ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ހަމަލާދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

މާރިޗު 15 ގެ ހަމަލާއަށް ފަހު އައި ފުރަތަމަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ދިޔަ މީހުން އައްނޫރު މިސްކިތަށް ވަންނަނީ

ފާއިތުވި މާރިޗު މަހުގެ 15 ވަނަ ދުވަހު ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ހަމަލާ ދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

މިއަދު ނިއުޒީލޭންޑުގެ ފުލުހުން ނެރުނު ބަޔާނެގައި ވަނީ، އުމުރުން 28 އަހަރުގެ ބްރެންޓަން ޓެރެންޓުގެ މައްޗަށް ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނުގެ 6 ވަނަ މައްދާގެ ހ. ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވާ ކަމުގައެވެ.

އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ޓެރެންޓް ވަނީ މާރިޗު 15 ވަނަ ދުވަހު ހުކުރު ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑިޖަހައި، އައްނޫރު މިސްކިތުން 42 މީހުން އަދި ލިންވުޑް މިސްކިތުން 7 މީހުން މަރާފައެވެ. އަދި ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވީ 2 މީހަކު ފަހުން ކްރައިސްޗާޗް ހޮސްޕިޓަލުގައި މަރުވެފައި ވެއެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ތިއްބެވެ. އޭނާ ބަޑިޖެހުމުގެ ސަބަބުން 40 މީހުން ޒަޚަމްވިއެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރަށް އިތުރަށް ފުލުހުން ވަނީ ޓެރެންޓް މައްޗަށް މީހަކު މެރުމުގެ ކުށުގެ 51 ދައުވާއާއި، މީހަކު މަރަން އުޅުމުގެ ކުށުގެ 40 ދައުވާވެސް އުފުލާފައެވެ.

ޓެރެންޓް ހިންގި އަމަލަކީ ކުރިން ރާވައިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމުގައި ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖެސިކާ އާޑާން ކުރިން ވަނީ ވިދާޅުވެފައެވެ. ނިއުޒީލޭންޑުގެ ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނަކީ 2002 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެއް ނަމަވެސް މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ނުވެއެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއްގައި ޓެރެންޓް ބަންދުކޮށްފައި ހުރިއިރު، އޭނާގެ މައްޗަށް ޝަރީއަތް ހިންގޭފަދަ ނަފުސާނީ ގާބިލުކަން އޭނާގެ ހުރިތޯ ބެލުމަށް ޑޮކްޓަރުން ދަނީ ޓެސްޓު ހަދަމުންނެވެ.

އޭނާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.