ސްރިލަންކާއިން ކޮވިޑް-19 ގައި މަރުވި 15 މުސްލިމެއްގެ ހަށިގަނޑު އަންދާލައިފި

ސްރީލަންކާގެ މުސްލިމުން އިހުތިޖާޖުކުރުމުގެ ގޮތުން، މަރުވާ މީހުން އަންދާލާތަނެއްގެ ބޭރު ފެންސުގައި ހޮދު ފޮތިކޮޅު އައްސަނީ

ކޮވިޑް- 19 ޖެހިގެން މަރުވި 15 މީހެއްގެ ހަށިގަނޑު ސްރީލަންކާ ސަރުކާރުން އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފަށް އަންދާލުމުން އެގައުމުގެ މުސްލިމުންގެ ރުޅި ސަރުކާރަށް އަމާޒުވަމުން އެބަދެއެވެ. އާއިލާތަކުގެ ރުހުމާ ދެކޮޅަށް އަންދާލި ހަށިތަކުގެ ތެރޭގައި ތުއްތު ކުއްޖެއްގެ ހަށިގަނޑުވެސް ހިމެނޭ ކަމަށް ވެއެވެ.

ސްރީލަންކާގެ ސިއްހީ އިދާރާތަކުންވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން، އެއީ މުސްލިމުންކަމަށް ވިޔަސް، އަންދާލަން ނިންމާފައެވެ. މަރުވާ މީހުން އިސްލާމީ އުސޫލުތަކަށް ވަޅުލަމުންދާ މުސްލިމުން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކޮވިޑް-19 ގައި މަރުވާ އެންމެންގެ ހަށިތައް އަންދާލަން ސްރީލަންކާއިން އިން ނިންމުމާ ގުޅިގެން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުސްލިމުންނަށް އެމީހުންގެ ތެރޭން މަރުވާ މުސްލިމުން ވަޅުލުމުގެ ހުއްދަ ދިނުމަށް އެޖަމާއަތުން ވަނީ ސްރީލަންކާ ސަރުކާރަށް ގޮވައިލާފައެވެ.

"މިއީ (މަރުވާ މިހުން އެންދުމަކީ) އިސްލާމްދީނުގައި މަނާކޮށްފައިވާ ކަމެއް. އަދި މަރުވާ މީހުންގެ ޖަނަޒާގެ ހައްގުތަކަށް އިހުތިރާމުކުރުމަށް އޯއައިސީން ގޮވާލަން." އޯއައިސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާލުމަށް އެޕްރީލްމަހުގެ ތެރޭގައި ސްރީލަންކާ ސަރުކާރުން ނިންމީ، އެފަދަ މީހުން ވަޅުލުމުން ބިމުގެ ފެނަށް އެމީހުންގެ ހަށިތަކުގައި ހުންނަ ޖަރާސީމުގެ އަސަރުކޮށްފާނެ ކަމަށްބުނެ ބުދުދީނުގެ ހާމުދުރުންގެ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މަދުވެގެން 19 މުސްލިމް އާއިލާއެއް ވަނީ ވަޅުލުމުގެ ހުއްދަ ނުދެނީސް އެމީހުންގެ އާއިލާގެ މީހުންގެ ހަށިތަކާ ހަވާލުނުވާނެ ކަމަށް ބުނެފައެވެ. އެޓާނީ ޖެނެރަލްގެ އަމުރަށް އޭގެތެރޭން 15 މީހެއްގެ ހަށިގަނޑު މިހާރު ވަނީ އަންދާލާފައެވެ. އަންދާލި ހަށިތަކުގެ ތެރޭގައި އުމުރުން އެންމެ 20 ދުވަހުގައި މަރުވި ތުއްތު ކުއްޖެއްގެ ހަށިގަނޑުވެސް ހިމެނެއެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ މެދުތެރެއިން ފެށިގެން ސްރީލަންކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އާދަޔާ ޚިލާފަށް އިތުރުވާން ފަށާފައެވެ. އެގައުމުގައި މިހާތަނަށް 32 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، 152 މީހުން ވަނީ މަރުވެފައެވެ.

ސްރީލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %10 ކަމަށް ވިޔަސް، ސްރީލަންކާ މުސްލިމް ކައުންސިލުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ތެރޭގައި ނިސްބަތުން މުސްލިމުން ވަރަށް ގިނައެވެ. އެ ކައުންސިލްގެ ރައީސު ހިލްމީ އަޙްމަދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހޭ ވަރަށް ގިނަ މުސްލިމުން ޑޮކްޓަރަށް ދައްކަން ފަސްޖެހެއެވެ. އެއީ މަރުވެއްޖެނަމަ އަންދާލަފާނެތީ ބިރުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު  ވަޅުލުމުގެ ހުއްދަދޭން އެދިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.