މިސްކިތްތަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާން ނިއުޒީލޭންޑުގައި ގައުމީ ފެންވަރުގައި އާކޮށްފި

މިއަދު ކްރައިސްޓްޗާޗުގައި އޮތް ރަސްމިއްޔާތަށް އެތައް ހާސް ބަޔަކު ހާޒިރުވި

މީގެ ދެ ހަފުތާ ކުރިން، 15 މާރިޗު ގައި ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތާއި، ލިންވުޑް މިސްކިތަށް ދިން ރަހުމްކުޑަ ޓެރަރިސްޓު ހަމަލާގައި ޝަހީދުވި 50 މީހުންގެ ހަނދާން ރަސްމީ ފެންވަރުގައި މިއަދު އާކުރަމުން އެބަދެއެވެ.

ޝަހީދުވީ މީހުންގެ ނަން ކްރައިސްޓްޗާޗުގައި އޮތް ރަސްމިއްޔާތުގައި އިއްވަމުން ދިޔައިރު އެއްވެ ތިބި 20 ހާހެއްހާ މީހުން ތިބީ ހިމޭނުންނެވެ. ރަސްމިއްޔާތުގައި ވާހަކަދެއްކި މީހުން ބުނަމުން ދިޔައީ މި ހިތާމަވެރި ހާދިސާ އިން ފިލާވަޅު ލިބިގަނެގެން، އޯގާތެރި، ހުރިހާ ނަސްލެއްގެ މީހުން ބަލައިގަންނަ ނިއުޒީލޭންޑަކަށް މަގުފަހިކުރަން ޖެހޭ ކަމަށެވެ.

އައްނޫރު މިސްކިތް ކައިރީގައި އޮންނަ ހެލްގީ ޕާކުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ "އަހަރުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަންކުރުން އެއީ ކޮންމެ ދުވަހަކުގެ ހަގީގަތަކަށް ހަދަންވެއްޖެ" ކަމުގައެވެ. އެއީ "އަހަރުމެންނަކީ ވައިރަސްތަކުން ރައްކާތެރިކަން ލިބިފައިވާ ބަޔަކަށް ނުވާތީ" އެވެ.

މި ރަސްމިއްޔާތަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސްންއާއި އޮސްޓްރޭލިޔާގެ އިދިކޮޅު ލީޑަރު ބިލް ޝޯޓަންއާއި، ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ މަތީ ފެންވަރުގެ ބޭފުޅުންނާއި، ދުނިޔޭގެ 59 ގައުމެއްގެ މަންދޫބުން ހާޒިވެވަޑައިގަތެވެ.

މާއޮރީ ސަގާފީ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވި އާޑާން ވިދާޅުވީ ދުނިޔެއިން ހައްދު ފަހަނައަޅައި ދިއުން ނައްތާލަން ޖެހޭ ކަމަށާ، އެކަން ކުރެވޭނީ ބައިނަލްއަގްވާމީ ފެންވަރުގައި އެކަމަށް މަސައްކަތްކުރެވިގެން ކަމަށެވެ.

ބޮޑުވަޒީރުގެ އިތުރުން ނިއުޒީލޭންޑްގެ ގަވަރުނަރު ޖެނެރަލް ޕެޓްސީ ރެޑީއާއި، ކްރައިސްޓްޗާޗުގެ މޭޔަރު ލިޔާން ޑެލްޒީލް އަދި މުސްލިމް ދެ ލީޑަރަކު ވާހަކަފުޅުދެއްކެވިއެވެ.

ބޮޑެތި ސްކްރިންތަކުން ވަގުތުން ދައްކަމުން ދިޔަ ހަނދާން އާކުރުމުގެ ރަސްމިއްޔާތުތައް ކްރައިސްޓްޗާޗުގެ އިތުރުން އޯކްލޭންޑް، ވެލްންގްޓަން، ޑުނެޑިން އަދި އެހެން ބައެއް ރަށްތަކުގައި އެއް ވަގުތެއްގައި ކުރިއަށް ދިޔައެވެ. މި ރަސްމިއްޔާތުތައް އިންތިޒާމު ކުރީ ސަރުކާރާއި، މާއޮރީ ސަރަހައްދީ ވެރިންނާއި، އިސްލާމީ ޖަމާއަތްތައް ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.