ދަތުރު ދިޔަ ކުޑަކުދިންތަކެއް ސުނާމީގައި ކުރި ބިރުވެރި ތަޖުރިބާ

ސުނާމީއަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާ ބިރުވެރި ހާދިސާ އެވެ. އެކި މީހުންނަށް އެކި ވަރަށް، އެކި ގޮތަށެވެ. 

ހއ. ފިއްލަދުއާ ގުޅިފައި  އޮންނަ ފަޅުރަށެއްކަމުގައިވާ ދައްޕަރަކީ އާއްމުކޮށް ބަންދު ދުވަސްވަރު ފިއްލަދޫގެ ކުދި ބޮޑު އެންމެން ދަތުރު ދިއުމާއި ކާށްޓާއި ފަން ފަދަ ތަކެތި ހޮވުމަށްވެސް ގޮސްއުޅޭ ހިތްގައިމު ރަށެކެވެ. މީގެ ސޯޅަ އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުވެސް  ފިއްލަދޫގެ ދެތިން ގްރޫޕެއް އާދައިގެ މަތިން ދައްޕަަރަށް ދިޔައެވެ. އޭގެތެރެއިން އެއް ގުރޫޕަކީ ކުޑަކުދިން ތަކެކެވެ. އެ ގުރޫޕުގައި ހިމެނެނީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނެވެ. އެންމެ ބޮޑަށް ތިބީ އުމުރުން 15 އަހަރުގެ ދެކުދިންނެވެ. ދެން ތިބީ އުމުރުން 14 އަހަރުގެ ކުއްޖަކާއި ނުވަ އަހަރުން ދަށުގެ ފަސް ކުދިންނެވެ. ހުސް ފިރިހެން ކުދިންނެވެ. ފިއްލަދޫގެ އެއް ހިސާބެއްގައި ދިިރިއުޅޭ ކުދިންތަކެއް ރޭވި ދަތުރުގައި އެކުދިން ގެންގޮސް ފިއްލަދުއަށް ލައިދިނީ އެކުދިން ދިރިއުޅޭ ސަރަހައްދުގައި އުޅޭ އުމުރުން ތިރީހަކަށް އަަހަރުގެ ޒުވާނެކެވެ. 

އެ ދުވަހަށް އިރުއެރީ ވަރަށް އުޑުމަތި ސާފު ރީތި ދުވަހެއްގެ ގޮތުގައެވެ. ދަތުރު ދިއުމަށް އެންމެ ކަމުދާ ކަހަލަ ދުވަހެއްގެ ގޮތުގައެވެ. އެކުދިން ދައްޕަރަށް ދިޔައީ ކުޑަ ވަދު ދޯންޏެއްގައެވެ. ކުދިން ދަތުރު ފެށީ އެ ދުވަހުގެ 8:30 ހާއިރުއެވެ. ދަތުރުގެ ވަކި ހިސާބަކުން ފިއްލަދޫގެ  ދޮންވެލި ފަށް ފެންނަން ނެތުމުން ބައެއް ކުދިން ބުނިކަމަށް ވެއެވެ. "ފިއްލަދޫ  އެއޮތް އަޑިއަށް ދަނީ." އެވެ. އެކުދިން އެހެން ބުނީ ވަކި ކަމެއް އެނގިގެން ނުވަތަ ހިއެއް ވެގެންނެއްވެސް ނޫނެވެ. ނަމަވެސް ދައްޕަރާ ކައިރިއަށް ދާވަރަކަށް ދައްޕަރުގެ ރީތި ދޮންވެލި ގޮނޑުދޮށްވެސް ނުފެންނަތީ ކޮންމެވެސް ގޯހެއް އުޅެނީ ކަމަށް އެކުދިންގެ ތެރޭގައި ބޮޑުކޮށް ތިބި ކުދިންނަށް ވިސްނުނެވެ. އެކުދިން ގޮވައިގެން  ދައްޕަރަށް ދިޔަ ޒުވާނާގެ ވާހަކައިން،  އެކުދިންގެ  ތެރެއިން ބޮޑެތިކޮށް ތިބި ކުދިންނަށް އެކަން މާރަނގަޅަށްވެސް ވިސްނުނެވެ. އެ ޒުވާނާ ވަނީ އެދުވަހު ހެނދުނު އެހެން ގުރޫޕެއްވެސް ފިއްލަދޫން ދައްޕަރަށް ގެންގޮސްދީފައެވެ.  އޭރު އޮތީ އެހެން ނޫން ކަމަށް ވެސް އެކުދިން ގާތު އެ ޒުވާނާ ބުނިކަމަށް ވެއެވެ. ދައްޕަރުގެ ރީތި ސާފު މޫދު އޮތީ ކިރުފެން ކުލައިގައި ކަމަށް ވެއެވެ. 

