތަފްސީލެއް ނާންނާނެތާއެވެ. އަންނާނީ މައުލޫމާތު ލިބިގެންތާއެވެ. ޓްވީޓް ފެނިގެން އިތުރު މައުލޫމާތު ހޯދަން އުޅުނު ނޫސްވެރިޔާއަށް މައުލޫމާތެއް ނުލިބި ޚަބަރު ނުލިޔެވުނުތާ ބްރޭކެއްވެސް ނުކުރެވުނެވެ.  ޚަބަރު ބްރޭކް ކުރި ނޫސްވެރިޔާއަށްވެސް އިތުރު މައުލޫމާތެއް ލިބޭ ވަރެއް ނުވިއެވެ. އެހެންވޭވެ މިހާރު "ޓްވީޓް ޚަބަރު" މިވަނީ އާއްމު ވެފައެވެ. 

އިންޓަވިއު އެއް ދޭކަށް ބޭނުމެއް ނުވެއެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާކަށް ބޭނުމެއް ނުވެއެވެ. ކުރިން އާއްމުކޮށް ވަކި އުސޫލަކުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މުއައްސަސާތަކުންވެސް ފެންނަމުން ދަނީ ކުރައްވާ ޓްވީޓަކުން ނުވަތަ މީޑިއާ ގްރޫޕަށް ހިއްސާ ކުރާ މައުލޫމާތުކޮޅެކެވެ. ނޫނީ މައުލޫމާތު ހާމަކުރަން ބޭނުން ނުވާތަނެވެ. މީޑިއާ ގުރޫޕުތަކުގައި ވެސް ނޫސްވެެރިން ކޮށްލާ ސުވާލުތަކަށް ޖަވާބު ނުލިބޭ ތަނެވެ. ނޫސްވެރިންގެ ކުރިމައްޗަށް އަރަން ބޭނުމެއް ނުވާ ތަނެވެ. 

ގައުމުގެ އެންމެ އިސްވެރިޔާވެސް މިކަމުގައި އިސްތިސްނާ ވުމެއް ނެތެވެ. އެ މަނިކުފާނުވެސް އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި ޚާއްސަ ދުވަސްދުވަހު ގައުމާ މުޚާތަބު ކުރައްވާ ތަނެވެ. ނޫސްވެރިންނާ ބައްދަލެއް ނުކުރައްވައެވެ. ނޫސްވެރިން ޖަވާބު ބޭނުންވާ ކަންކަމަށް ސުވާލު ކުރުމަށް ފުރުސަތެއް ނުދެއްވައެވެ. 

ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިހާރު ފެންނަމުން ދަނީ މީހުން ކޮށްލާ ޓްވީޓް ޚަބަރަކަށް ވަމުންދާތަން ކަމަށެވެ. އެއަށް ވުރެ ތަފްސީލުކޮށް  ޚަބަރު ލިޔަން ޖެހޭކަމަށެވެ. ކުރިން މީޑިއާގައި މަސައްކަތްކުރައްވައިފައިވާ ރައީސް ވިދާޅުވީ ވިހާވެސް ބޮޑަށް މައުލޫމާތު ހޯއްދަވައިގެން ޚަބަރު އެކުލަވާލުމަށެވެ. 

ރައީސްގެ ވާހަކަފުޅު ކިތަންމެހާ ވެސް ރަނގަޅެވެ. ޚަބަރު ލިޔަން ޖެހޭނެ ގޮތަކީ އެއީއެވެ. އަދި ޒިންމާދާރު  ނޫސްވެރިކަމަކީ ވެސް އެއީއެވެ. ނަމަވެސް ޚަބަރު ލިޔެވޭނީ މައުލޫމާތު ލިބިގެންނެވެ. ގާނޫނަކުން އިންފޮމޭޝަން އޮފިސަރަކު އައްޔަން ކޮށްފައި ހުރުމަކުން ދުވަހުން ދުވަހަށް ދުވަހަށް ނޫސްވެރިން ބޭނުންވާ މައުލޫމާތެއް ލިބޭނެތޯއެވެ؟ ތަންތަނުގައި ތިއްބަވާ މީޑިއާ އޮފިސަރުންނަށް ގުޅައިގެން މައުލޫމާތު ހޯދައިންގެ ޚަބަރު އެކުލަވާލަން ހުންނަ ނޫސްވެރިއަކަށް މަދު ފަހަރެއްގައި ނޫނީ އެކަން ކާމިޔާބެއް ނުވެއެވެ. އެއީ ނޫސްވެރިޔާ ހޯދަން ބޭނުންވާ މައުލޫމާތު އޭނާއަށްވެސް ހާމަކުރުމުގެ ހައްގު ލިބިފައި ނުވާތީއެވެ. ގިނަ ފަހަރަށް ވިދާޅުވާނީ ސާފުކޮށްލާފައި ގުޅާލާނެ ކަމަށެވެ. ނަމަވެސް ދުވަހަކު އެ ވިދާޅުވާ ފަހެއް ނާދެއެވެ. ނޫސްވެރިޔާ ގުޅުމުން ފަހުން ފޯނެއް ނުވެސް ނަންގަވައެވެ. އެންމެ ފަހުން ނޫސްވެރިއާ އެކަން ދޫކޮށްލަން ޖެހެއެވެ. ދެން ޖެހެނީ ޓްވީޓުން ޚަބަރު ހަދާލާށެވެ. ކުރައްވަނީ ޓްވީޓެވެ. ދެން ލިޔާނީ ވަކި ކޯއްޗެއްތޯއެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.