ނިއުޒީލޭންޑުން ސަމާލުކަން ދީފައި ވަނީ މުސްލިމުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް: ކްރައިސްޓްޗާޗް ހަމަލާގެ ރިޕޯޓު

17 މާރިޗު 2019، ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތަށް ދިން ހަމަލާއަށް ފަހު އެ މިސްކިތުގެ ވަށަގެންވާ ސަރަހައްދު ބަންދުކޮށް ފުލުހުން ފޯރިމަރަނީ

ފާއިތުވި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗްގައި ހުންނަ ދެ މިސްތަކަށް ހަމަލާދީ ހިންގި ރަހުމްކުޑަ ގަތުލުއާއްމުގެ ކުރިން، ކަނާތު ފިޔައިގެ ހަރުކަށި މީހުން ފަރާތުން އަތުވެދާނެ ނުރައްކަލަށް އެ ގައުމުގެ ސަރުކާރުން ސަމާކުވެ ތައްޔާރުވެފައި ނުވާކަމަށާއި، ސަމާލުވެ ތިބީ ހަރުކަށި މުސްލިމުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ކަމަށް އެ ހާދިސާ ދިރާސާކުރި ރޮޔަލް ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ.

ދެ މިސްކިތުގައި ހުކުރު ނަމާދަށް ތިބި 51 މުސްލިމުންގެ ފުރާނަ ގެއްލިގެންދިޔަ ޖަރީމާގެ ފުރިހަމަ ތަފްސީލު ބަޔާންކޮށްފައިވާ 792 ސަފްހާގެ ރިޕޯޓުގައިވަނީ މުޖުރިމު ބްރެންޓަން ޓެރަންޓް އެ ޖަރީމާއަށް ތައްޔާރުވަމުން ދިޔަ ނިއުޒީލޭންޑުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނާންނަ ގޮތަށް އޭނާ އެކަން ރޭވިގޮތް ބަޔާންކޮށްފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނިއުޒީލޭންޑުގެ އެކި އިދާރާތަކުގެ އަތްދޮށުން ގޮސްފައިވާ ކަންތައްތަކެއް ހުރިނަމަވެސް، ޓެރަންޓް ދެ މިސްކިތަށް ހަމަލާދިނުމުގެ އަށް މިނިޓު ކުރިން ފޭސްބުކުގައި އޭނާގެ މެނިފެސްޓޯ އާއްމުކުރުމުން ނޫނީ އޭނާ ހަމަލާއެއް ދޭން ތައްޔާރުވެފައިވާ ކަން އެނގޭނޭ އެއްވެސް ނިޝާނެއް ފެނިފައި ނެތެވެ.

ބަޑި ގެންގުޅުމު ލައިސަންސް ދިނުމުގެ އުސޫލު ބަދަލުކުރަން ޖެހޭކަން ފާހަގަކުރަމުން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ނިއުޒީލޭންޑުގެ ފެލުހުންގެ ސަމާލުކަން މާ ބޮޑަށްވެސް ހުއްޓިފައި ހުރީ ގައުމު އަމަންއަމާންކަމަށް މުސްލިމުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށެވެ. އެހެންކަމުން ބްރެންޓަން ފަދަ ކަނާތުފިޔައިގެ ހައްދު ފަހަނައަޅާފައިވާ މީހުންގެ ނުރައްކަލަށް ސަމާލުކަން ދީފައި ނުވެއެވެ.

ބަޑި ގެންގުޅުގެ ހުއްދައަށް އެދޭ  ފޯމު ފުރުމުގައި ކޮށްފައިވަނީ ވަރަށް އާއްމު ސުވާލުތަކެއްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ރިޕޯޓުގައި ޓެރަންޓް ފުރި ފޯމުގެ ކޮޕިއެއް ހިމަނާފައިވާއިރު، އޭނާ ވަރަށް އާދައިގެ ގޮތަކަށް އެ ސުވާލުތަކަށް ޖަވާބުދީފައިވާކަން ފާހަގަކުރެވެއެވެ.

"އަހަރެންނަކީ ޒިންމާދާރު މީހެއް"، "ތިބާއަކީ ބަޑި ބޭނުންކުރަން އެކަށީގެންވާ ފަރާތެއް ކަމަށް ދެކެންހޭ" ބުނެ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޓެރަންޓް ބުނެފައި ވެއެވެ.

"ތިބާ އަތުގައި ބަޑި އޮތުމުން އެއްވެސް ފަރާތެއްގެ ސަލާމަތާ މެދު ތިބާ ކަންބޮޑުވަންތަ؟" މިސުވާލުގެ ޖަވާބުގައި އޭނާ ލިޔެފައި ވަނީ "އަހަރެންގެ އެއްވެސް ދުޝްމަނެއް ނެތް" ކަމުގައެވެ.

ނިއުޒީލޭންޑުގައި ގައުމީ ޖާސޫސީ އިދާރާއެއް ގާއިމުކުރަން ރިޕޯޓުގައި މަޝްވަރާދީފައިވާއިރު، އިތުރު 43 ކަމެއް ފުރިހަމަކުރުމަށްވެސް މަޝްވަރާ ދީފައިވެއެވެ. ބޮޑުވަޒީރު ޖެސިންޑާ އާޑާން ވިދާޅުވީ އެހުރިހާ މަޝްވަރާތަކަކަށްވެސް އަމަލުކުރައްވާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.