ކުޑައިރުކޮޅެއްގެ ތެރޭގައި އަސްލު ދޯނި ދުވާވަރަށް ވުރެ ބާރަށް ދައްޕަރު އެއްގަމަށް މޫދުގެ ލޮނުގަޑާ އެއްކޮށް ގެންގޮސް ބީއްސާލިއެވެ. އެހިސާބުން ކޮންމެވެސް ގޯހެއް އުޅޭކަން  އެކުދިންނަށް ވެސް ޔަގީން ކުރެވުނެވެ. 

އެކުދިން ދިޔަ ކުޑަ ދޯނި ދައްޕަރުގެ  އެއްގަމަށް ގާތްގަނޑަކަށް ތިރީހަކަށް ފޫޓަށް ބީއްސާލިއެވެ. ރަށުތެރެއަށް ލޮނުގަނޑު އަރަމުން ދާތީ ކުރިން އެރަށަށް ގޮސް ތިބި ގުރޫޕުގެ މީހުން ވެސް، ވަނީ ކީއްތޯ ބަލަން އެދިމާއަށް ނުކުތެވެ. އެހެންކަމުން އެކުދިން އެތަނުގައި ތިބޭކަށް ބޭނުމެއް ނުވިއެވެ. އެކުދިން ގޮވައިގެން ދައްޕަރަށް ދިޔަ ޒުވާނާގެ ވެސް ޚިޔާލާ އެއްގޮތަށް ދޯނި އަލުން ފުންކޮށްގެން ދިޔައީ ދައްޕައްރުގެ މުއްޔަށެވެ. އެއީ ދައްޕަރުގެ އެންމެ އުސް ހިސާބެވެ. ދިޔަވަރު އެންމެ ބޮޑުވާއިރުވެސް އެހިސާބުގައި ފެނުން މައްޗަށް ދެފޫޓުވަރު ހުންނަ ކަމަށް ވެއެވެ. އެހެން ކަމުން އެހިސާބަށް ރާޅުގެ އަސަރު ވެސް ނުކުރާނެކަމަށާއި ކައްކަން ވެސް ފަސޭހަ ވާނެކަމަށް، އެކުދިން ގޮވައިގެން ދިޔަ ޒުވާނާގެ ޚިޔާލާވެސް އެކު ވިސްނުމުންނެވެ. 

އެހިސާބަށް ގޮސް އެކުދިން ބޭލުމަށް ފަހު އެޒުވާނާ އެނބުރި ދިޔައީ އޭރު ރަށުން އަންނަން  އޮތް އަންހެންކުދިންތަކެއްގެ ގުރޫޕެއް ބަލައެވެ. އެއީ ވެސް ކުޑަކުދިންތަކެއް ކަމަށްވެއެވެ. ނަމަވެސް އޭނާއަށް ރަށަށް ދެވޭ ގޮތެއް ނުވިއެވެ. 

ސުނާމީ އެރި ދުވަހު ދައްޕަރަށް ދަތުރު ދިޔަ ކުޑަކުދިންތައް އެރަށުގެ މުއްޔަށް ގޮސް ފޭބިއިރު ފެނުނީ ރާޅާއެކު އެރަށަށް އަރައިފައި އޮތް  މަސް ތަކެވެ. މި ކުދިންނަށް މަސްތައް ފެނުމުން މަސްތައް ހޮވަން ފެށިއެވެ. 

