"މިނިވަންކަމުގެ ދުވަސް": އިންގްލޭންޑްގައި ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ގިނަ ފިޔަވަޅުތައް މިއަދު އުވާލައިފި

ކޮވިޑް-19 ކޮންޓުރޯލުކުރުމަށް އިންގްލޭންޑްގައި އަޅާފައިވާ ފިޔަވަޅުތައް ރޭ މެންދަމު 12:00 (ރާއްޖޭ ގަޑިން މިއަދު ފަތިހު 4:00) އިން ފެށިގެން އުވާލައިފިއެވެ. އޭގެ ތެރޭގައި މާސްކްއެޅުމާއި، ސޯޝަލް ޑިސްޓެންސިންގވެސް ހިމެނެއެވެ. އިނގިރޭސި ސަރުކާރުން މިކަން އިއުލާންކޮށްފައި މިވަނީ، އެކަމާ ދެކޮޅަށް ސިއްހީ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން އަޑު އުފުލަމުން ދަނިކޮށެވެ. ބައެެއް ތަޖުރިބާކާރުން ސިފަކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ އެންމެ ނުރައްކާ ވައްތަރު، ޑެލްޓާ ވޭރިއެންޓް، ފެތުރެމުން ދަނިކޮށް ފިޔަވަޅުތައް އުވާލުމަކީ ކުރިން ރާވައިގެން މަޔަކު މެރުން ފަދަ ކަމެކެވެ.

މީހުންއެއްތަންވެ އުޅުމާއި، ވަޒީފާއަށް ނުުނުކުމެ ގޭގައި ތިބެގެން މަސައްކަތްކުރުމާއި، ބޭރުގައި އުޅޭއިރު ސޯޝަލް ޑިސްޓެންސް ބެހެއްޓުމާއި، ވިޔަފާރިކުރާ ތަންތަނާއި ނައިޓްކްލަބްތައް ބަންދުކުރުމާއި، މާސްކު އަޅައިގެން އުޅުމަށް އަންގާފައިވާ އެންގުންތައް މިއަދު އުވާލުމާއެކު މީހުން ދަނީ އުފާފާޅުކުރަމުންނެެވެ. އިނގިރޭސި ޚަަބަރުފަތުރާ ވަސީލަތްތަކުން މިއަދު (19 ޖުލައި) ސިފަކޮށްފައިވަނީ "މިނިވަންކަމުގެ ދުވަސް" ގެ ގޮތުގައެވެ.

"އަަަަަަހަރެން ބޭނުމީ ނަށަން. އަހަރެން ބޭނުމީ ލައިވް މިއުޒިކް އަޑުއަހަން. ގިނަ ބައެއްގެ ތެެރޭގައި ވުމުގެ އުުފާ ލިބިގަންނަން." ނައިޓްކްލަބްތައް ހުޅުވޭތީ އެކަމުގެ އުފަލުގައި ވާހަކަދެއްކި މީހަކު ބުންޏެވެ.

"މިނިވަންވުމުގެ" އުފާ ގިނަ ބަޔަކު ފާޅުކުރަމުން ދިޔަނަމަވެސް، ޑެލްޓާ ވޭރިއެންޓް ފެތުރުން ހަލުވިކަމާއެކު އިތުރުވެ ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 50 ހާހަށްވުރެ މައްޗަށް ގޮސްފައި ވަނިކޮށް ކުއްލިއަކަށް ފިޔަވަޅުތައް އުވާލުމުން ކަންބޮޑުވާ މީހުންވެސް މަދެއް ނޫނެވެ.

"އަހަރެންނަށް ވެސް އުފާވެރިކަމުގެ ޝުއޫރު އިހުސާސުކުރެވޭ. އެހެންނަމަވެސް، އެ ޝުއޫރާއެކު ކަންބޮޑުވުންވެސް ވަނީ އެކުވެފައި. ކުރިމަތުވަމުން އަންނަ ބޮޑު ނުރައްކަލެއްގެ އިހުސާސުކުރެވޭތީ." އިނގިރޭސިއަކު އޭނާގެ ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

ޔޫރަޕްގެ ހުުރިހާ ގައުމަކަށްވުރެ އަވަހަށް ގައުމުގެ ގިނަ ބަޔަކަށް ވެކްސިން ޖަަހައި ނިންމުމަށް ފަހު، ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ސަރުކާރުން އުންމީދުކުރަނީ ގައުމުގެ ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވުމުން، ފިޔަަޅުތައް އުވާލިނަމަވެސް، ކޮވިޑް-19 ކޮންޓުރޯލުވާނެ ކަމުގައެވެ.

އިންގްލޭންޑްގައި ފިޔަވަޅުތައް މުޅިން އުވާލި ނަމަވެސް، ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)ގެ އިއްތިހާދުގައި ހިމެނޭ އެހެން ސަރަހައްދުތައް ކަމަށްވާ ވޭލްސް، ސޮކްޓްލޭންޑް އަދި ނޯދަން އަޔަލޭންޑުން ނިންމާފައި ވަނީ ފަރުވާތެރިކަމާއެކު ލަސްލަހުން ފިޔަވަޅުތަކަށް ލުއި ދިނުމަށެެވެ.

އިންގްލޭންޑްގައި އަޅާފައިވާ ފިޔަަވަޅުތައް މުޅިންހެން ދޫކޮށްލަން ނިންމިއިރު އިއްޔެވެސް އިނގިރޭސިވިލާތުގައި 48 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 25 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.