ސުނާމީ ކާރިސާގެ ތަޖުރިބާ - ވިލުފުށީ މީހުންގެ ދުލުން

ފޮޓޯ: ޢަބްދުﷲ ނިޒާރު، ފީރޯޒުގެ، ތ. ވިލުފުށި

ސުނާމީގައި އެންމެ ގިނަބަޔަކު މަރުވީ އަޅުގަނޑުގެ އުފަން ރަށް، ތ. އަތޮޅު ވިލުފުށިންނެވެ. ގެއްލުނު ކުޑަ ދެ ކުދިންނާއި ބޮޑު މީހަކާ އެކު ހާދިސާ ހިނގި ދުވަހު ވިލުފުށިން 18 މީހަކު މަރުވިއެވެ. ނަމަވެސް ކާރިސާއިން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުން މީހުންނާއެކު ޖުމުލަ 22 މީހަކު ވިލުފުށީން ވަނީ މަރުވެފައެވެ. 

ވިލުފުށިން މަރުވި މީހުންގެ ތެރޭގައި އެއްގެއަކުން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ދެމީހުންނަކީ ގެއްލިގެން އަދި އަދަށް ދާންދެންވެސް ނުފެންނަ މަންމަ އަކާއި އޭނާގެ ނުވަ އަހަރުގެ ދަރިފުޅެވެ. އަނެއް މީހަކީ އުމުރުން ދުވަސް ވީ މީހެކެވެ. އެ މީހާ ވަނީ މަރުވެފައި އޮއްވައި ފަހުން ފެނިފައެވެ. 

ވިލުފުށިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެން ހިމެނެނީ ތުއްތު ކުއްޖެކެވެ. ވިލުފުށިން މަރުވި މީހުންގެ ތެރެއިން ގިނަ އަދަކަށް ކުޑަކުދިންހިމެނެއެވެ. ގިނަ ކުދިން މަރުވެފައިވަނީ ރާޅުގެ ތެރޭގައި މައިމީހާގެ އަތުން ދޫވެގެން ގޮސް ގެއްލިގެންނެވެ. މިފަދަ އެއް ކުއްޖަކީ އެރަށު އަންހެނަކަށް އެތައް ދުވަހެއް ވާންދެން އަންހެންދަރިއަކު ނުލިބި ހުއްޓާ ލިބުނު ހަމައެކަނި އަންހެން ދަރިފުޅެވެ. ސުނާމީ އެެރި އިރު އެކުއްޖާގެ އުމުރުން އެންމެ ހަތަރު މަހެއެވެ. ކުއްޖާ އަތުން ދޫވެގެން ދިޔަ ވަގުތު، ކުއްޖާ ހޯދުމަށް ލޮނުގަނޑުގެ ތެރޭގައި އަތްފުނާ އަޅަމުން ދަނިކޮށް ގެއްގެ ފާރުން ވެއްޓުނު ބައެއް ބޮލުގައި  ޖެހި އެއަންހެން މީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ. އެތައް ދުވަހެއް ވާންދެން އަންހެން މީހާ ވަނީ އެކަމަށް ފަރުވާވެސް ހޯދައިފައެވެ. އެ އަންހެން މީހާގެ ދަރިފުޅު ފެނިފައި ވަނީ މަރުވެފައި ވަނިކޮށް އެރަށުގެ ހުޅަނގު ފަރާތުގައި ހުރި ގެއެއްގެ ތެރެއިންނެވެ. މިފަދަ ކިތަންމެ ހިތާމަވެރި ވާހަކަތަކެއް ސުނާމީއާއި ވިލުފުށްޓާ ގުޅޭގޮތުން އެބަހުއްޓެވެ. 