ފުދޭވަރަކަށް މަސްލިބުމުންވެސް ހިތެއް ނުފުރުނެވެ. އަދި  ރާޅަކާއެކު މަސްތައް އަންނާނެ ނަމައޭ ކިޔަން ފެށިއެވެ.  އެހެން ކިޔަކިޔަ ތިއްބައި ކުއްލި އެތަނުގައި އޮތް ފުންވިލެއްގެ ގާތައް ފެންނަވަރަށް މޫދުގެ ލޮނުގަނޑު ހިއްކާލިއެވެ. އެހިސާބުން ބޮޑަށް ތިބި ކުދިންވެސް ބިރުގަންނަ ގޮތް ވިއެވެ. އޭގެ ފަހުން އައީ ވަރަށްބޮޑު ރާޅެކެވެ. އެރާޅު ދީޔައީ  އެކުދިންގެ ބޯމަތިންނެވެ. 

އެ ދަތުރު ދިޔަ ކުދިންގެ ތެރެއިން އެންމެ ބޮޑު ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ކަމުގައިވާ މުޙައްމަދު ޒައީމް އާފަތިހަށް ކިޔައިދިން ގޮތުގައި ބޮޑު ރާޅު އެރި ގަޑީގައި ބޮޑުކޮށް ތިބި ތިން ކުދިން ބެލީ ކުޑަކޮށް ތިބި ކުދިން ސަލާމަތްކޮށް އަމިއްލައަށް ވެސް ސަލާމަތް ވެވޭތޯއެވެ. އެކުދިން ސަަލާމަތް ހޯދީ ގަސްތަކުގައި ހިފަހައްޓައިގެންނެވެ. 

 "ކުޑަކޮށް ތިބި ކުދިންގެ ހަމަނުވާނެ ތިންފޫޓު ބައިވެސް. ކުޑަކުދިންތައް ސަލާމަތް ކުރެވޭތޯ އަހަރެމެން ބޮޑު ތިން މީހުން ބެލީ. އެންމެން ތިބީ ގަސްތަކުގައި ހިފާއްޓައިގެން. އެ ރާޅު ދިޔައީ ބޯމަތިން. އެހިސާބުން ވަރަށް ބިރު ގަނެއްޖެ. އަވަހަށް އެހެން މީހުން ތިބި ސަރަހައްދަށް ދާން ބޭނުންވީ. މަސްތަކާ އެއްޗެތި  އުކާލާފައި ކައްކަން ގެނައި ނޫޑްލުސްކޮޅާ ތެއްޔާ ކޯކު ފުޅި ހިފައިގެން ކުދި މީހުން ގޮވައިގެން ނައްޓާލީ." ޒައީމް ކިޔައި ދިނެވެ. 

