ޓޫރިޒަމް ގާނޫނުން ލިބެން އޮތް ފައިދާއަކީ މާކުރިންވެސް އެމްޑީޕީއަށް އެނގޭ ފައިދާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައިސް މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާޙު މުޅި މަޖިލީހުގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅަމުން ދެއްކެވި ވާހަކަފުޅުގައެވެ. ފައިދާ ހޯދިދާނެކަންކަން އެނގުނު ނަމަވެސް އެމްޑީޕިއަށް އެކަންކަން ހަގީގާތަކަށް ހެދެނީ އެފުރުސަތު އެމްޑީޕީއަށް ލިބުމުން ކަމަށް ރައީސް ނަޝީދު ފާހަގަ ލކުރެއްވިއެވެ.
މިހާރު ހުށަހެޅިފައިވާ އިޞްލާޙުން ބަޖެޓަށް ދޮޅުބިލިއަނާއި ދެބިލިއަނާ ދޭތެރޭގެ އާމްދަނީ އެއް ލިބިގެންދާނެކަމާމެދު ޝައްކު ނުކުރއްވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
" ބައެއް އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑު އަޖާއިބަކަށް ހައިރާނަކަށްވި ކުއްލި އަކަށް ޑެފިސިޓް ކުޑަވުމާއި ކުއްލިއަކަށް އާމްދަނީ ބޮޑުވުމުން. ކުއްލި އަކަށް ނޫންއެއީ، މިއާމްދަނީ ދިވެހި ދައުލަތުގައި އޮތްކަން އެނގޭތާ އެތައް ޒަމާނެއް. އަޅުގަނޑުމެންނަށް ވެރިކަމުގައި ބައިވެރިވެވުނީމާ މިބާވަތުގެ އާމްދަނީ ދިވެހިންނަށް ހޯދައި ދެވޭނީ. ޖީއެސްޓީއަކީ ވެސް ކުއްލިއަކަށް ގެނެވުނު އާމްދަނީއެއް ނޫން. ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ އާމްދަނީ އަކީވެސް ކުއްލިއަކަށް ގެނެވުނު އާމްދަނީ އެއް ނޫން. އަދި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީވެސް އެއީ ކުއްލިއަކަށް ލިބުނު އާމްދަނީއެއް ނޫން. އެތައް އަހަރެއް ވަންދެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ދިވެހިންގެ އެތައް ބަޔަކު ވިސްނާފައިވާ އާމްދަނީއެއް އެއީ. ސަރުކާރު ހިންގުމާ ހަވާލު ވެވުނީމާ އެ އާމްދަނީ ސަރުކާރަށް ހޯދައި ދެވެނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން 2008 ވަނަ އަހަރު ސަރުކާރު ހިންގުމާ ޙަވާލުވި ދިވެހި ދައުލަތުގެ އާމްދަނީ އަކީ ހަތް ބިލިއަން ރުފިޔާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއަހަރު ކޮވިޑްތެރޭގައިވެސް އާމްދަނީ 17 ބިލިން ލިބޭނެކަމަށް އަންދާޒާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރަނގަޅަށް ކަންކަންދާ އާދައިގެ އަހަރެއް ނަމަ ދައުލަތުގެ އާމްދަނީ 26 ބިލިއަނަށް ގެނެވޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމް ޤާނޫނަށް ގެންނަ އިޞްލާޙުން ޕާމަނަންޓް ރެސިޑެންސީ އާއެކު ރާއްޖޭގައި ދިގު މުއްދަތެއްގައި އުޅުމުގެ ފުރުޞަތު ފަތުރުވެރިންނަށް ހުޅުވާލެވޭނެއެވެ. އެހެންކަމުން ޓޫރިޒަމް ދާއިރާއިން ރިއަލްއެސްޓޭޓް ވިޔަފާރީ ފުޅާކުރުމުގެ ފުރުޞަތު ބިލުން ވަރަށް ބޮޑަށް ފަހިވެގެންދާނެއެވެ.