ޒުވާން ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅުވެސް ވަނީ ހަމަ އެގޮތަށް އެކުއްޖާގެ މަންމަގެ އަތުން ދޫވެގެން ގޮސް ގެއްލިފައެވެ. އެކުއްޖާ ފުޅުވެސް މަންމަގެ އަތުން ދޫވެގެން ދިޔައީ ރާޅުގެ ތެރޭގައި ސަލަމާތް ނުވެވި އުޅެނިކޮށް ފާރެއް ވެއްޓިއެވެ. އެކުއްޖާ ފެނިފައިވަނީ ޖެހިގެން އައި ދުވަހު ރަށުގެ ބަނދަރު ސަރަހައްދުންނެވެ. އެކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ބަނދަރު އަޑިން މައްޗަށް އެރީ ދޯންޏެއްގެ އިންޖީނު ހިންގާލި ވަގުތު ލޮނުގަނޑުން އެރި ބާންޏާއެކުގައެވެ. ކުއްޖާ އޮތީ ލައްވައިފައިވާ ހެދުމާއި ބޫޓާ ވެސް އެކު މަރުވި ގޮތަށް ހަރު އަރައިފައެވެ. ކުއްޖާގެ ހަށިގަނޑުން އެއްވެސް ކަހަލަ ޒަޚަމެއް ފެންނަން ނެތްކަމަށް އެމަންޒަރު ދުށް މީހަކު ކިޔައި ދިނެވެ.  

ކާރިސާއަށް ސޯޅަ އަހަރު - ބިރުވެރިކަން ހިތުން ފިލައިގެން ނުދޭ

ސުނާމީ ކާރިސާއަށް 16 އަހަރު ވީއެވެ. ނަމަވެސް އެ ކާރިސާ ތަޖުރިބާކުރި މީހުންގެ ހިތުން އަދިވެސް އެބިރުވެރިކަން ފިލައިގެންނެެއް ނުދެއެވެ. އެބިރުވެރި ކާރިސާ ތަޖުރިބާ ކުރި މީހުން އެކާރިސާގެ ވާހަކަ ކިޔަދޭއިރު ފެންކަޅިވެ ކަރުނަހިލެއެވެ.

މިހާރު އަޅުގަނޑުމެންނަށް ސުނާމީގެ ވާހަކަ ސިފަކޮށް ދެވޭނީ މިހެން ލިޔާ ލިޔުމަކުންނެވެ. އަދި އެދުވަހުގެ ތާރީޚީ ފޮޓޯތަކާއި ވީޑިއޯ ތަކުންނެވެ. އެ ފޮޓޯތަކުގެ ތެރެއިން ވިލުފުށިން އެންމެ ފާހަގަ ކޮށްލެވެނީ، ސުނާމީގައި ވިލުފުށްޓަށް އެރި ފުރަތަމަ ރާޅާއެކު ނަގައިފައިވާ ފޮޓޯތަކެވެ. މި ތާރީޚީ ފޮޓޯއިން ފެންނަނީ އަންހެނަކު އޭނާގެ ދަރިފުޅު އަތުގައި ހިފައިގެން އެރަށުގެ މަގަކުން ހުޅަނގުފަރާތަށް ދުވަމުން އަންނައިރު،  ފަހަތުން ލޮނުގަނޑު ރަށަށް އަރައިގެން އަންނަ މަންޒަރެވެ. މި މުހިންމު ތާރީޚީ ފޮޓޯ ނަގައިފައި ވަނީ އެރަށު ފީރޯޒުގޭ ޢަބްދުﷲ ނިޒާރެވެ. ޢަބްދުﷲ ނިޒާރު ވަނީ މި ފޮޓޯގެ އިތުރުން ވެސް އެހެން ގިނަ ފޮޓޯތަކެއްވެސް އެދުވަހު ނަގައިފައެވެ. އޭނާ ވަނީ އާފަތިހަށް އޭގެތެރެއިން ބައެއް ފޮޓޯތައް ހިއްސާ ވެސް ކޮށްފައެވެ. 