ދައްޕަރު މުލީ ކޮޅުން އެރަށަށް ދަތުރު އަންނަ މީހުން އާއްމުކޮށް ތިބޭ ސަރަހައްދަށް ދެވެން އޮންނަނީ އެރަށުގައި އޮންނަ ކުޅިއާ މޫދާ ދެތޭރެއިން ކަމަށް ވެއެވެ. އެކުދިންނަކީވެސް އާންމުކޮށް ދައްޕަރަށް ދާ ކުދިން ކަމުން އެރަށުތެރޭގައި ހިނގާ ބިނގާވެ އުޅެވޭނެ ގޮތް އެނގެއެވެ. އެހެންކަމުން އެސަރަހައްދުން އެހެން މީހުން ތިބި ދިމާއަށް ދާން ހިނގައިގަތެވެ. ނަމަވެސް އެހިސާބަށް ދިޔައިރު  ރާޅާއެކު ކުޅި ފުރިގެން އެދެމެދުގައި އޮތް ވެލިގަނޑު ކަނޑައިގެން ގޮސް ވޯޓަރފޯލެއް ގޮތަށް ކުޅީގެ ފެންގަނޑު މޫދަށް ދަމަނީއެވެ. އެދިމާއިން ކުޅީގައި އޮތީ ވަރަށް ބޮޑު އޮއިގަަނޑެކެވެ. އެހިސާބުން ހަދާނެ ގޮތަކާމެދު އެކުދިން ވިސްނިއެވެ. އެ ސަރަހައްދު ހުރަސް ކޮށްގެން ނޫނީ އަނެއް ފަރާތަށް ދެވޭކަށް ނެތެވެ. ގޮސްގެން ނޫނީ އެހެން މީހަކަށް ޚަބަރެއް ދެވޭނެ ގޮތެއްވެސް ނެތެވެ. މޯބައިލް ފޯނެއް އޭރަކު ނުގެންގުޅެއެވެ. ވިސްނަން ތިބުމަށްފަހު އެތަނުގައި ހުރި ސާދަ އަހަރުގެ ކުއްޖާ އިސްނެގިއެވެ.  އޭނާއަށް އެތަން ހުރަސް ކުރަން ކެރޭނެކަމަށް ބުންޏެވެ. އެކުދިންގެ ތެރެއިން މޫދަށްވެސް އެންމެ ފަރިތަވެފައި ގަދަވާނީ އުމުރުން 14 އަހަރުގެ ޢިމްރާން ކަމަށް ޒަޢީމްވެސް ބުންޏެވެ.

ޒައީމްކިޔައިދިން ގޮތުގައި އޭރު އެމީހުންގެ ވިސްނުން ހުރީ ރަނޑޫ ގަހައްް އަރައިފައި އެލިގަތުމުން އަނެއް ފަރާތަށް ދެވޭނެ ކަމަށެވެ. ނަމަވެސް އޭރުއެމީހުން މަޑުކޮށްގެން ތިބި ތަނުންވެސް އަޑިން ވެލިގަނޑު ދަމާތީ އެދޭތެރެ އިތުރަށް އައީ ފުޅާ ވަމުންނެވެ. ޢުމުރުން 14 އަހަރުގެ ޢިމްރާން އޮއިދެމެމުން ދިޔަތަން ހުރަސްކޮށް އަނެއް ފަރާތަށް ދިއުމުގެ މަސައްކަތް ފެށިއެވެ. ރަނޑޫ ގަހަކަށް އަރައި އެލި ނުގަނެވިގެން އުޅެނިކޮށް ފައި ކައްސައިލައިގެން ކުޅީގައި އުފެދިފައި އޮތް އޮއިގަނޑުގެ ތެރެއަށް ވެއްޓުނެވެ. އެ އޮއިގަނޑުގެ ތެރެއަށް ވެއްޓުނު ގޮތަށް އޭނާ އެއް ނުފެނުނެވެ. ހުރިހާ ކުދިން ހީކުރީ ޢިމްރާންގެ ދުވަސް ދިޔައީ ކަ މަށެވެ. އެތަނުގެ ތެރޭގައި ނުފެނި މިނިޓެއްހާއިރު ވުމަށްފަހު ކުއްލިއަކަށް ފެނުނީ ފުއްމައިގެން ޢިމްރާން އެރިތަން ކަމަށް ޒައީމް ކިޔައި ދިނެވެ. 

"ވެއްޓެން ދިޔަގަޑީގައި ޒަޢީމްގެ އަތުގައި ވެސް ފައިގައިވެސް ހިފޭތޯ ބެލިން. އެކަމަކުވެސް ނުވި އެކަމެއް. ގޮސް ޖެހުމުން ލޮނުގަނޑުތެރޭގައި ވަރަށް ފެތިން ގައިގައި އައިސް އެއްޗެހި ޖެހޭކަންވެސް އެނގޭ. މައްޗަށް އެރޭތޯވެސް މަސައްކަތް ކުރިން. އެހެން އުޅެނިކޮށް ނޭވާ ހާސްވާން ފެށުމުން ވަރަށް ބިރުގަތް. އެހެން އުޅެނި ކުއްލިއަކަށް އެތަނުން އެރިއްޖެ.  އެއްގޮތަކަށް ވެސް ނޭނގޭ ސަލާމަތް ވެވުނީ ކިހިނެއް ކަމެއް ކިޔައިދޭކަށް." އެ ބިރުވެރި ވަގުތު ކޮޅުން ސަލާމަތް ވި ގޮތް ކިޔައިދެމުން ޢިމްރާން ބުންޏެވެ. 

