ޑިސެންބަރު 26 ގައި ބައިނަލްއަގުވާމީ ދަތުރުތަކަށް ސްރީލަންކާ ހުޅުވާލަނީ

މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ ޝެޑިއުލް އަދި ޗާޓަރު ދަތުރުތަކަށް ސްރީލަންކާގެ އެއާޕޯޓުތައް ހުޅުވާލަން އެގައުމުން ނިންމަފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް ސްރީލަންކާ (ސީއޭއޭއެސްއެލް) އިން ދުނިޔޭގެ ގައުމުތަކުގެ ސިވިލް އެވިއޭޝަން އިދާރަތަށް ފޮނުވި އެންގުމެއްގައެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު ފާއިތުވި މާރިޗު މަހުގެ ތެރޭގައި ސްރީލަންކާގެ ބައިނަލްއަގުވާމީ އެއާޕޯޓުތައް ބޭރުގެ ދަތުރުތަކަށް ހުޅުވާލާފައި ނުވެއެވެ. މިހާރު ކޮލޮމްބޯއަށް ބޭރުން އަންނަ ފްލައިޓްތައް ޖެއްސި ނަމަވެސް އެއީ ޓްރާންސިޓް ފްލައިޓްތަކެވެ.

"ސްރީލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ކުރާ މަސައްކަތަށް، ވައިގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ އިދާރާގެ ހައިސިއްޔަތުން، މަގުފަހިކޮށްދިނުމަށް ސީއޭއޭއެސްއެލް އޮތީ ފުރިހަމައަށް ތައްޔާރަށް" ސީއޭއޭއެސްއެލް ގެ ޗެއާމަން އުޕުލް ދަރްމަދާސާ ނެރުއްވި ބަޔާނުގައި ވެއެވެ.

މާރިޗު މަހުގެ ތެރޭގައި ސްރީލަންކާ ލޮކްޑައުންއަކަށް ދިއުމަށް ފަހު މޭ މަހުގެ މެދުތެރޭގައި ދޫދޭން ފެށިއެވެ. އޮގަސްޓު މަސް ނިމޭހާތާގައި ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަންވެސް ނިންމިއެވެ. އެހެންނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކުއްލިއަކަށް ގިނަވާން ފެށުމާއެކު ހުޅުވުން ލަސްކުރީއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް އައެވެ. އެ މަސް ފެށުމާ ހަމައަށް ސްރީލަންކާގައި ކޮވިޑް- 19 ޖެހިގެން މަރުވީ އެންމެ 13 މީހުންނެވެ. އެހެންނަމަވެސް މިހާރު އެ އަދަދު ވަނީ 147 އަށް އަރާފައެވެ. އަދި މިހާތަނަށް އެ ގައުމުގު 32 ހާހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، 8000 މީހުން  ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާހޯދަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.