ސުނާމީގެ ވަގުތުގައި ހިތްވަރާއި، އެއްބައިވަންތަކަމުގެ ނަމޫނާ ދެއްކި ޒުވާނެއް!

ސުނާމީ ކާރިސާއަށް ފަނަރަ އަހަރު ފުރިގެން ދިޔައިރުވެސް، މީގެ ފަނަރަ އަހަރު ކުރިން އަހަރެން ނަގާފައިވާ، "އާފަތިސް" ނޫހުގައި އުޅުނުއިރު ނެގި، މި އިންޓަވިއުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވުނެވެ. ފަނަރަ އަހަރު ފާއިތުވީއިރުވެސް އަހަރެންގެ އަތުގައި މި އިންޓަވިއުގެ ޕްރިންޓު ރައްކާ ކުރެވިފައި މިއޮތީ އެހެންވެއެވެ.

ސުނާމީގެ ޙާދިސާ ހިނގިއިރު އުމުރުން 26 އަހަރުގެ، މ. މަޑުއްވަރީ، ރޯޒްމީޑް، އަބްދުﷲ އާރިފުގެ ވާހަކަތަކުން، އެ ނާމާން، ބިރުވެރި ވަގުތުކޮޅު، ފިނޮޅަށް ބިންދާލި ރާޅުތަކުގެ ތެރޭގައި، ސާދަ މީހުން ތެޅިފޮޅުނު ގޮތާއި، ތިމާގެ ފުރާނައަށްވުރެ އަނެކާގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެ ހާލަތުގައިވެސް ދެއްކި ހިތްވަރާއި، އެއްބައިވަންތަކަން އަހަރެންނަށް މިހާރުވެސް ސިފަވާ ކަހަލައެވެ.

ކުދިވެރިންނާއި، އަންހެންވެރިންވެސް ގޮވައިގެން ބޮއްކުރައެއްގައި ފިނޮޅަށް ޕިކްނިކް ޖައްސާލި ދަތުރުގައި، ދަތުރުގެ ހުރިހާ ބައިވެރިން ކަނޑުވެ، ދެބައިކުޅަ އެއްބައި، ފަހު ނޭވާ ދޫކޮށްލިއިރު، ސުނާމީގެ އެންމެ ހަތް މަސް ކުރިން އާރިފު ކައިވެނިކުރި، އުމުރުން 20 އަހަރުގެ އަނބި މީހާ، (ރަމްލާ އަބްދުއްރައްޒާޤު، ގުލްބަކާގެ، ހދ. ނާވައިދޫ) ގެއްލި ދިޔައީވެސް، އެ ރާޅުތަކުގެ ތެރޭގައި ކުދިވެރިން ސަލާމަތް ކުރުމަށް އަވަދިނެތި އުޅެނިކޮށް، އާރިފުގެ ލޯ ކުރިމަތިން އޮބައި ގޮހެވެ.

ހުރިހާ މީހުން ސަލާމަތް ކުރުމަށް ކިތަންމެ ހިތްވަރެއް އާރިފު ދެއްކި ނަމަވެސް، ރާޅުތަކުގެ ދަށުވެ، ބާނިތަކާއެކު އާރިފުވެސް ގެންގޮސް ވަޓާލީ ފުން ކަނޑުއޮޅިއަށެވެ. މާކަނޑަށް އޭނާވެސް ޣަރަޤުވިއެވެ. ހޭވެރިކަމެއް ނެތް ޙާލަތަށް މީހާ ގޮސްފައި ވަނިކޮށެވެ. ނަމަވެސް އޭނާގެ ފުރާނަ ހަށިގަނޑާ ވަކިނުވަނީސް ބަޔަކަށް ކަނޑުމަތިން ފެނި ސަލާމަތް ކުރިއެވެ.

