ރައްޔިތުންގެ ބަސް ހޯދައި ގުޅުން ބަދަހިކުރުމުގެ މައްޗަށް ފުލުހުންގެ ޚިދުމަތް ބައްޓަންވެގެން ދާނެ: ސީޕީ ޙަމީދު

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި  ރައްޔިތުންގެ ބަސް ހޯދައި، ގުޅުން ބަދަހިކޮށް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާއި އެކީ މަސައްކަތްކުރުމަށްޓަކައި ގާނޫނުން ލާޒިމްކުރާ އުސޫލުތަކެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް މާލަސްތަކެއްނުވެ ބައްޓަންވެގެން ދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި އަވަށްޓެރި ފުލުހުންެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއް ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނުުގައި އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވަކަމަށާއި އެގޮތުން އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ފުލުހުން ދެމުންދާ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިގާނޫނުން ފަހިވެގެންދާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް ފުލުހުންގެ ހިދުމަތުގެ ވޭތުވެދިޔަ 87 ވަރަކަށް އަހަރުގެ ދިގު ތާރީހުގައި މީގެކުރިން ލިބިފައިނުވާ މިންވަރަށް މިގާނޫނުން ޖާގަހޯދައިދީފައިވާކަމަށާއި އެގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއްކަމަށް ވިދާޅުވިއެވެ.  އަދި މިއީ ކުރިއަރާފައިވާ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް ކަންކުރަމުން އަންނަ ގޮތްކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހިޔާލާއި ހުށަހެޅުންތަކުގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާތަކުގެ އެންމެހާ ފަރާތްތަކުގެ ލަފައާއި ދައުލަތުގެ އެހެނިހެން މުއައްސަސަތަކުގެވެސް މަޝްވަރާއާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް ގެނެސްދެއްވިކަމަށްޓަކައި ރައްޔިތުުންގެ މަޖިލިހުން ކޮށްދެއްވާފައިވާ މަސައްކަތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ފުލުހުންގެ މުއައްސަސާގެ އެންމެހާ މެމްބަރުން މިފަދަ ތަހުޒީބު ބަދަލުތަކަށް ހުޅުވި ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ފުލުހުންނާއި ފުލުހުންގެ މުއައްސަސާގެ އެންމެހާ މުވައްޒަފުންނަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުދު އަދާކުރެއްވިއެވެ.

ޚަބަރު: މޯލްޑިވްސް ޕޮލިސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.