50 އުޅަނދެއްގައި މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް އަންނަ ހަފްތާގައި އިއުލާން ކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާރުއެސްޑަބްލިޔޫ ސިސްޓަމް ނުވަތަ މަސް ފިނިކުރާނިޒާމު 50 އުޅަނދެއްގައި ގާއިމްކުރުމަށް އަންނަ ހަފާތާގައި އިއުލާން ކުރާނެކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، 50 އުޅަނދުގައި، މަސް ފިނިކުރުމުގެ ނިޒާމު ގާއިމްކުރެވުމުން ދުވާލެއްގެ މައްޗަށް 600 ޓަނު އައިސް އުފެެއްދޭނެ ކަމަށެވެ. މިއަހަރު ތެރޭގައި ވެސް އެސްޑީއެފްސީ ލޯނުން މެދުވެރިކޮށް ހަ އުޅަނދެއްގައި އާރުއެސްޑަބްލީޔޫ ސިސްޓަމް ގާއިމްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަންނަ ހަފްތާގައިވެސް އިއުލާން ކުރެވޭނީ އެޗްޑީއެފްސީގެ ލޯނު އެހީގައި މަސް ފިނުކުރުމުގެ ނިޒާމު ގާއިމުކުރުމަށް ކަމަށް ވިދާޅުވިއެވެ.

 އާރު އެސް ޑަބްލިޔޫ ސިސްޓަމާއި އެ ސިސްޓަމަށް ބޭނުންވާ ޖަނަރޭޓަރު ސެޓުންވެސް ޑިއުޓީ މައާފަކޮށްދެއްވާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ. މަސް ފިނިކުރުމުގެ ނިޒާމު ގާއިމުކޮށް ދިނުމުގެ މަސައްކަތް ކޮށްދޭ ދެތިން ޕާޓީއެއް  މިހާރުވެސް އޮންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެފަރާތްތަކުން ޖެހޭނީ ޑިއުޓީ މައާފުކޮށް ދިނުމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ކަމަށް ފިޝަރީޒް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. މިހާރު ވެސް ތިން އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އިތުރު ހަތް އައިސް ޕްލާންޓެއް އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޤާއިމްކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ. ފެލިވަރުގެ ކެޕޭސިޓީވެސް 100 ޓަނަށް އިތުރުކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. މިހާރު ފެލިވަރުގެ ކެޕޭސިޓީ އަކީ 60 ޓަނެވެ. މީގެއިތުރުން ކޫއްޑޫ އާއި ގެމަނަފުށީގެ ކެޕޭސިޓީ ވެސް އިތުރު 50 ޓަނަަށް، އިތުރު ވެގެން ދާނެކަމަށް ފިޝަރީޒް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

މިމަހު 22 ވަނަ ދުވަހު ފެލިވަރު ބަނދަރުގައި މަސްވެރިން ކުރި އިހްތިޖާޖުގެ ތެރޭގައި، މަސްވެރިންގެ ޝަކުވާތަކުގެ ތެރޭގައި އައިސް ލިބިމުގައި ހުރި ދަތިކަން ހައްލުކޮށް ދިނުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން މަހުގެ އަގު 20 ރުފިޔާއިން ދަށް ނުކުރުމާއި، ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަން ބޭނުންކުރެވޭނެ ހާލަތަކަށް ގެންދިއުމުގެ އިތުރުން ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް މަސްވެރިން ވަނީ އެދި ފައެވެ. 

1 ޚިޔާލު

  1. މަސައްކަތްކުރާ ފަރާތުގެ ބިލްތަކަށް ދޭން ފައިސާ ހޯދާނެގޮތެއް ރައްޔިތުންނަށް އެނގެން އެބަޖެހޭ. ބިލްތަކަށް ފައިސާ ނުލިބިގެން ބަގުރޫޓުވާ ވިޔަފާރިތައް މިހާރުވެސް ގިނައީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.