އުރީދޫއިން ފުލުހުންނަށް މޮބައިލް ފޯނުތަކެއް ހަދިޔާކޮށްފި

ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ ޑިޖިޓަލް އެވިޑެންސް ލެބޯރޓަރީގައި ކުރެވޭ މޮބައިލް ފޯނުގެ ތަޙުލީލުތައް އިތުރަށް ހަރުދަނާކޮށް އަދި ޚިދުމަތް އަވަސް ކުރުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި އުރީދޫއިން މޮބައިލް ފޯނުތަކެއް ހަދިޔާކޮށްފިއެވެ.

މި ހިނގާ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު އިސްކަންދަރު ކޮށި 1 ގެ ފޮރެންސިކް މީޓިން ރޫމުގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން މޮބައިލް ފޯނުތައް ހަވާލުކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހެޑް ހުސައިން ނިޔާޒުއެވެ. އަދި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ.

މިރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހެޑް ހުސައިން ނިޔާޒު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށްޓަކައި އުރީދޫއިން އަބަދުވެސް އެހީތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފޮރެންސިކް ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި އެހީތެރިވެ ދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަން ފާހަގަކުރައްވައި މިފަދަ އިތުރު މޮބައިލް ފޯނުތައް ކުރިއަށް އޮތްތަނުގައިވެސް ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މޮބައިލް ފޮރެންސިކްގެ ޚިދުމަތަކީ ފުލުހުންގެ ތަހުޤީޤު ތަކުގައި  ވަރަށް ބޭނުންތެރި މުހިއްމު ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ. މިފޯނުތަކުގެ ސަބަބުން މޮބައިލް ފޯނާއިގުޅޭ ތަޙުލީލުތައް އިތުރަށް ހަރުދަނާވެ، ޚިދުމަތް އަވަސްވުމުގެ ސަބަބުން ތަހުޤީޤުތައް އަވަސްވެގެންދާނެކަށް ވިދާޅުވެ އުރީދޫއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ފޯނުތަކުގެ ސަބަބުން ފުލުހުން ތަހުޤީޤު ކުރާ މައްސަލަތަކަށް ބޭނުންވާނެ މަޢުލޫމާތު ހޯދާނެ އެންމެ އަވަސް އަދި ކުރު ގޮތްތަކާއި ތަފާތު މޮޑެލްތަކުގެ ފޯނުތަކުން ނެގޭނެ މަޢުލޫމާތުތަކަކީ ކޮބައިކަން ދެނެގަނެ މަޢުލޫމާތު ނެގޭނެ ގޮތްތަކުން ނުވެއްޖެނަމަ ދެން މަޢުލޫމާތު ނެގޭނެ އެހެން ގޮތަކީ ކޮބައިކަން ދެނެގަތުމަށް ރިސާޖުތައް ކުރެވިގެން ދާނެއެވެ. މީގެއިތުރުން ފޯނުތަކުގެ ޑާޓާ ނެގުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ އަވަށް ތަހުލީލުތައް ރާއްޖެއިން ކުރެވިގެންދާނެއެވެ.

މިރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ބައެއް އިސްވެރިންނާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.