އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ވާހަކަދައްކަން ފުރުޞަތު ނުދެއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

 އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ވާހަކަދައްކަން މަޖިލީހުގެ ތަޅުމުން ފުރުޞަތު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތިޤާލީ ބިލާ ބެހޭގޮތުން ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުން، ދީނީ ޢިލްމުވެރިންގެ އަޑު ކަނޑުވާލުމަށް މިހާރުގެ ސަރުކާރުން މަސައްކަތްކުރައްވާކަމަށް ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވެ ވާހަކަދައްކަވަން ފެށްޓެވުމުންނެވެ.

ޝިޔާމް ވިދާޅުވީ އެމްޑީއެން 45 ދުވަސް ތެރޭގައި އުވާލާނެކަމަށް ސަރުކާރުން ވިދާޅުވީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދިޔަ ރައްޔިތުންނަށް ތަޞައްލީއެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް އެޖަމްޢިއްޔާ އުވާލުމުގެ ކުރިން އިސްލާމްދީނަށް ދަޢުވަތުދޭ ޖަމާޢަތެއްކަމަށްވާ، ޖަމީޢަތުއްސަލަފް އުވާލެއްވުމަށް މަސައްކަތްކުރަމުންދާތަން ފެންނަމުންދާކަމަށް ވިދާޅުވިއެވެ. އަދި ދީނީ ޢިލްމުވެރިންގެ ދޫތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވެސް އޭނާ ތުޙުމަތުކުރެއްވިއެވެ.

ސަރުކާރުން ދީންހުއްޓުވާލާ ވާހަކައާއި ހެޔޮލަފާ ނަޞޭޙަތްދިނުން ހުއްޓުވާ ވާހަކަ ދައްކަވައި، ރައްޔިތުންގެ ހިތުގައި ނަފްރަތް އުފެދޭ ގޮތަށް ދީނާ ގުޅޭ ވާހާކަތައް ދެއްކުމުގެ ފުރުޞަތު މަޖިލީހުގެ ތަޅުމުގައި ނުދެއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މަޖިލީސް އެގޮތަށް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސަށް ޤަވާއިދުން ތަންދޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ޖަމީޢަތުއް ސަލަފް އުވާލުމަށް އެމަނިކުފާނު އެދިވަޑައި ނުގަންނަވާކަމަށެވެ. ނަމަވެސް އެއްވެސް ޖަމާޢަތަކުން މީހުން މެރުމަށާއި ހަނގުރާމައަށް މީހުން ފޮނުވުމަށް ހިތްވަރުދޭ ބާވަތުގެ އެއްވެސް ވާހަކަ އެއް ދެއްކިގެން ނުވާނެކަމަށެވެ.

ސަލަފު ޖަމްޢިއްޔާއަށް ނިސްބަތްވި، މޮސްކޯގެ ޖަލީލަކީ ވެސް އޭބާވަތުގެ ވާހަކަ ދައްކަވައި އުޅުމަށްފަހު އެންމެފަހުން ޕާކިސްތާނުގައި އަމިއްލަ ގައިގައި ބޮމެއް ހަރުކޮށްގެން ގޮސް ގޮއްވާލީ މީހެއް ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމެއް ކަމަށާއި އިސްލާމްދީނަށް ދައުވަތު ދިނުމަކީ ހުއްޓާލެވޭނެކަމެއް ނޫންކަމަށެވެ. އަދި އިސްލާމް ދީނުގެ ވާހަކަ ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.