ޒަޢީމް ބުނީ ޢިމްރާން ކުޅީ ތެރެއަށް ވެއްޓުނު ވަގުތު އެއްވެސް ކުއްޖަކު އަނގައިންވެސް ނުބުނާ ކަމަށެވެ. "ހުރިހާ ކުދިން ޕެނިކަށް ދިޔައީ. އަނގައިންވެސް ނުބުނޭ އެކަކުވެސް. އެންމެން ހީކުރީ ޢިމްރާންގެ ދުވަސް ދިޔައީއޭ. އެހެން ހުއްޓާ މިނެޓެއް ނުވާނެ ކުއްލިއަކަށް ޢިމްރާން އެރިތަން ފެނުނީ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައި. އެހިސާބުން އިންޖީނެއްގެ އަޑުވެސް އިވެން ފަށައިފި." ޒައީމް ކިޔައި ދިނެވެ. 

ޒަޢީމް ކިޔައި ދިން ގޮތުގައި އިވުނު އިންޖީނުގެ އަޑަކީ އެމީހުން ގޮވައިގެން އައި ކުޑަ ދޯނި އެމީހުން ބަލައި އެސަރަހައްްދަށް އައި އަޑެވެ. ދެން އެ ދޯނީ ގައި ދަތުރު އައި ދެ ގުރޫޕު އެކުގައި ރަށަށް ދިޔައީ އެވެ. 

ރަށަށް ދިޔައިރު ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިބީ އަތިރިމަތީގައެވެ. ރަަށަށް ރާޅު އަރައިގެން ކެލަޔަށް ދިއުމަށެވެ. އެއް ބަޔަކު އެރަށުގައި ދުއްވާ ބޯޓަކަށް އަރައި ތިއްބެވެ. އަނެއް ބަޔަކު މަސްދޯންޏަކަށް އަރައި ތިއްބެވެ. އެ ކުދިންވެސް ދިޔައީ އެކުދިންގެ މައިން ބަފައިންނާއެކު ކެލަޔަށެވެ. 

ސުނާމީގައި ހއ. އަތޮޅުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށަކީ ފިއްލަދުއެވެ. އެރަށުން ސުނާމީގެ އެންމެ ބިރުވެރި ތަޖުރިބާ ތަކެއް ކުރަން ޖެހުނު އެއް ބަޔަކީ ދައްޕަރަށް ދިޔަ ކުޑަކުދިން ތަކެކެވެ. ހާދިސާއަށް 16 އަހަރު ވީއިރު މިހާރު އެއީ ނޫކަށި ފުރައިގެ ޒުވާނުންނެވެ. ބައެއް ކުދިން ރަށުގެ ޒިންމާދާރު މަސައްކަތް ތަކާއި ސިޔާސީ މަސައްކަތް ތަކުގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ. އަނެއްބައި ކުދިން މަސައްކަތްކުރަނީ ޒިންމާދާރު ވަޒީފާތަކުގައި މާލޭގައެވެ. ކުޅިއަށް ވެށްޓުނު 14 އަހަރުގެ ކުއްޖާއަކީ  ފުލުހެކެވެ.  ސުނާމީ ކާރިސާގެ ބިރުވެރި ތަޖުރިބާ އަކީ  މި ޒުވާނުންގެ ހަޔާތުގައި ތަޖުރިބާކުރި އެންމެ ބިރުވެރި ހާދިސާއަށް ނޫނީ ނުވާނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.