ފޮޓޯ: ޢަބްދުﷲ ނިޒާރު، ފީރޯޒުގެ، ތ. ވިލުފުށި

މި މުހިންމު ތާރީހި ފޮޓޯތައް ނެގުނު ގޮތާއި އެދުވަހުގެ ހާދިސާތައް ޢަބްދުﷲ  ވަނީ އާފަތިހާ ހިއްސާ ކޮށްފައެވެ.  ޢަބްދުﷲ ބުނީ އޭނާ ހުރީ އެހެން ދެ ރަހުމަތްތެރިންނާއެކު މަގުމަތީގައި ކަމަށެވެ. އެވަގުތު އުދަ އަރާކަހަލަ ގޮތެއް ވާހެން ހިވާތީ އެމަންޒަރު ފޮޓޯ ނަގަން ގެއަށް ވަދެ ކެމެރާ ހިފައިގެން ނުކުތީކަމަށެވެ. ކެމެރާ ހިފައިގެން ނުކުތް އިރު ރަށުގެ އިރުމަތި ފަރާތުން ލޮނުގަނޑު އަރައިގެން އަންނަނީއެވެ. އެވަގުތު ފޮޓޯކޮޅެއް ނެގިގޮތަށް ސަލާމަތް ވާނެ ގޮތެއް ހޯދީކަމަށް ޢަބްދުﷲ ކިޔައި ދިނެވެ. ޢަބަދުﷲ ބުނީ ސަލާމަތްތެރިކަން ހޯދީ ގޯތިތެރޭގައިި ހުރި ރުކެއްގެ އެހީތެރިކަމުގައި ކަމަށެވެ. ވާހަކަ ދައްކަން ފަށަމުން، ސުނާމީ ކާރިސާ ތަޖުރިބާކުރި  އެންމެންވެސް ބުނާ ފަދައިން އަބްދުﷲ ވެސް ބުނީ އެވާހަކަތައް ދައްކަން ކުޑަކޮށް އުދަނގޫވާކަމަށެވެ. 

"ގޯތި ތެރޭގައި ހުރި ރުކެއްގައި ލެނގިގެން ހުރީ. ރުކުގައި ބައްދައިގެން ހުރިއްޔާ މާ ނުރައްކާ ވެދާނެހެން ހީވާތީ ލެނގިގެން ހުރީ. އެއް އަތުގައި ކެމެރާގެ ވާގަނޑު އޮޅައިލައިގެން އަތުކޮޅަށް ނަގައިގެން ހުރީ. އެހެން ހުއްޓައި ބޯމަތިން ލޮނުގަނޑު ދެފަހަރަށް ދިޔަ. އެކަމަކު ކެމެރާގައި ލޮނު ގަނޑެއް ނުޖެހޭ." އަބްދުﷲ ކިޔައި ދިނެވެ. 

ސުނާމީ ތަޖުރިބާ ކުރި ވިލުފުށީ މީހުން ކިޔައިދޭ ގޮތުގައި ސުނާމީ އެރިއިރު އެންމެ ފުރަތަމަ އެރަށަށް އެރީ ވަރަށް ތިރި ރާޅެކެވެ. އެންމެ ބިޔަރާޅު އެރީ އޭގެފަހުންނެވެ. އެރާޅު ރަށުގެ ރުއްތަކަށްވުރެ މައްޗަށް ހުރިކަމަށް އެމަންޒަރު ދުއްބައެއް މީހުން ކިޔައި ދިނެވެ. ސުނާމީ ތަޖުރިބާކުރި ބައެއް މީހުން ބުނާ ގޮތުން އެރާޅުގެ އުސްމިނުގައި ހަތްމީޓަރު ހުންނާނެއެވެ. ވިލިފުށީމީހުން ބުނާގޮތުން އެރަށަށް ހަތަރު ފަރާތުން ސުނާމީގެ ރާޅުއެރިއެވެ.

