އިންތިޚާބީ ހައްގު އަދާކުރުމުގައި ނަޒާހަތްތެރިވުމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާ އެދިވަޑައިގެންފި އެވެ.
އެސީސީގެ ރައީސް މިކަމަށް އެދިވަޑައިގެންނެވީ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، ލާމަރުކަޒީ އުސޫލުން ގައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިޚާބެއްކަމަށް އޭސީސީގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެފަދަ މުހިންމު އިންތިޚާބެއްގައި ތިމާގެ އިންތިޚާބީ ހައްގު، ނަޒާހަތްތެރިކަމާއެކު އަދާކުރަންޖެހޭކަން ހަނދާންކޮށްދެއްވިއެވެ.
ކޮންމެ މުޖުތަމައެއްގައި ވެސް އެތަނެއްގެ ކަންކަން ނިންމުމަށްޓަކައި ރައްޔިތުންގެ ފަރާތުން ބަސް ބުނާނެ މަންދޫބުން އިންތިޚާބުކުރުމަށް ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދުކަމަށް އޭސީސީގެ ރައީސް ފާހަގަ ކުރެއްވިއެވެ. ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު އަމަލުތަކަށް ހުށަހެޅިގެން ދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ދާދި ފަހުން އާއްމުކުރި ދިރާސާއަކާ ހަވާލާދެއްވައި އޭސީސީގެ ރައީސް ވިދާޅުވީ، އޭޝިއާގެ ގައުމުތަކުގައި ކޮންމެ ހަތް މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުއާމަލާތް ހިންގައިފައިވާ މީހެއްކަމަށެވެ. ރާއްޖެއަށް ބަލާއިރު ވޯޓުލާ މީހުންގެ ތެރެއިން 18 އިންސައްތަ މީހުންނަކީ ރިޝްވަތުގެ މުއާމަލާތް ހިންގާ މީހުން ކަމަށް ބުނެފައިވެއެވެ.
"ރައްޔިތުންގެ މަންދޫބުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސަންސެއް ނޫނެވެ. އެއި ތިމާ ވެސް ހިމެނޭ ގޮތަށް ދެންތިބި ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ މެދު، ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަށް ލިބިދީފައިވާ އަސާސީ ހައްގެކެވެ. ވޯޓު ވިއްކުމުގެ ސަބަބުން ތިމާއާއި ތިމާގެ އާއިލާގެ މުސްތަގުބަލު ވެސް ނެތިގެން ދާކަން ކޮންމެ މީހަކުމެ ވިސްނަން ޖެހެއެވެ. ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މިހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށް ވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަން ޖެހެއެވެ. އެގޮތަށް އަމަލުނުކުރެވޭނަމަ، އިންތިހާބު ކުރެވޭ މީހަކީ، މަދު ބައެއްގެ ބާރުވެރިކަމުގައި އެބަޔަކު ބޭނުންވާ ގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަހަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ވެގެންދާނެއެވެ. ނަމަވެސް، އެމަންދޫބުންގެ ބަހަކަށް ވެފައި އޮންނާނީ އެއީ ރައްޔިތުންގެ މަންދޫބުން ކަމަށާއި، ދައްކާ ވާހަކަ ތަކަކީ ރައްޔިތުންގެ އަޑުކަމަށެވެ." އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވިއެވެ.
އޭސީސީގެ ރައީސްގެ ޚިތާބުގައި ވިދާޅުވީ ރާއްޖޭގައި އެކި ދުވަސްވަރުމަތިން އާންމު އިންތިހާބުތައް އޮންނައިރު އިންތިޚާބީ ހައްގު ލިބިގަތުމަށްތަކައި ނަޒާހަތްތެރިކަމާއެކު އެހައްގު އަދާކުރުމަކީ އެކަން ކުރަން އޮތް މަގު ކަމުގައި ދެކެން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހުއްޓުވައި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމާމެދު ކެންޑިޑޭޓުންނާއި ވޯޓު ދޭން ތިބި އާންމު ރައްޔިތުން ވެސް ސަމާލުވުމަށް އޭސީސީގެ ރައީސް އިލްތިމާސް ކުރެއްވިއެވެ.
18% އަކީ ސިޔާސީ ޕާޓީތަކުގެ އެޖެްޓުންނާ ކެންޑިޑޭޓުންގެ އެޖެންޓުން.