އެމް.އެސް.ސީ ސެޓިފިކެޓް ދެމެހެއްޓުމަށް ބޭނުންވާ ރިސޮލިއުޝަން ފާސްވެއްޖެ

images

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަންޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ޖަމިއްޔާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ ޖަލްސާއަށް ރާއްޖޭގެ ފަރާތުން ހުށަހަޅައި، ބަހުސްކުރަމުންދާ ރިސޮލިއުޝަންތަކުގެ ތެރެއިން ދިވެހި މަސްވެރިންނަށް ކަޅުބިލަމަހުން ރަނގަޅު އަގު ހޯދުމަށް އެހީތެރިވެދޭ އެމް.އެސް.ސީ ސެޓިފިކެޓް ދެމެހެއްޓުމަށް ބޭނުންވާ ރިސޮލިއުޝަން މިއަދު ފާސްވެއްޖެއެވެ.

 

ދިވެހިރާއްޖޭގެ ފަރާތުން މިޖަލްސާގައި ބައިވެރިވާ ވަފްދުގެ ބޭފުޅުން މިކަމަގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފްރާންސްގެ ޓެރިޓަރީއެއް ކަމަށްވާ ރެޔޫނިއަންގައި ހަރަކާތްތެރިވެ ބަހުސްކުރަމުންދާތާ 10 ވަރަކަށް ދުވަސްވެއްޖެއެވެ. އަދި ކަމުގެ މުހިންމުކަމުން މި ނެގޯސިއޭޝަންތަކުގައި ބައިވެރިވުމަށް ރައީސް ޔާމީންވަނީ މިނިސްޓަރ ޑރ.ޝައިނީވެސް ރިޔޫނިއަން އަށް ފޮނުއްވާފައިއެވެ.

 

މިއަދު މި ފާސްވި ރިސޮލިއުޝަން ފާސްކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ވަރަށް ގިނަ ތައްޔާރީތައް ވެފައިވެއެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިއާ ކަނޑުގެ އަސްސޭރިފަށުގެ ގިނަ އަދަދެއްގެ  ޤައުމުތަކާއެކު މަޝްވަރާތައް ކޮށް ޔޫރަޕުގެ ޤައުމުތަކާއި އެހެން ޤައުމުތަކަށް އެކި ފަހަރުމަތިން މިއަހަރުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ޓީމުތަކުން ދަތުރުކޮށްފައިވެއެވެ. އަދި ދާދިފަހުން ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ޕްރައިމް މިނިސްޓަރާ ވެސް މިކަމުގެ މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ދާދި ފަހުން ފިޝަރީޒް މިނިސްޓަރު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރާއި ކަމާގުޅޭ އެހެން ބައެއް ބޭފުޅުންނާ މަޝްވަރާކޮށް ރާއްޖޭން ހުށަހެޅި ރިސޮލިއުޝަނަށް ތާއީދު ހޯދުމަށް މަޝްވަރާކުރައްވާފައިވެއެވެ.

 

ރާއްޖޭން އައިއޯޓީސީގައި ދައްކާ ނަމޫނާއާއި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ 3 އެވޯޑް ރާއްޖެއަށް ލިބިފައިވެއެވެ. އެގޮތުން އެންމް ފަހުން ލިބުނު އެވޯޑް ލިބިފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ އެންމެ ބޮޑު ބައްދަލުވުމުގައި މިމަހުގެ 23 ވަނަދުވަހު ބެންގްކޮކްގައެވެ.

 

އައިއޯޓީސީގައި މިހާރު ހިނގަމުންދާ މަޝްވަރާތަކުގައި ރާއްޖެއިން އައްސޭރިފަށުގެ ޤައުމުތަކާއި ކުދި އަދި ތަރައްގީވަމުން އަންނަ ޤައުމުތަކަށް އިންޑިއާ ކަނޑުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށާއި، އިންޑިއާކަނޑަށް ނިސްބަތްނުވާ އިންޑަސްޓްރިއަލް، ބޮޑުދާ އަޅާ ފަރާތްތަކާއި އިންޑިއާ ކަނޑަށް ނިސްބަތްވާ ފަރާތްތަކާއި މަސްވެރިކަން ކުރުމުގައި ތަފާތުވާންޖެހޭނެކަމަށް ވަކާލާތު ކުރެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.