ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރްޕްޝާނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކޮށް 34 ޝަކުވާއެއް އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަހަޅައިފައިވާކަމަށް އެކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާ ހާމަކުރައްވައިފިއެވެ.
އޭސީސީގެ ރައީސް މިކަން ހާމަކުރެއްވީ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިހިތާބުގައެވެ. އޭސީސީގެ ރައީސް ޝިއުނާގެ ޚިހިތާބުގައި ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ލިބިގެންދިޔަ އެންމެ މުހިންމު ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސް ނުޖެހޭކަން ކަމަށެވެ. މިއައު އުކުޅުތައް ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތަން ދުނިޔޭގެ އެކި ގަޤައުމުތަކުން ފާހަގަ ކުރެވެމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭސީސީގެ ރައީސްގެ ހިތާބުގައި ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ މީހުންގެ ވިސްނުމަކީ، މިފަދަ ހާލަތެއްގައި ނާޖާއިޒު ފައިދާ ނަގައި، ނުހައްގުން މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، އެ ބަޔަކު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކުރަން ޖެހޭ ކަމަށެވެ. އެކޮމިޝަންގެ އަމާޒަކީ ރައްޔިތުންގެ ފައިސާއިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާ މެދު މަގާމާއި ނިސްބަތްވާ ޕާޓީއަށް ބެލުމެއް ނެތި ޖަވާބުދާރީ ކުރުވައި ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުންކަމަށް ވެސް ވިދާޅުވިއެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ކޮރަޕްޝަންގެ ސަބަބުން، އެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅިގެންދާ މިންވަރު ކަމަށް އޭސީސީގެ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ. ކޮރަޕްޝަންގެ ސަބަބުން ގެއްލެމުންދާ ފައިސާއަކީ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމު ނުކުރެވި އެކަށީގެންވާ ޚިހިދުމަތެއް ނުލިބި އެތައް ރައްޔިތުންގެ ފުރާނަ ދޫކޮށްލުމަށް މަޖުބޫރުވާ ހާލަތު މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލައި، ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޮރަޕްޝަނަކީ ވަކި ދާއިރާއެއް ނުވަތަ ވަކި ފަންތިއެއް އިސްތިސްނާވުމެއް ނެތި ތަހައްމަލުކުރަން ޖެހިފައިވާ ނުރައްކާތެރި ވަބާއެއް ކަމަށް ވެސް އޭސީސީގެ ރައީސްގެ ހިތާބުގައި ފާހަގަ ކުރެއްވިއެވެ. ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން ގައުމު ތަރައްގީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަންގެ ސަބަބުން ދައުލަތުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރައްވައި، މިއަދު ޤައުމު އޮތް ޙާލަތަށް ބަލާއިރު ޤައުމު، މިވަނީ އެގޮތަށް ގެއްލިގެން ގޮސްފައިވާ ފައިސާ އަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިކަން ވެސް ފާހަގަ ކުރެއްވިއެވެ.