ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ރައީސް ނަޝީދުވެސް ތާއީދުކުރައްވާ

ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ތާއިދުކުރައްވައިފިއެވެ.

ރައިސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި އެހެންކަމުން އެގައުމުގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދެންވާނެ ކަމަށެވެ.

ލަންކާގައި ރާއްޖޭގެ މުސްލިމުން ވަޅުލުމަށް ސަރަހައްދެއް ކަނޑައެޅިފައިވާކަން ފާހަގަ ކުރައްވައި، އެއީ ޖަވަތާ މިސްކިތުގެ ގަބުރުސްތާނުކަމަށް ވިދާޅުވެފައި ވެއެވެ. އެތަނުގައި ރާއްޖޭގެ ހަތަރު ޖީލެއްގެ ލީޑަރުން ވަޅުލާފައިވާކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ބައެއް ސިޔާސީ ބޭފުޅުންގެ މެދުގައިވެސް ވަނީ ޚިޔާލުތަފާތުވެފައެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ރައީސް މައުމޫނު ވަނީ މިކަމާ ދެކޮޅުކަން ހާމަކުރައްވައިފައެވެ. ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމާ ދެކޮޅަށް ރައީސް މައުމޫނު ރެއިން ފެށިގެން ގެންދަވަނީ ޓްވީޓްތައް ކުރައްވަމުންނެވެ. މިކަމާ ގުޅިގެން މިއަދު ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝްރީލަންކާގައި ކޯވިޑްޖެހިގެންމަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެމީހުންގެހަށިތައް އަންދާނުލުމަށް، ޝްރީލަންކާސަރުކާރުގައި ދެންނެވުންމާރަނގަޅުވާނެކަމަށެވެ.

ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމާ ދެކޮޅަށް ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ ޓްވީޓްތަކުގެ ތެރޭގައި މިއަދު ވަނީ ސަރުކާރަށް ފާޑު ވުދާޅުވެ، ރައީސް މައުމޫނުގެ ވެރިކަމުގައި ބަންޑާރަނާއިބްކަން ކުރެއްވި ޑރ. މުޙައްމަދު މުނައްވަރު ކުރެއްވި ޓްވީޓަކަށް ވެސް ތާއީދުކުރައްވައިފައެވެ.

ޑޮކްޓަރު މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ އިސްލާމިކް ރިޕަބްލިކް އޮފް ގަބުރުސްތާނު" އެވެ. އެއީ އެމައްސަލައިގައި ސަރުކާރަށް ޖެއްސުމަށް ވިދާޅުވެފައިވާ ވާހަކަ ފުޅެއްކަމަށް ބެލެވެއެވެ. "ތިޔަ ވިދާޅުވީ ރަނަގަޅު ވާހަކަފުޅެއް" ކަމަށް ވިދާޅުވެ އެ ޓްވީޓަށް ތާއީދު ކުރައްވައިފައެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނަވައި މިފަދަ ޓްވީޓަކަށް ރައީސް މައުމޫނު ތާއީދު ކުރެއްވިކަން ހާމަވި މިފުރަތަމަ ފަހަރެވެ.

ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުން ވެގެން ދާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށްކުރެވޭ ތާއީދަކަށްކަމަށް ވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ. ކޯވިޑްގެ ސަބަބުން މަރުވާ ސްރީލަންކާމުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭންޖެހޭނެކަމެއްނޫންކަމަށް ވެސް ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.