ސުނާމީގެ އެންމެ ބިޔަރާޅު އެރީ ވިލުފުށީ އިރުމަތީ ފަރާތުންނެވެ. އެރާޅު އެރިގޮތަށް ފައިބައިގެން ދިޔައީ އަނެއްފަރާތަށެވެ. ދެވަނަ ރާޅު އެރީ އުތުރު ފަރާތުންނެވެ. އެރާޅު މާދުރަކަށް ނުފެތުރެއެވެ. ތިންވަނަ ރާޅު އެރީ ހުޅަނގުފާރަތުންނެވެ. އެރާޅާއެކު ބަނދަރުގައި ހުރި ބައެއް އޮޑިދޯނި ފަހަރުވެސް އެއްގަމަށް އެރިއެވެ.

ވިލުފުށީ ދޫރެސް ސަމީނާ އިބްރާހީމް ( އަޅުގަނޑުގެ ބޮޑު ދައިތަ) ކިޔައިދިން ގޮތުގައި ސުނާމީ އަރައިގެން ލޮނުގަނޑު ހިނދިގެން ދިޔައިރު ރަށުގެ ބޯޅަދަނޑުގައި ބޮޑެތިމަސްތައް ތެޅިތެޅިތިއްބެވެ. މަސްކައްކަން ގެންގުޅޭ ބޮޑެތި ތާސް ފަދަ ތަކެތި ފުނޑުފުނޑު ވެފައި ހުއްޓެވެ. ގޭގޭގައި ވާރޭފެން އަޅަން ބޭނުންކުރި ބޮޑެތި ކަޅުހަންވެސް ރާޅާއެކު ބޯޅަދަނޑަށް އައިސް ހުއްޓެވެ. ފަޅުގައި އަޅައިފައި ހުރި ދޯނިފަހަރުވެސް ރަށަށް އަރައިފައި ހުއްޓެވެ.  

ބޮޑު ދައިތަ ބުނީ އެކާރިސާ ފުރަތަމަ ސިފަކުރެވުނީ ޤިޔާމަތްވާ ކަހަލަ ގޮތަކަށް ކަމަށެވެ. މިކާރިސާ ތަޖުރިބާ ކުރި ބައެއް މީހުން ކާރިސާ ސިފަކުރަނީ އެގޮތަށެވެ. ބޮޑުދައިތަ ބުނީ އެދުވަހުގެ ފަތިހުން ފެށިގެން އާދަޔާ ޚިލާފު އަޑެއް އޭނާއަށް އިވެމުން ދިޔަކަމަށެވެ. ކަންފަތުގައި އެއަޑު ހަރުލައި ހުރިކަމުގައިވިއަސް އެހެން ދުވަސްތައް ފަދައިން މަސައްކަތުގައި އުޅެވޭތޯ މަސައްކަތް ކުރި ކަމަށެވެ.  އެގޮތުން ހެނދުނުގެ ސައިކަންތައް ނިންމާލުމަށްފަހު، ފަހަން ތައްޔާރުވިއެވެ. އެވަގުތު ބޮޑު ދައިތަގެ ފިރިމީހާ (އަޅުގަނޑުގެ މަންމަ ފަރާތު ބޮޑު ބޭބޭ) ނުކުތީ ގޭގެ މަސައްކަތެއް ކުރުމަށް ބަޔަކު އަންނާތީ އެމީހުންގެ ޚަބަރު ބަލާލުމަށެވެ.

 ބޮޑު ދައިތައަށް ކުއްލިއަކަށް އިވުނީ "ﷲއަކުބަރު" ކަލިމައިގެ އަޑެވެ. އެވަގުތު ގާތުގައި ހުރި ހަމައެކަނި ދަރިފުޅު ގާތު ބައްޕައަށް ވީގޮތެއް ބަލަން ދޭބަލާށޭ ބުނުމުން އެކުއްޖާވެސް ދުވެފައި ނުކުތް ގޮތަށް ރޯންފެށިއަޑު އިވުނެވެ. ސަމީނާވެސް ވެގެން އުޅޭގޮތް ބަލަން، ނުކުތްއިރު މޫދުގެ ލޮނުގަނޑު އައިސް ގެޔާ ހަމަވަނީއެވެ. ފަތިހުއްސުރެ އިވެމުން ދިޔަ އަޑު ކުއްލިއަކަށް ވަރަށް ބާރަށް އިވެން ފެށިކަމަށް ބޮޑުދައިތަ ކިޔައިދިނެވެ. ވަށައިގެން ބަލާލިއިރު ކުރިމަތީގައި އޮތް ކަނޑު ކެކިއަރަމުން ރަށާދިމާއަށް އަންނަތަން ފެނުނުކަމަށް ބުންޏެވެ. 