ފިނޮޅަށްދިޔަ 14 މީހުންގެ ޚަބަރު އަހަރެންނަށް އިވި، ސަލާމަތްވި މީހަކާ ބައްދަލު ކުރަން އުޅެނިކޮށް އޭރު ދިމާވީ އާރިފްއާއެވެ. އެންމެ ބޭނުންވި މީހާއާއެވެ. ލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައިރުވެސް، ކުރިމަތީގައި އަހަރެންވެސް ރެކޯޑަރު ޖައްސައިގެން އިނީ، ކެތްވާތީކީ ނޫންނެވެ. ހަގީގަތުގައި އިންޓަވިއު ހުއްޓާނުލައި ކުރިޔަށް ގެންދަން އެދުވަހު އަހަރެންނަށް ހިތްވަރު ދިނީވެސް އާރިފެވެ. އޭނާ ބޭނުންވީ ފިނޮޅުގައި ހިނގައިދިޔަ، ބިރުވެރި، އެހެނަސް ހިތްވަރުކުރި ހާދިސާ އާންމުންނަށް އަންގައިދޭށެވެ. އެހެންވެ އާރިފަށް ރޮވޭ ކޮންމެ ފަހަރަކު، ކަރުނަ ފޮހެލާފައި ބުނަނީ"އޯކޭ ވާނެ، އަހަރެން އޯކޭ، މަޑުކުރޭ" މިހެނެވެ.

ސުނާމީގެ ވަގުތު ފިނޮޅު ގިރާލައި، އެންމެން ކަނޑުވި ހިނދު، މީހުން ސަލާމަތް ކުރުމަށް އާރިފު ދެއްކި ހިތްވަރާއި، އެއްބައިވަންތަ ކަމަށް އޭގެ  15 އަހަރު ފަހުންވެސް ހިފެހެއްޓުމެއް ނެތް ސާބަސް އާރިފަށް މިއަދުވެސް ދެމެވެ. އާއިލާގެ ހަތް މީހުން ވަކިވި، އެ ހިތްދަތި ވަގުތު، އަމިއްލަ ނަފުސަށްވެސް އިންތިހާ ހިތްދަތިކަން ލިބިފައި ވަނިކޮށް، އާއިލާ މީހުން ހަމަޔަކަށް އަޅުވައި، އާއިލާ އެއްބައިވަންތަ ކުރުމަށް، އޭނާ އެ ހާލަތުގައި އެދެއްކި ހިތްވަރަކީ، ކޮންމެ ކޮންމެ މީހަކަށް ދެއްކޭނެ ހިތްވަރެއް ނޫނެވެ. އާރިފަކީ ސުނާމީ ކާރިސާގެ ވަގުތު ހިތްވަރާއި، އެއްބައިވަންތަކަން ދެއްކި ލާމަސީލު ޒުވާނެކެވެ. މިއަދު މުޅި ރާއްޖޭގައި އެދުވަސް ފާހަގަ ކުރާއިރު، އަހަރެން އަދިވެސް އާރިފް މަތިން ހަނދާން އެބަހުއްޓެވެ. އޭނާ އެދުވަހު އަހަރެންނަށް ދިން އިންޓަވިއުއާއެކު، އެވާހަކަ އަހަރެންގެ އަތުން ލިޔެ، ޕްރިންޓުވި ގަނޑުވެސް އެބައޮތެވެ. އާރިފުގެ ދުލުން އެދުވަހު ކިޔައިދިން އެވާހަކަތައް މިއަދު ކިޔާލުމުންވެސް ބިރާއި، މޮޅިންގޮސް ގައިން ހީބިހި ނަގައިގެން ދެއެވެ. އެއާއެކު އޭނާ އެދުވަހު ދެއްކި ހިތްވަރު ސިފަ ކޮށްލެވެއެވެ.

އާރިފަކީ އަހަރެންގެ ގާތް ރަޙްމަތްތެރިޔެއް ނޫންކަމުން، މިވަގުތު އާރިފު އުޅޭތަނެއް ބުނާކަށް ނޭނގެއެވެ. އެކަމަކުވެސް މުޅި ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ އެއްބައިވަންތަ ކަމުގެ ދުވަހު، މަޑުއްވަރީ ކައިރީ އޮތް ފިނޮޅުގެ ޙާދިސާ އާއި، އާރިފު ދެއްކި ހިތްވަރު ހަނދާން ނައްތައެއް ނުލެވޭނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.