ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކަށް 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަނީ

ތަޙްޤީޤު ނިންމާ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާ މައްސަލަތަކަށް 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވެފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ(އޭސީސީ) ގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާޙްކޮށް ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ޕީޖީ ޝަމީމް ވިދާޅުވީ ތަޙްޤީޤީ އިދާރާތަކުން އެއޮފީހަށް ފޮނުވާ މައްސަލަތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ހަމަސް ދުވަހު ބޭއްވުމަކީ މިހާރުވެސް ހިނގަމުންދާ އާދައިގެ ކަމެއްކަމަށެވެ. ނަމަވެސް އެމުއްދަތު 10 ދުވަހަށް ކުރުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.  

ޖިނާއީ މައްސަލައެއް ތަޙްޤީޤްކުރުމަށްފަހު އެމައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް ހުންނަކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާ ވަޒަން ކުރަންޖެހޭ ކަމަށާއި އަދި އެއީ ޝަރީޢަތަށް ބަލައިގަންނަ އަދި އެމައްސަލައެއްގައި ޖިނާއީ ދަޢުވާއެއް ކުރެވޭ މިންވަރަށްހުރި ހެކިތައްކަން ވަޒަންކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. މިކަން ކުރުމުގެ ބޭނުމަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް ދައުވާ ލިބޭ މީހުންނަށްވެސް އަދި ރައްޔިތުންނަށްވެސް ލިބޭކަން ކަށަވަރުކޮށް ދިނުން ކަމަށް ވިދާޅުވިއެވެ. މިއީ ޤާނޫނުއަސާސީގައިވެސް އަދި ޖިނާޢީ ޢަދުލުގެ ނިޒާމްގައި ދުނިޔޭގެ އެހެން ޤައުމުގައިވެސް އެކަން ކަނޑައަޅައިފައި އޮތްގޮތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮރްޕަޝަންގެ މައްސަލަތައް ފަދަ ދިވެހި ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ބޮޑެތި މައްސަލަތައް އެކަށީގެންވާ ހެއްކާއެކު ހުށަހަޅައިފިނަ ދައުވާކުރުމުގައި އެއްވެސް ވަރަކަށް ފަސްޖެހިވަޑައި ނުގަންނަވާނެކަމުގެ ޔަޤީންކަން ޕީޖީ ޝަމީމް ދެއްވިއެވެ.

"އަޅުގަނޑު މިދޭ ޔަޤީންކަމަކީ ޚާއްޞަކޮށް ކޮރްޕަޝަން މައްސަލަތައް ފަދަ ދިވެހިރައްޔިތުންގެ މަސްލަޙަތު އޭގައި ހިމެނޭ ބޮޑެތި މައްސަލަތައް އެކަށީގެންވާ ހެއްކާއެކު، އަޅުގަނޑާ ހިސާބަށް ގެންނަވައިފިނަމަ ދައުވާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، ލަސްކުރުމެއްނެތި ކުރިއަށްދާނެކަން" ޕީޖީ ވިދާޅުވިއެވެ.

ޢަދުލު އިންސާފު ޤާއިމްކުރުމަށްކުރާ މަސައްކަތަކީ ގޮންޖެހުން ބޮޑު ބުރަ މަސައްކަތެއްކަމަށް ޕީޖީ ވިދާޅުވިއެވެ. ޚާއްޞަކޮށް ކޮރަޕްޝަންގެ މައްސަލަތަކަކީ ތަޙްޤިޤްކުރަން އުދަނގޫ، އެކަމަށް ވަގުތު ހިނގާ ގޮންޖެހުން ބޮޑު، މައްސަލަތަކެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ. ކޮރަޕްޝަންގެ މައްސަލަތަކަކީ ޤައުމީ މަސްލަޙަތު އެންމެ މަތީ މިންވަރަކަށް ހިމެނޭ މައްސަލަތައްކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށްތަކަކީ ޖިނާޢީ ޢަދުލުގެ ތެރެއިން ދޫދެވޭނެ މައްސަލަތަކެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. މިކަން ކަށަވަރުކުރުމަށް ތަޙްޤީޤީ އިދާރާތައް ގުޅިގެން މަސައްކަތްކޮށް އެއްބަޔަކު އަނެއް އެއްބަޔަކަށް އެހީތެރިކަން ދޭންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ގުޅިގެން މަސައްކަތްކުރެވޭނެ އުޞޫލުތަކެއް ޤާއިމްކުރެވެންޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އެކްޝަން ޕްލޭންގެ ތެރެއިންނާއި ބޭރުންވެސް އެކިއެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ނިޒާމްތަކެއް ކުރިއަށް އޮތްތަނުގައި ޤާއިމްކުރަންޖެހޭކަމަށް ޕީޖީ ވިދާޅުވިއެވެ.

ކަމެއް ކާމިޔާބު ކުރުމަށް، ދާންވާ ހިސާބެއް ސާފުކޮށް އެނގެންއޮތުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި އެހިސާބަށް ދިއުމަށް ކަންތައްކުރާނެގޮތާއި އެމަގު ކޮށާރާވައފައި ބޭއްވުން މުހިންމުކަމަށް ވެސް ވިދާޅުވިއެވެ. އޭސީސީގެ އެސްއޭޕީގެ މައިގަނޑު މަޤްޞަދަކީ ވެސް އެއީ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި މިއެސްއޭޕީއަކީ މުއައްސަސާގެ އަމާޒު ހުރި ގޮތް މުވައްޒަފުންނަށްވެސް އެނގި މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްކުރުމަށް ޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.