"އެވަގުތު  ބުނެވުނީ މި ޤިޔާމަތް ވަނީއޭ." ވާހަކަ އެހިސާބަށް ދިޔަ ތަނުން، ބޮޑު ދައިތައަށް ރޮވި ވާހަކަ ދައްކަން ދަތިވިއެވެ. ސުނާމީގެ ބިރުވެރި ހާދިސާ ތަޖުރިބާ ކޮށްފައިވާ މީހުން، އެވާހަކަ ދައްކަމުން ދާއިރު މިފަދަ ދަތިތަކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. 

ސުނާމީ ކާރިސާ ތަޖުރިބާކުރި މީހުންނަށް ވަނީ ނަފުސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެހާދިސާގެ ފަހުން ވަރަށް ގިނަ ދުވަސް ވަންދެން މިކްސަރު ފަދަ ތަކެތީގެ އަޑު އިވުމުންވެސް ބޮޑު ދައިތައަށް ބިރުވެރިކަން އިޙްސާސްކުރެވެއެވެ.

ސުނާމީ ކާރިސާ ހިނގިއިރު ވިލުފުށީ އަންހެނުން ކޮމެޓީގެ ރައީސާ އަދި އެރަށުގެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރިޔަމް މުރުޝިދާ ކިޔައިދިން ގޮތުގައި އޭނާ ކޯޓުގެ ތެރޭގައި ހުއްޓައި ކުއްލިއަކަށް އިވެންފެށީ މޫދަށް ޖައްސާ މަތިންދާބޯޓު ނައްޓާލާއިރު އިވޭކަހަލަ އަޑެކެވެ. އެއަޑަށް ބޭރަށް ނުކުތްއިރު  އިރުމަތީ ފަރާތުން ލޮނުގަނޑު ރަށުގެ ހުޅަނގު ފަރާތަށް އަންނާތީ ފެނުނެވެ. އަވަށް ކޯޓަށް ވަދެ ފެކްސް ފޯނުން ކޮންމެވެސް ފަރާތަކަށް އެ ޚަބަރު ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް މުއާސަލާތީ ޚިދުމަތް ކެނޑިފައި ހުރުމުން އެކަން ކާމިޔާބެއް ނުވިއެވެ. އިރުކޮޅެއްވެސް ނުވެ ކޯޓުގެ ތެރެއަށް ލޯނުގަނޑު އައިސް ވައްދާލިކަމަށް އޭނާ ކިޔައި ދިނެވެ. 

މުރްޝިދާ ކިޔައިދިން ގޮތުގައި ލޮނުގަނޑުތެރޭގައި އޮޔާ ދިޔަ ދެމީހަކު ސަލަމާތް ކޮށް ކޯޓުގެ ތެރެއަށް ވެއްދިއެވެ. ވިލުފުށީ ކޯޓު ހުންނަނީ ރަށުގެ ހުޅަނގު ފަރާތުގައެވެ. އެހެންކަމުން އިރުމަތީ ފަރާތުން އެރި ރާޅު ހުޅަނގުފަރާތުން ފައިބައިގެން ދިޔައިރު އުސްމިން ހުރީ ތިރިވެފައެވެ. މުރުޝިދާ ކިޔައިދިން ގޮތުގައި ލޮނުގަނޑު ކުޑަކޮށް ތިރިވުމުން އޭނާ ނުކުތީ ދަރިންގެ ހާލުބަލަން ގެއަށް ދިޔުމަށެވެ. 

"ރާޅު އަރައިގެން ދިޔައިރު މަގުތަކުގައި ހުރީ ބޮޑެތި ވަޅުގަނޑު ހެދިފައި. ކިރިޔާ ވަޅުގަނޑަކަށް ނުވެއްޓުނީވެސް. މަގުމަތީހުރި ކުއްޖެއްގެ އެހީތެރިކަމާއެކު ވަޅުގަނޑު ހުރަސް ކުރީ. މަގުމަތިން ފެނޭ ފާރުގެ ބައިތައް ފުޅިމަދުގަނޑު ކަހަލަ ގޮތަކަށް އޮޔާ ގެންދާތީ ވެސް. ބޮޑެތި މަސްތައް މަގުމަތީގައި ތެޅިތެޅި ތިބި ތަންވެސް ފެނުނު. މިސްކިތް ކައިރިން ދަނިކޮށް ވެލިގަނޑު ދަމައިގަތުމުން މިސްކިތު ފާރުމަތިން ކުއްލިއަކަށް އަރައިގެން އަނެއް ފަރާތަށް ފުންމާލީ."  މުރުޝިދާ ކިޔައި ދިނެވެ. 

އޭނާ ބުނީ ގެއަށް ދިޔައިރު ކުދިން ތިބީ މަގުމަޗަށް ނުކުމެ ކަމަށެވެ. އަވަށްޓެރިންވެސް ތިބީ މަގަށް ނުކުމެކަމަށެވެ. ވެލި ގަނޑު ދަމައިގަނެ ގޭގެ ބިންގާވެސް އޮތީ ފެންނަން ކަމަށް އޭނާ ކިޔައިދިނެވެ. އޭނާގެ މާމަ ދަރިފުޅު ލައްވައިފައި ހުރި ނެޕީ ކިސަޑު ލޮނުން ފޯވެފައި އޮތުމުން ނެޕީއެއް ނެގުމަށް ކޮޓަރިއަށް ވެސް ވަންނަން ޖެހުނީ ކުޑަދޮރަކުން ކަމަށް މުރުޝިދާ ކިޔައިދިނެވެ. ކުޑަދޮރުންވަދެ ނެޕީ ބޮނޑި ނެގިރު ބައެއް ނެޕީ ލޮނު ނުޖެހި ސަލާމަތް ވެފައި ހުރިކަން ފާހަގަ ކުރިއެވެ. ނަމަވެސް އޭނާއަށް އެވަގުތު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކޮޓަރީގެ ފަރުނީޗަރާ އެއްޗެހި ވެއްޓި ހަލާކުވެފައި ހުރި އިރުވެސް ކީރިތި ޤުރްއާން މުސްހަފުތަކެއްގައި ފެންވެސް ނުޖެހި ހަލާކު ނުވެ ހުރުމުންނެވެ. ނެޕީބޮނޑިވެސް އޮތީ މުސްހަފަތައް ހުރި ތަނާ މާދުރުނޫން ހިސާބެއްގައެވެ. 

ފޮޓޯ: ޢަބްދުﷲ ނިޒާރު، ފީރޯޒުގެ، ތ. ވިލުފުށި

ސުނާމީ ކާރިސާއަށް ފަހު ރަށުގެ ސަލާމަތުން ތިބި އެންމެން ކަހަލަ ގޮތަކަށް އެދުވަހު ތިބީ  ބަނދަރު ސަރަހައްދުގައެވެ. ކޮންމެ މީހަކުވެސް ހުރީ އެމީހަކު އެދުވަހު ލައިގެން ހުރި ހެދުމާއެކުއެވެ. ބުރުގާ އަޅައިގެން އުޅުނު ބައެއް މީހުންގެ ބުރުގާވެސް ނެތްއިރު ގިނަ މީހުންގެ ފައިވާންވެސް ނެތެވެ. އެހެންކަމުން މުރުޝިދާމެންގޭގެ ފިހާރައިގައި ހުރި ފެންފައިވާންތައް ގެންގޮސް މީހުންނަށް ބެހީކަމަށް އޭނާ ކިޔައި ދިނެވެ. އެކި ވަރުގެ ޒަޚަމްތައް އެކި މީހުންނަށް ހުރީ ލިބިފައެވެ. ޚަބަރު ލިބި ރަށްރަށުން އައި ދޯނި ފަހަރުގައި ވިލުފުށީ މީހުން އެކި ރަށްރަށަށް ގެންދިޔައެވެ.  މުރުޝިދާއާއި އޭނާގެ ކުދިންނާ ދިޔައީ ވޭމަންޑުއަށެވެ. އޭނާގެ ފިރިމީހާއަކީ ރަށުގެ ވެރިއެއްކަމުން އޭނާ ހުރީ ރަށުގައެވެ. އެނޫންބައެއް މީހުންވެސް ރަށުގައި ތިއްބެވެ. 

 ވިލުފުށި އަލުން އާބާދު ކުރުމާ ހަމައަށް އެރަށު މީހުން ދިިރިއުޅެމުން ދިޔައީ އެއަތޮޅު ބުރުންޏާއި މަޑިފުށްޓާއި ގުރައިދުއާއި ދިޔަމިގިއްޔާއި ވޭމަންޑޫގައެވެ. ގިނަ މީހުން އުޅުނީ ބުރުނީގައެވެ. ބުރުނީގައި ފަހުން ވިލުފުށީ މީހުން އުޅެމުން ދިޔައީ އެމީހުންނަށް ތައްޔާރުކުރި ވަގުތީ ހިޔާތަކުގައެވެ. އޭގެ ކުރިން ބުރުނީގައިވެސް އެހެން ރަށްރަށުގައިވެސް މީހުން ދިރިއުޅެމުން ދިޔައީ އެ ރަށްރަށުގެ މީހުންގެ ގޯތި ގެދޮރުގައި އެ އާއިލާތަކާ އެކުގައެވެ. ބައެއް މީހުން މާލެއަށްވެސް ބަދަލުވިއެވެ.

ސުނާމީ އެރިތާ ދެތިން ދުވަހުގެ ތެރޭގައި އަޅުގަނޑަށްވެސް ރަށަށް  ދިއުމަށް ފުރުސަތު ލިބުނެވެ. އަޅުގަނޑަށް ފެނުނީ ރަށެއް ނޫނެވެ. ހަލާކުވެފައިވާ ގެތަކުގެ ގާފުނީތަކާއި އެއްބައި ވެއްޓިފައި ހުރި ގެތަކެވެ. ސަލާމަތުން ހުރީ ވަރަށް މަދު ތަނެކެވެ. ރަށުގެ ސްކޫލާއި މިސްކިތްތަކެވެ. ބޭނުން ކުރެވޭ ފަދަ ހާލަތުގައި ހުރީ ދޫރެސް ކިޔާ ގެއެެއް އެކަންޏެވެ. އެއީ އަޅުގަނޑުގެ ބޮޑު ބޭބެމެންގެ ގެއެވެ.  އެގެ ބޭނުން ކުރީ ސަރުކާރުގެ ފަރާތުން ވިލުފުށްޓަށް ގޮސް އުޅުނު މީހުން ތިބުމަށާއި އެނޫންވެސް ރަސްމީ ކަންކަމުގައެވެ.  

ވިލުފުށީގައި އަލުން މީހުން އާބާދުކޮށްފައި ވަނީ އެރަށުގެ ފަޅު ހިއްކައި ކުރީގެ ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައެވެ. ސުނާމީ ކާރިސާއަށް ފަހު ވިލުފުށި އަލުން ބިނާކޮށް މީހުން ދިރިއުޅެން ފެށީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 15 ގައެވެ. 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.